ބައިނަލްއަގުވާމީ ގޭމިން ޕްލެޓްފޯމް، “އުރީދޫ ނޭޝަން – ގޭމާޒް ލޭންޑް 2024” އިފްތިތާހުކޮށްފި އެވެ.
އޫރީދޫ ހެޑްކްއާޓާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ގޭމާސް ލޭންޑް އިފްތިތާހުކޮށްދެއްވީ އުރީދޫގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޚާލިދު އަލް ހަމާދީ އާއި ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދުއެވެ.
މިއީ ރާއްޖޭގެ އުފެދިފައިވާ ގޭމިން ކޮމިއުނިޓީ އާއި ގޭމް ކުޅޭ ހުރިހާ މީހުނަށް ބައިވެރިވެވޭ ގޮތަށް ރާވާފައިވާ ހަރަކާތެކެވެ.
މި ހަރަކާތް ފަށާނީ އަންނަ އޮކްޓޫބަރު މަހުއެވެ. މުޅި އަހަރަށް ބަހާލައިގެން ބޭއްވޭ އީއޭއެފްސީ 24، މޮބައިލް ލެޖެންޑްސް އަދި ޕަބްޖީ ޓޯނަމަންޓްތަކުގެ ޖުމްލަ ޕްރައިޒް ޕޫލްއަކީ 700،000 ރުފިޔާއެވެ.
މި އަހަރުގެ އުރީދޫ ނޭޝަންގައި އިންޓަ ސްކޫލް، އިންޓާ ޔުނިވާސިޓީ/ކޮލެޖު، އިންޓަ އޮފިސް، އިންޓަ ރިސޯޓު މުބާރާތްތައް ހިމެނެއެވެ.
ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު ވިދާޅުވީ، އުރިދޫއަކީ ރާއްޖޭގެ މުވާސަލާތީ ހިދުމަތަށް އިންގިލާބެއް ގެނެސްދީފައިވާ ކުންފުންޏެއް ކަމަށާއި އެ ކުންފުނިން އަންނަނީ ޒުވާނުންނަށް އަމާޒުކޮށްގެން ބާއްވާ މިފަދަ މުބާރާތްތަކުގައި އާމްދަނީ ލިބޭނެ ގޮތްތައްވެސް ފަހިކޮށްދެމުން ކަމަށެވެ.
މި މުބާރާތާ ގުޅޭގޮތުން އުރީދޫގެ ސީއީއޯ ޚާލިދު އަލް ހަމާދީ ވިދާޅުވީ މިއީ ރާއްޖޭގައި ގޭމު ކުޅެން ޝައުގުވެރިވާ ހުރިހާ އެންމެނަށް ބައިވެރިވެވޭ ގޮތަށް ކުރިޔަށްގެންދާ މުބާރާތެއް ކަމަށާއި މިފަހަރުގެ މުބާރާތް ރާއްޖެއިން ބޭރަށް ގެންދިއުމަށްވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އުރީދޫ ނޭޝަންގައި ބައިވެރިވާ ހުރިހާ ބައިވެރިންނަށް “އަލްޓިމޭޓް ޕްލޭޔާ” ޓްރޮފީ އަށް ވާދަކުރުމުގެ ފުރުސަތު އޮންނާނެއެވެ. “އަލްޓިމޭޓް ޕްލޭޔާ” އަކީ ގޭމަރުންގެ ތެރެއިން ހޮވާލެވޭ މޮޅު ކުޅުންތެރިޔާއެވެ.
އެގޮތުން މިއީ ރާއްޖޭގައި މިފަދަ ފަންނާނެއް ހޮވޭ ފުރަތަމަ ފަހަރެވެ.