ގޯލްޑަން ފުޓްސަލް ޗެލެންޖު 2024 ގެ ޗެމްޕިއަންކަމާ އެކު ރާއްޖޭގެ ފުޓްސަލްގެ ރަސްކަމަށް އެރި އޭދަފުށީ ފުޓްސަލް ޓީމު މިއަދު ހަވީރު 4:00 ރަށަށް އަންނާނެ އެވެ.
އޭދަފުށި ރާއްޖޭގެ ފުޓްސަލްގެ ރަސްކަން ހޯދީ ރޭ ކުޅުނު ފައިނަލުގައި ލ. ގަން 2-4 އިން ބަލިކޮށްގެންނެވެ. މެޗުގައި އޭދަފުށީގެ ގޯލުތައް ކާމިޔާބުކޮށްދިނީ އިޝާން އިބްރާހީމް (ސައްޓު) އާއި މުހައްމަދު ފާސިރު (ފާއްޓެ) އަދި އަލީ ފާސިރު (ސެންޓޭ) އެވެ. ސެންޓޭ ވަނީ މެޗުގައި ދެ ގޯލު ޖަހައިފަ އެވެ.
ފައިނަލް މެޗުގައި އޭދަފުށި ޓީމަށް ސަޕޯޓް ކުރުމަށް އެތައް ސަތޭކަ ބަޔަކު ވަނީ މާލެ ގޮސްފަ އެވެ.
އޭދަފުށިން ގޯލްޑަން ފުޓްސަލް ޗެލެންޖް ކާމިޔާބުކުރި މިއީ ފުރަތަމަ ފަހަރެވެ. މުބާރާތުގެ ފައިނަލުގައި 2019 ވަނަ އަހަރު ވާދަކޮށް އޭދަފުށި ވަނީ ބަލިވެފަ އެވެ. މިއަހަރުގެ މުބާރާތަށް ނުކުތީ އެ ހިތްދަތި ހަނދާން ތައްޓަށް ބަދަލުކުރަން އަމާޒުހިފައިގެންނެވެ.
އޭދަފުށިން މިހާރު ވަނީ މުޅި ރާއްޖެ އަށް ހުޅުވާލައިގެން ބޭއްވި ފުޓްބޯޅަ އާއި ފުޓްސަލްގެ ޗެމްޕިއަންކަން ހޯދާފަ އެވެ. ފުޓްބޯޅައިގައި 2016 ވަނަ އަހަރު މިނިވަން ޗެމްޕިއަންޝިޕް ކާމިޔާބުކުރި އެވެ. ގޯލްޑަން ފުޓްސަލް ޗެލެންޖުގެ އިތުރުން މުޅި ރާއްޖެ އަށް ހުޅުވާލައިގެން ބޭއްވި ހާފް އައިލެންޑް ކަޕް 2014 ވަނަ އަހަރު އޭދަފުށި ހޯދި އެވެ.
މިއަހަރުގެ މުބާރާތުގެ ޗެމްޕިއަންކަމުގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ދޭ ކިންގުގެ މަގާމް އޭދަފުށީގެ އިޝާން އިބްރާހީމް (ސައްޓު) ވަނީ ހޯދާފަ އެވެ. ސައްޓު ވަނީ ގަދަ ފަހެއްގައި ވެސް ހިމެނިފަ އެވެ. ސައްޓުގެ އިތުރުން ހައިޝަމް ހަސަން ގަދަ ފަހެއްގައި ހިމެނުނުއިރު އެންމެ މޮޅު ގޯލްކީޕަރުގެ މަގާމް އަބްދުﷲ ނާސިހު ވަނީ ހޯދައިފަ އެވެ.
މިއަހަރުގެ މުބާރާތަށް އޭދަފުށި ޓީމު ތައްޔާރުކުރީ ޔުނައިޓެޑް ވީ އިންނެވެ. މުބާރާތަށް ޓީމު ތައްޔާރުކުރުމުގައި ޔުނައިޓެޑް ވީގެ މެނޭޖްމަންޓުން ވަނީ ބުރަ މަސައްކަތްތަކެއް ކޮށްފަ އެވެ. އެގޮތުން ޓީމު އެކުލަވާލުމުގައި ރަށާއި މާލޭގައި ޓްރަޔަލް ކުރިއަށް ގެންދިޔަ އެވެ. އޭދަފުށި ޓީމު މުބާރާތައް ތައްޔާރުކުރީ ރާއްޖޭގެ މަޝްހޫރު ފުޓްސަލް ކޯޗު އަބްދުﷲ ރަޝީދު (އަބޯ) ގެ އިރުޝާދުގެ ދަށުންނެވެ. އޭދަފުށި ތައްޓާ ހަމައަށް ގެންގޮސްދިނީ ކޯޗު ފައުޒާން ހަބީބް (ފައު) ގެ ކޯޗުކަމުގަ އެވެ.
ފުޓްސަލް ޓީމަށް މަރުހަބާ ކިޔުމުގެ ތައްޔާރީތައް ވަމުން އަންނައިރު ގިނަ ބަޔަކު މިއަދު ހަވީރު ބަނދަރު ސަރަހައްދަށް ދިއުމަށް ފުޓްސަލް ޓީމުން އެދެ އެވެ.