ގާފަރު ބަލިކޮށް އޭދަފުށި ފައިނަލަށް

ގާފަރާއި އޭދަފުށި ބައްދަލު ކުރި މެޗުގެ ތެރެއިން– ފޮޓޯ/ސިޑިބަރި

މިހާރު ކުރިއަށްދާ ސޮނީ ސްޕޯޓްސް ގޯލްޑެން ފުޓްސަލް ޗެލެންޖުގެ ސެމީ ފައިނަލުގައިމިރޭ ކުޅުނު ދެވަނަ މެޗުން ކ. ގާފަރު މައްޗަށް ކުރި ހޯދައި, ބ. އޭދަފުށިން މުބާރާތުގެ ފައިނަލަށް ދަތުރު ކޮށްފިއެވެ.

މިރޭ ހުޅުމާލޭގެ ރެހެންދި ފުޓްސަލް ދަނޑުގައި ކުޅުނު ސެމީ ފައިނަލްގެ ދެވަނަ މެޗުގައި އޭދަފުށިން ކ. ގާފަރު ޕެނަލްޓީގައި ބަލިކުރީ 6-5 އިންނެވެ. މެޗު ޕެނަލްޓީއަށް ދިޔައީ 2-2 އިން ފުރިހަމަ ވަގުތު އެއްވަރުވެގެންނެވެ.

މީގެ ކުރިން ފައިނަލުގައި ކުޅެ ބަލިވެފައިވާ ދެ ޓީމު ކަމަށްވާ ގާފަރާއި އޭދަފުށީގެ ކުރިމަތިލުން އާދަޔާހިލާފަށް ފޯރިގަދަކޮށް ފެނިގެން ގޮސްފައިވާ އިރު، ހަމަލާތައްވެސް ގިނައެވެ. ދެޓީމުގެ ގޯލްކީޕަރުންވެސް މެޗުގައި ތަފާތު މޮޅު ކުޅުމެއް ދައްކާފައިވާ އިރު، ފެނުނީ ފުރިހަމަ ފުޓްސަލް މެޗެކެވެ.

ރޭގެ މެޗުގެ ހަވަނަ މިނެޓުގައި ގާފަރުން ވަނީ ގޯލު ޖަހާ ލީޑު ނަގާފަ އެވެ. އޭދަފުށީގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު ގާފަރުގެ އަލީ މާއިސް (މައްޓު) ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ. މި ލަނޑަށް ފަހު ވެސް މައްޓު ވަނީ ނުރައްކާތެރި ދެ ބޯޅައެއް ގޯލާ އަމާޒުކޮށް ފޮނުވާލާފަ އެވެ. އެކަމަކު އޭދަފުށީގެ ކީޕަރު އަބްދުالله ނާސިހް ވަނީ ދިފާއުކޮށްފަ އެވެ.

ގާފަރާއި އޭދަފުށި ބައްދަލު ކުރި މެޗުގެ ތެރެއިން– ފޮޓޯ/ރާއިފް ޔޫސުފް

ދެ ވަނަ ހާފު ފަށައިގެން އޭދަފުށިން ކުޅުން ރަނގަޅުކުރިއިރު, އެޓީމުން ވަނީ މި ހާފުގައި ގޯލު ޖަހަން ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ. މެޗު ނިމެން ހަތަރު މިނެޓަށްވެފައި ވަނިކޮށް އޭދަފުއްޓަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އަލީ ފާސިރު (ސެންޓޭ) ޖެހި ގޯލުންނެވެ. މިއީ, ގާފަރުގެ އަޒްޔާން އަތުން ގެއްލުނު ބޯޅައެއް ހޯދާ ސެންޓޭ އޭރިއާ ބޭރުން ގޯލުގެ ތިރީ ކަނަށް އަމާޒުކޮށްލި ބޯޅައަކުން އެނާ ޖެހި ގޯލެކެވެ.

އެކަމަކު އޭގެ ފަހުން އޭދަފުށީގެ ފަސް ފައުލު ހަމަވެގެން ގާފަރަށް ވަނީ ދުރު ޕެނަލްޓީ އެއް ލިބިފަ އެވެ. ގާފަރުގެ ރިމާހު ފޮނުވާލި ހަމަލާ އޭދަފުށީގެ ކީޕަރު ނާސިހު ވަނީ ދިފާއުކޮށްފަ އެވެ.

ގާފަރާއި އޭދަފުށި ބައްދަލު ކުރި މެޗުގެ ތެރެއިން– ފޮޓޯ/ރާއިފް ޔޫސުފް

މެޗު ނިމެން ކުޑަ ވަގުތުކޮޅަކަށް ވެފައި ވަނިކޮށް ގާފަރު ޓީމުން ވަނީ ދެވަނަ ފަހަރަށް މެޗުގައި ލީޑު ނަގާފައެވެ. މި ގޯލު ގާފަރު ޓީމަށް ކާމިޔާބު ކޮށްދިނީ ޝަނާން ރަޝާދުއެވެ. ގާފަރު ޓީމުން މި ގޯލު ޖަހިތާ މާ ގިނައިރުތަކެއް ނުވަނީސް އޭދަފުށި ޓީމުގެ ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ) ވަނީ ގޯލެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ ދެވަނަ ފަހަރަށް އެއްވަރު ކޮށްދީފައެވެ.

ގިނަ ޕެނަލްޓީތަކެއް ޖެހި ސެމީ މެޗުގައި 6-5 އިން މެޗު، އޭދަފުށި މެޗު ކާމިޔާބުކުރި އިރު، މިއީ އެޓީމުން ފައިނަލަށް ދިޔަ ދެވަނަ ފަހަރެވެ. ފައިނަލްގައި އޭދަފުށި ނުކުންނާނީ ގަމާ ދެކޮޅަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.