ކައުންސިލް އިދާރާތައް އަޅާ ރަށްތައް ކަނޑައަޅާނެ މިންގަނޑު އާންމުކޮށްފި

ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ މަހު އިއުލާނު ކުރެއްވި ގޮތަށް 50 ރަށެއްގައި ކައުންސިލް އިދާރާ އިމާރާތް ކުރުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ރަށްތައް ކަނޑައަޅާނެ ގޮތުގެ މިންގަނޑެއް ލޯކަލް ގަވަމަންޓް މިނިސްޓްރީން އާންމުކޮށްފި އެވެ.

ރައީސް މިދިޔަ މަހު ރާއްޖޭގެ އުތުރަށް ކުރެއްވި ދަތުރުފުޅުގައި ހދ. މަކުނުދޫގައި ބޭއްވި ޖަލްސާގައި ވިދާޅުވީ، ގިނަ ރަށްރަށުގައި އަދިވެސް ކައުންސިލް އިދާރާ ހިންގަމުން އަންނަނީ ވަރަށް ބާ އިމާރާތްތަކުގައިކަން ރަށްރަށުގެ ކައުންސިލްތަކާ ވެސް ބައްދަލުކުރެއްވުމަށް ކުރެއްވި އެ ދަތުރުފުޅުގައި ފާހަގަވި ކަމަށެވެ.

އެ 50 ރަށް އިމާރާތްކުރަން ހޮވާއިރު އެންމެ އިސްކަމެއް ދެވޭނީ އިމާރާތް ބޮޑަށް ބާވެފައި، ޖާގަ ކުޑަކޮށް ހުރި އަދި އާބާދީ ބޮޑު ރަށްތަކަށް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

އެގޮތުން އިމާރާތްކުރުމަށް 50 ރަށުގެ ކައުންސިލް އިދާރާ ކަނޑައެޅުމަށް ބޭނުންކުރާނެ މިންގަނޑުތަކާއި މާކްސް ދެވޭނެ ގޮތް ލޯކަލް ގަވަމެންޓް މިނިސްޓްރީން މިހާރު ވަނީ އާންމުކޮށްފައެވެ.

ރަށުގެ އާބާދީ، ކައުންސިލުގެ ވަސީލަތް އަދި މިހާރު އިމާރާތް ހުރި ހާލަތަށް ބަލައި ކޮންމެ ބަޔަކަށް 20 މާކްސް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، ކައުންސިލަރުންނާއި އިދާރީ މުވައްޒަފުން އަދި އަންހެނުންގެ ކޮމިޓީ މަސައްކަތް ކުރާނެ ޖާގައަށް ކޮންމެ ބަޔަކަށް ވަކިން ގިނަވަގެން 10 މާކްސް ދޭން ވަނީ ހިމަނާފައެވެ.

އަދި ކޮންމެ އަހަރެއްގައި އެންމެ ރަނގަޅަށް މަސައްކަތްކުރާ ކައުންސިލަކަށް އެލްޖީއޭއިން ދެމުން އަންނަ އެވޯޑު ލިބިފައިވާ ކައުންސިލުތަކަށް އިތުރު 10 މާކްސް ދޭން ލޯކަލް ގަވަމެންޓް މިނިސްޓަރީއިން ވަނީ ނިންމާފައެވެ.

މާކުސް ދޭ ގޮތާއިމެދު ޙިޔާލެއް އޮތްނަމަ މި އަންނަ ހަފުތާ ބުރަސްފަތި ދުވަހު 01:00 ގެ ކުރިން ހުށަހެޅުމަށް މިނިސްޓަރީ އިން ވަނީ އެދިފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.