ފުޓްސަލްގެ އެންމެ ޝަރަފްވެރި ތަށި އޭދަފުއްޓަށް ގެންދަން ސަޕޯޓަރުން އައިސް ދަނޑު ފުރާލަދީ

މިއަދަކީ ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގެ ފައިނަލުގައި އޭދަފުށިން ލ. ގަމާ ދެކޮޅަށް ނުކުންނަ ދުވަހެވެ. މިއީ އަނެއްކާވެސް އޭދަފުށީ ފުޓްބޯޅައިގައި ބޮޑު ދުވަހެކެވެ.

މީގެކުރިން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބޭއްވި މިނިވަން ޗެމްޕިއަންޝިޕް 2016 ވަނަ އަހަރު އޭދަފުށި ވަނީ ކާމިޔާބުކޮށްފަ އެވެ. އޭގެ 7 އަހަރު ފަހުން މިރޭ އޭދަފުށީ ފުޓްސަލް ޓީމު އެ ނުކުންނަނީ މުޅި ރާއްޖެ އަށް ހުޅުވާލައިގެން ބާއްވާ ފުޓްސަލް މުބާރާތުގެ ފައިނަލުގައި ވާދަކުރާށެވެ.

މުބާރާތުގައި 129 ޓީމު ބައިވެރިވިއިރު އޭދަފުއްޓާއި ގަން ފައިނަލަށް ދަތުރުކުރީ މޮޅު ކުޅުމެއް ދައްކައިގެންނެވެ. ހާއްސަކޮށް ނޮކައުޓް ބުރުތަކުން ފެށިގެން އެ ދެޓީމުގެ ކުޅުން އިތުރަށް ރަނގަޅުކޮށް ޕެނަލްޓީގައި ވެސް ކާމިޔާބީ ހޯދީ އެވެ.

މިރޭ އޭދަފުށީ ފުޓްސަލް ޓީމު ތައްޓަށް އަމާޒު ހިފައިގެން ނުކުންނައިރު ޓީމުން އެދެނީ މުޅި ރަށުގެ ސަޕޯޓަށެވެ. މުބާރާތަށް ޓީމު ނެރުނު ޔުނައިޓެޑް ވީ އިން ބުނީ ކުޅުންތެރިންނަށް ލިބޭނެ އެންމެ ބޮޑު ހިތްވަރަކީ ސަޕޯޓަރުންގެ ފުރިހަމަ ތަރުހީބު ކަމަށެވެ.

“ކުޅުންތެރިންގެ އެންމެ ބޮޑު ހިތްވަރަކަށް ވާނީ ސަޕޯޓަރުން. މިއީ އޭދަފުށީ ސަޕޯޓަރުން އައިސް ދަނޑު ފުރާލަންވީ ވަގުތު. މިއީ އޭދަފުއްޓަށް ހުއްޓުމެއް ނެތި ސަޕޯޓް ދޭންވީ ވަގުތު. އަޅުގަނޑުމެން އެދެނީ އެކަން ވަރަށް ފުރިހަމައަށް ސަޕޯޓަރުން މި މެޗުގައި ކޮށްދޭން” ޔުނައިޓެޑް ވީގެ އޮފިޝަލް ބުންޏެވެ.

މިނިވަން ޗެމްޕިއަންޝިޕް ފައިނަލުގައި 2016 ވަނަ އަހަރު ތިމަރަފުށި ބަލިކުރި މެޗަށް އޭދަފުށީގެ އެތައް ސަތޭކަ ސަޕޯޓަރުންނެއް ވަނީ މާލެ އައިސްފަ އެވެ. އެފަހަރު ޓީމުން ތަށި ނެގިއިރު ހުއްޓުމެއް ނެތި ގަލޮޅު ދަނޑުގައި ސަޕޯޓަރުން ދިޔައީ ތަރުހީބު ދެމުންނެވެ. ފުޓްސަލް ޓީމުން މިރޭ އާކުރަން ބޭނުންވަނީ އެ ހަނދާނެވެ.

“ފުޓްސަލް ޓީމުގެ އުއްމީދަކީ ފުޓްބޯޅައިގައި ހޯދި ބޮޑު ކާމިޔާބީ މިއަހަރު އޭދަފުއްޓަށް ހޯދައިދިނުން. އެދުވަހު ސަޕޯޓަރުން ލީ ހިތްވަރު މިރޭ ވެސް ބޭނުންވޭ. ސެމީ ފައިނަލް މެޗުގައި ވެސް ސަޕޯޓަރުންގެ އެ ހިތްވަރު ޓީމުން ފާހަގަކުރަން”

ސަޕޯޓަރުންނަށް ދޫކޮށްލި މެސެޖުގައި ޔުނައިޓެޑް ވީ އިން ބުންޏެވެ.


މިރޭ ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ފައިނަލް މެޗު ފަށާނީ 9 ޖަހާއިރު އެވެ. އެކަމަކު ވީހާވެސް އަވަހަށް ދަނޑު ސަރަހައްދަށް ގޮސް ޓީމަށް ސަޕޯޓް ދިނުމުގެ ތައްޔާރީތައް ވާން ޓީމުން އެދެ އެވެ.

ގޯލްޑަން ފުޓްސަލްގައި އެންމެ ފުރަތަމަ ކުޅުނު އަތޮޅު ބުރުގެ ފައިނަލުގައި އޭދަފުށި ވަނީ ތުޅާދޫ ބަލިކޮށް ޗެމްޕިއަންކަން ހޯދާފަ އެވެ. އޭގެފަހުން ޒޯން ފައިނަލުގައި ކ. ގާފަރާ ވާދަކޮށް ބަލިވި އެވެ. އެކަމަކު ޒޯން ރަނަރަޕް ޓީމުގެ ހައިސިއްޔަތުން ގަދަ 16 އިން ފުރުސަތު ލިބުނެވެ.

ނޮކައުޓް ބުރުގައި ކުޅުނު ތިން މެޗުން ވެސް އޭދަފުށި ކުރި ހޯދީ ޕެނަލްޓީ އިންނެވެ. ގަދަ 16 ގެ މެޗުގައި މާފަންނާ 3-3 އިން އެއްވަރުވެ ޕެނަލްޓީގައި ކުރި ހޯދި އެވެ. ކުއާޓާ ފައިނަލުގައި ތިމަރަފުއްޓާ ވާދަކުރި މެޗު ވެސް ނިމުނީ 3-3 އިން އެއްވަރުވެގެންނެވެ. އެ މެޗުގައި ޕެނަލްޓީގައި ކުރި ހޯދި އެވެ. ސެމީ ފައިނަލުގައި ގާފަރާ ވާދަކުރި މެޗު 2-2 އިން އެއްވަރުވެ ޕެނަލްޓީގައި މޮޅުވީ އެވެ.

މިއީ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ފައިނަލުގައި އޭދަފުށި ކުޅޭ ދެ ވަނަ ފަހަރެވެ. މުބާރާތުގެ ފައިނަލުގައި 2019 ވަނަ އަހަރު ވާދަކޮށް ތިމަރަފުށި އަތުން ބަލިވީ އެވެ. އޭގެފަހުން ކުޅުނު ދެ މުބާރާތުގައި ކެޓީ ކުއާޓާ ފައިނަލުންނެވެ.

އެހެން އަހަރުތަކާއި ހިލާފަށް މިއަހަރަކީ ގޯލްޑަން ފުޓްސަލް އަށް އޭދަފުށިން އެންމެ ވަރުގަދަ ޓީމު ނެރުނު އަހަރެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.