މިއަށްވުރެ އަހަރެން ހޯދަން ބޭނުންވާ އެހެން ކާމިޔާބެއް ނެތް: ސައްޓު

މިިދިޔަ އަހަރު އޮތް މިނިވަން 50 ޗެންޕިއަންޝިޕްގައި އޭދަފުށި ށ..ފޯކައިދޫ އާދެކޮޅަށް ކުޅުނު މެޗްގައި އޭދަފުށި ޓީމްގެ ސައްޓު ބޯޅަ އާއެކީ ކުރިޔަށްދާން މަސައްކަތް ކުރަނީ | ފޮޓޯ:ކުޅުދުއްފުށި އޮންލައިން
މިިދިޔަ އަހަރު އޮތް މިނިވަން 50 ޗެންޕިއަންޝިޕްގައި އޭދަފުށި ށ..ފޯކައިދޫ އާދެކޮޅަށް ކުޅުނު މެޗްގައި އޭދަފުށި ޓީމްގެ ސައްޓު ބޯޅަ އާއެކީ ކުރިޔަށްދާން މަސައްކަތް ކުރަނީ | ފޮޓޯ:ކުޅުދުއްފުށި އޮންލައިން

އިޝާން އިބްރާހިމް އޭ ބުނުމުން އެއީ ކާކު ކަން ރަށުގެ ގިނަ ބަޔަކަށް  ނޭގިދާނެއެވެ. އެކަމަކު ސައްޓު އޭ ބުނުމުން އެއީ ކާކުކަން ނޭގޭ ފުޓްބޯޅައަށް ލޯބިކުރާ މީހަކު ރަށުގައި މަދުވާނެއެވެ. ރަށުގައި ބާއްވާ ކޮންމެ ފުޓްބޯޅަ މުބާރާތުގައި އޭނާ ކުޅެއެވެ. ރަށުން ބޭރުގައި އޮންނަ މުބާރާތްތަކުގައި އޭދަފުށި ތަމްސީލްކުރަންދާ ކޮންމެ ޓީމެއްގައި އޭނާ ހިމެނެއެވެ. މިއިން ކޮންމެ ޓީމެއްގައި ހިމެނުނަސް އޭނާއަކީ އެ ޓީމެއްގެ އެންމެ މުހިއްމު އެކަކެވެ. ގަލޮޅު ދަނޑުގައި އަދި މިވީހާތަނަށް ކުޅެފައި ނެތަސް ސައްޓުއަކީ އޭދަފުށީގެ ފުޓްބޯޅައިގެ އެއް ބްރޭންޑެވެ.

މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ނުކުންނަން ތައްޔާރުވާއިރު ސައްޓުއަކީ ޓީމުގެ ހިތެވެ. މުބާރާތުގެ ހުރިހާ މެޗެއްގައިވެސް އޭނާ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. ފައިނަލް ބުރުގައި މިހާތަނަށް އޭދަފުށި ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެ މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމް ސައްޓު ވަނީ ހޯދާފައެވެ. ފައިނަލާ ހަމައަށް ކުރި ދަތުރުގައި ޓީމުގެ އެއް އިންޖީނަކަށްވީ އޭނާ އެވެ.

މިއަހަރު އޮތް މިނިވަން ޗެންޕިއަންޝިޕްގެ ޒޯން 3 ގެ ފައިނަލް ރައުންޑުގައި އޭދަފުއްޓާއި އިންނަމާދޫ ބައްލުކުރި މެޗް ގެތެރެއިން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް
މިއަހަރު އޮތް މިނިވަން ޗެންޕިއަންޝިޕްގެ ޒޯން 3 ގެ ފައިނަލް ރައުންޑުގައި އޭދަފުއްޓާއި އިންނަމާދޫ ބައްލުކުރި މެޗް ގެތެރެއިން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

ސައްޓުއަކީ ރާއްޖޭގެ އެންމެ މަތީ ފެންވަރުގައި ކުޅެވޭނެވަރުގެ ކޮލިޓީހުރި ކުޅުންތެރިއެއްކަމަށް ރާއްޖޭގެ މަޝްހޫރު ގިނަ ކޯޗުންވެސް ދެކެއެވެ. ރާއްޖޭގެ ބޮޑެތި ބައެއް ކުލަބްތަކަށް ކުޅުމުގެ ފުރުސަތު އޭނާއަށް މާ ކުރިންވެސް ލިބުނެވެ. އެކަމު އެ ހުރިހާ ފުރުސަތެއް އޭނާ ދޫކޮށްލީ ގަލޮޅު ދަނޑުގައި ކުޅޭ ހިތް ނުވާތީއެއް ނޫނެވެ. މިހާރު އަދާކުރާ ވަޒީފާ އާ އާއިލާ އެއަށްވުރެ ސައްޓުއަށް މުހިއްމުވީ އެވެ. އެކަމަކު ރަށު ޓީމާއެކު ގަލޮޅު ދަނޑުގައި ކުޅުމުގެ ފުރުސަތަކީ ސައްޓު ވަރަށް އުއްމީދުކޮށްގެންހުރި ފުރުސަތެކެވެ. އެކަން ހާސިލްވުމުން އޭނާގެ ލޮލުން ކަރުނަ އައެވެ. އުފާވެރިކަން އިންތިހާއަށް ދިއުމުގައި އިތުރު ސަބަބުތަކެއްވެސް ހުރުމާއެކުއެވެ. މިއަދު “އަސްލު އެހާ އުފާވީ ވަރަށް ގިނަ ގޮންޖެހުންތަކަކާ ކުރިމަތިވެފައި އޮއްވާވެސް ފައިނަލަށް ދަތުރުކުރެވުނީތީ. ޓީމު ތިމަރަފުއްޓަށް ފުރިއިރުވެސް އެކިކަހަލަ ފާޑުކިޔުންތައް ޓީމަށް އަމާޒުވެފަ އޮތީ، އަނެއްކާ ސެމީ ފައިނަލަށް އައިއިރު އެ ލެވެލްގެ މެޗަކަށް އެރޭވަރަށްގެ ތަޖުރިބާ ހުރި ބަދަލު ކުޅުންތެރިއަކުވެސް ނެތް” ސައްޓު ކިޔައިދިނެވެ.

ކޮންމެގޮތަކަށް ކަންދިމާވެފައި އޮތަސް ސައްޓުގެ ހުރިހާ ވިސްނުމެއް މިހާރު ހުރީ ހޮނިހިރު ދުވަހުގެރޭ ކުޅޭ ފައިނަލް މެޗަށެވެ.

މިދިޔަ އަހަރު އޮތް މިނިވަން 50 ޗެންޕިއަންޝިޕްގައި އޭދަފުއްޓާއި ދުވާފަރު ބައްދަލުކުރި މެޗްގައި ސައްޓު ބޯޅަ ހިފައިގެން ކުރިޔަށް ދަނީ | އީޓީ ފައިލް ފޮޓީޯ
މިދިޔަ އަހަރު އޮތް މިނިވަން 50 ޗެންޕިއަންޝިޕްގައި އޭދަފުއްޓާއި ދުވާފަރު ބައްދަލުކުރި މެޗްގައި ސައްޓު ބޯޅަ ހިފައިގެން ކުރިޔަށް ދަނީ | އީޓީ ފައިލް ފޮޓީޯ

މުބާރާތުގެ ތަށި ހޯދުމަށްޓަކައި ތިމަރަފުއްޓާ ދެކޮޅަށް ނުކުންނައިރު ގްރޫޕް ސްޓޭޖްގައި 1-0 އިން އެޓީމު އަތުން ބަލިވެފައިއޮތުމަކުން ސައްޓުއައް ހާސްކަމެއް ނެތެވެ. އެއަށްވުރެ ސައްޓުގެ ވިސްނުމުގައި ހުރި ޕޮޒިޓިވް ކަންކަން މާގިނައެވެ.

“ތިމަރަފުއްޓާއެކު ކުޅުނުއިރުވެސް މެޗް ޑޮމިނޭޓްކޮށް ގިނަ ފުރުސަތު ހޯދީ އަހަރުމެން. އަނެއްކޮޅުން ފޭދޫ ބަލިކޮށް ފައިނަލަށަށް ދެވުމުން ޓީމުގެ ކޮންފިޑެންސް އިތުރުވެއްޖެ. އެދުވަހު ކުޅުންތެރިން އެކުރި ހިތްވަރު ފައިނަލް މެޗުގައި ދެއްކިއްޖެއްޔާ މޮޅުވެވޭނެ ކަމަށް ގަބޫލުކުރެވެނީ. އަދި ފައިނަލު މެޗަށް ޓީމުގެ ހުރިހާ ކުޅުންތެރިން ހަމަވުމަކީވެސް ވަރަށް ބޮޑު ހިތްހަމަޖެހުމެއް” ސައްޓު ކިޔައިދިނެވެ.

ބ.އަތޮޅު ފުޓްބޯޅަ ޗެލެންޖްގައި އޭދަފުއްޓާއި ދަރަވަންދޫ ބައްދަލުކުރި މެޗްގައި ސައްޓު ބޯޅަ ހިފައިގެން ކުރިޔަށްދާން މަސައްކަތް ކުރަނީ |އީޓީ ފައިލް ފޮޓޯ
ބ.އަތޮޅު ފުޓްބޯޅަ ޗެލެންޖްގައި އޭދަފުއްޓާއި ދަރަވަންދޫ ބައްދަލުކުރި މެޗްގައި ސައްޓު ބޯޅަ ހިފައިގެން ކުރިޔަށްދާން މަސައްކަތް ކުރަނީ |އީޓީ ފައިލް ފޮޓޯ

އުއްމީދުތައް ކިތަންމެ މަތިވިޔަސް ސަމާލުކަންދޭންޖެހޭ މުހިއްމު ބައެއްކަންކަން ސައްޓުގެ ވިސްނުމުން ފެޔަކަށް ނުދެއެވެ.

“ތިމަރަފުށީ ޓީމުގައި އެބަތިބި އަހަރުމެން ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ފެންވަރުގެ ސްކިލްހުރި ދޭއް ނުވަތަ ތިން ކުޅުންތެރިން. އަނެއްކޮޅުން ޓީމެއްގެ ގޮޔުގައި އެމީހުން ފުދޭވަރަކަށް ވަރުގަދަކޮށް ފެންނަނީ،” މެޗަށް ނުކުންނައިރު ވިސްނަންޖެހޭ ބައެއް ކަންކަން ކިޔައިދެމުން ސައްޓު ބުންޏެވެ. ފައިނަލް މެޗަށް ނުކުންނައިރު ގަލޮޅު ދަނޑުގައި ފަރިތަކޮށްލުމުގެ ފުރުސަތު ލިބިފައިނުވުމަކީ ސައްޓު ބުނިގޮތުގައި އޮތް ނުތަނަވަސް ކަމެކެވެ.

“އަހަރެމެން އާއްމުކޮށް މިކުޅެނީ ވެލިދަނޑުގައި، މާލެ އައިސް ޓާފްގަ ފަރިތަކުރަން ފުރުސަތު ލިބޭ. އެކަމު ޓާފްގައި ކުޅުމާއި، ވިނައިގަ ކުޅުމާވެސް ވަރަށް ތަފާތު. އެހެންވެ އެއީ ކޮންމެވެސް ވަރެއްގެ މައްސަލައެއް ކުރިމަތިވެދާނެ ކަމެއްހެން ހީވަނީ” އޭނާ ބުންޏެވެ.

ސައްޓުގެ ފުޓްބޯޅަ ކެރިއަރ ޖަރީވެފައި އޮތީ މުޅިންވެސް ތައްޓާއި، މެޑަލް އާއި ސެޓްފިކެޓްތަކުންޏެވެ. އޭނާ ރަށު ފެންވަރުގައި އޭނާ ނުހޯދާ ކާމިޔާބެއް ނެތެވެ. އަތޮޅު ތެރޭގައި މިހާތަނަށް ބޭއްވި އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތުގައި އޭނާ ކުޅުނު ޓީމު ތަށި ހޯދިއެވެ. އެތައް އަހަރެއްގެ އިންތިޒާރަށްފަހު ބޭންކޮ އޮފް މޯލްޑިވްސް އިން ކޮލަބް މޯލްޑިވްސް ކަޕް ފުޓްސަލް މުބާރާތް މިއަހަރު ކާމިޔާބުކުރިއިރު އެ ޓީމުގެ ހީރޯއަކަށްވީ ސައްޓުއެވެ. މިހުރިހާ ކާމިޔާބަކަށްވުރެ ބޮޑަށް އޭނާ އެދިގެންހުރި އެހެން ކާމިޔާބެއް އެބައޮޔެވެ. އެއީ ރަށު ޓީމަށް ގަލޮޅު ދަނޑުގައި ކުޅެ ތައްޓެއް ހޯދައިދިނުމެވެ.

އިޝާން އިބްރާހިމް (ސައްޓު) އަށް މިހާތަނަށް ލިބިފައިވާ ޓްރޮފީތަށް
އިޝާން އިބްރާހިމް (ސައްޓު) އަށް މިހާތަނަށް ލިބިފައިވާ ޓްރޮފީތަށް

“މިދިޔަ އަހަރު އޮތް މުބާރާތުގައިވެސް މި ހިސާބަށް އާދެވޭނެ ކަމަށް ވަރަށް އުއްމީދުކޮށްގެންހުރީ، އެކަމަކު ނަސީބު އެފަހަރު އެހީ ނުވީ، މި ތަށި އޭދަފުށްޓަށް ކާމިޔާބު ކުރެވިއްޖެނަމަ ކެރިއަރުގައި އަހަރެން ހާސިލްކުރަން ބޭނުންވި ހުރިހާ ކަމެއް އިރާދަކުރެއްވިއްޔާ ހާސިލްވީ،” ސައްޓު ބުންޏެވެ. މާދަމާރޭގެ ފައިނަލް ސައްޓުއަށް އެހާ ހާއްސަވާ ސަބަބަކީ އެއީއެވެ.

އޭދަފުށި ޓީމުގެ މެނޭޖަރު އަބްދުލްމަޖީދު ހަސަން ކުރިން ބުނެފައިވާ ވާހަކައާ ދާދި އެއް ވާހަކައެއް ސަޕޯޓަރުންނަށް ސައްޓު ބުނެލަން ބޭނުންވެ އެވެ.

“ކުޅި ބަލަން މިވަންނަނީ އާއްމުގޮތެއްގައި ދެކެޓަރީއެއްގެ މީހުން، އެއީ ހަމައެކަނި ކުޅި ބަލަން ވަންނަ މީހުންނާ ސަޕޯޓް ދޭން ވަންނަ މީހުން. ސަޕޯޓަރުންގެ ކިބައިން އެދެނީ ހަމައެކަނި ކުޅިބަލަން ނުތިބެ ފުރަތަމަ މިނެޓުން ފެށިގެން ނުވަދިހަ ވަނަ މިނެޓާ ހަމައަށް ޓީމަށް ސަޕޯޓްކޮށްދިނުމަށް،” ސައްޓު ބުންޏެވެ.

މިނިވަން 50 ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލުން ޖާގަ ހޯދުމާއެކު އޭދަފުށީ ޓީމު މިއަދު ހެނދުނު އެނބުރި ރަށަށް އައުމުން ޓީމަށް މަރުހަބާ ކިޔަނީ– އީޓީ ފޮޓޯ / ތޯރިގް
މިނިވަން 50 ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލުން ޖާގަ ހޯދުމާއެކު އޭދަފުށީ ޓީމު އެނބުރި ރަށަށް އައުމުން ޓީމަށް މަރުހަބާ ކިޔަނީ– އީޓީ ފައިލް ފޮޓޯ

ކޮންމެއަކަސް މާދަމާރޭގެ މެޗަކީ ސައްޓުގެ ފޭނުންނަށްވެސް ވަރަށް ހާއްސަ މެޗެކެވެ. ފުރަތަމަ ފަހަރަށް ގަލޮޅުދަނޑުގައި ސައްޓުކުޅޭތަން ބަލާލަން އެމީހުން ތިބީ ކެތްމަދުވެފަ އެވެ. މިހާތަނަށް އައިއިރު ރާއްޖޭގެ އެކި ހިސާބުތަކުގައި އޭނާގެ ޖާދޫ ދައްކާލާފައެވެ. އެހެންކަމުން ގަލޮޅު ދަނޑުގައި ސައްޓުކުރާ ފުރަތަމަ ތަޖުރިބާއާ ދޭތެރޭ ސަޕޯޓަރުންތިބީ ބޮޑު އުއްމީދެއްގަ އެވެ. އެކަން ކާމިޔާބުވެއްޖެނަމަ ތައްޓާއެކު ރަށު ޓީމު އުފާފާޅުކުރާތީ ހުވަފެނުން އަހަރެމެން ދެކެމުންއައި މަންޒަރު ހަގީގަތަކަށްވުން އިރާދަކުރެއްވިއްޔާ ވަރަށް ގާތެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.