
އަންނަ ފިތުރު އީދާ ދިމާކޮށް އޭދަފުށީގައި ބާއްވާ ފުޓްސަލް މުބާރާތް، 17 ޓީމާއެކު އަންނަމަހުގެ އަށްވަނަ ދުވަހު ފަށާން ތައްޔާރުވެއްޖެ އެވެ.
މިއީ އޭދަފުށީ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ ދެވަނަ ފުޓްސަލް މުބާރާތެވެ. މުބާރާތް ބާއްވަން ނިންމާފައިވަނީ އޭޕްރީލް 08 އިން އޭޕްރީލް 17 އަށެވެ.
އޭދަފުށީ ޓާފް ފުޓްސަލް ދަނޑުގައި ފުރަތަމަ މުބާރާތް ކައުންސިލުން ބޭއްވީ މިދިޔަ އަހަރު އެވެ. މަޝްހޫރު ފުޓްސަލް ތަރިންނާއި އެކު ކުޅުނު އެ މުބާރާތް ދިޔައީ ވަރަށް ފޯރިގަދަކޮށެވެ.
މިދިޔަ އަހަރުގެ މުބާރާތުގައި މަޝްހޫރު ފުޓްސަލް ކުޅުންތެރިން ވަނީ އޭދަފުށީގެ ޓީމުތަކަށް ކުޅެފަ އެވެ. އެގޮތުން، އެންމެ ފާހަގަކޮށްލެވުނު ކުޅުންތެރިއަކީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްސަލް ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ހުސައިން ޝަރީފް (އޮންލީ) އެވެ.
އޮންލީގެ އިތުރުން، މިހާރު ކުރިއަށްދާ ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ނ. ކެނދިކުޅުދޫ ޓީމުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ މުހައްމަދު އައްޒާމް އާއި ގާފަރު ފުޓްސަލް ޓީމުގެ ތަރި ސާމިން މުހައްމަދު ނަސީރުގެ އިތުރުން ވާދޫ ފުޓްސަލް ޓީމުގެ މުހައްމަދު އިޔާދު އަލީ ހިމެނެ އެވެ.
މިއަހަރުގެ މުބާރާތުގައި ވެސް މަޝްހޫރު ފުޓްސަލް ކުޅުންތެރިން ފެނިގެންދާނެ ކަމަށް އޭދަފުށީ ކައުންސިލުން ބުންޏެވެ.
މުބާރާތުގެ ޗެމްޕިއަން ޓީމަށް 30000 ރުފިޔާ ކަނޑައަޅާފައިވާއިރު ރަނަރަޕް ޓީމަށް 15000 ރުފިޔާ ދޭގޮތަށް ވަނީ ހަމަޖެހިފަ އެވެ.
މިދިޔަ އަހަރު އޭދަފުށި ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ އެފްރޯ ސްޕޯޓްސް ކްލަބެވެ. އެޓީމު ޗެމްޕިއަންކަން ހޯދީ ފައިނަލުގައި އެރަށުގެ އޯލް ވުލްވްސް 0-4 އިން ބަލިކޮށްގެންނެވެ.
މިއަހަރު މި ބައިވެރިވާ 17 ޓީމުގެ ސްޕޮންސަރެއްގެ ގޮތުން ރެޑްވޭވް އިން ކޮންމެ ޓީމަކަށް ދިހަހާސްރުފިޔާ ދޭން ވަނީ ނިންމައިފަ އެވެ.