އޭދަފުށިން ގޯތި ދޫކުރުމުގެ އުސޫލު އާންމުކޮށްފި

ބ. އޭދަފުށި– ފޮޓޯ/ޔާނިއު

ބ. އޭދަފުށިން ދޫކުރަން ނިންމާފައިވާ ގޯތިތަކަށް ކުރިމަތިލުމާ ބެހޭ އުސޫލު އާއްމުކޮށްފި އެވެ.

އޭދަފުށީ ކައުންސިލުން މިއަދު ގެޒެޓްކުރި މި އުސޫލުގައި ބުނެފައިވާގޮތުގައި ގޯތި ދޫކުރުމުގެ މަސައްކަތް ހަމަހަމަކަމާއި އިންސާފުވެރިކަމާއި، އަދި ދެފުށް ފެންނަ ގޮތުގައި ކުރިޔަށް ގެންދާނެ އެވެ. އަދި ގޯތި ދޫކުރެވޭ ފަރާތްތަކަކީ ބޯހިޔާވަހިކަމުގެ ޒަރޫރަތެއް އޮތް، އަދި ބިމުގެ ތަނަވަސްކަން ކުޑަ މީހުންކަން ކަށަވަރު ވެސް ކުރާނެ އެވެ.

މި އުސޫލުގައި އޭދަފުށިން ގޯތި ދޫކުރުމުގައި ބަލާނެ ކަންކަމާއި ގޯއްޗަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކުގެ އިތުރުން ޕޮއިންޓްދޭނެ މިންގަޑުތައް ވެސް ވަނީ އާއްމުކޮށްފަ އެވެ.

ގޯއްޗަށް ކުރިމަތިލާ މީހުންގެ ޝަރުތުތައް:

• ރާއްޖޭގެ އެއްވެސް ރަށަކުން ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް ނުވަތަ އެފަދަ ގޯއްޗަކުން 600 އަކަފޫޓަށް ވުރެ ބޮޑު ބައެއް ލިބިފައިވާ ނުވަތަ އެ މީހެއްގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ މީހަކަށް ނުވުން.

• އެފަދަ ގޯއްޗަކުން 600 އަކަފޫޓަށް ވުރެ ކުޑަ ބިމެއް ލިބިފައިވާ ނަމަ، އެ ބިން ދޫކޮށްލުން.

• ސަރުކާރުން ހަދާފައިވާ އިމާރާތެއްގެ ފްލެޓެއް އެ މީހެއްގެ ނަމުގައި ރަޖިސްޓަރީވެފައި ނެތުން އަދި މިފަދަ ތަނެއް އަމިއްލަ ނަމުގައި އޮވެ، އެ ތަން ދޫކޮށްލާ ނުވަތަ ވިއްކާލާފައިވާތާ ދެ އަހަރު ދުވަހަށް ވުރެ ގިނަ ދުވަސް ވެފައި ވުން.

• އެއްމެދު އިމާރާތެއްގެ ފްލެޓެއް އެ މީހެއްގެ ނަމުގައި ރަޖިސްޓަރީވެފައި ނެތުން އަދި އެފަދަ ތަނެއް އަމިއްލަ ނަމުގައި އޮވެ، ދޫކޮށްލައި ނުވަތަ ހިބައިން ދީފައިވާ ނުވަތަ ވިއްކާލާފައިވާތާ 2 އަހަރަށް ވުރެ ގިނަ ދުވަސް ވެފައި ވުން.

ޕޮއިންޓް ދޭ އުސޫލު – (ކައިވެނީގެ ބައި)

– ގޯއްޗަށް އެދޭ ފަރާތް ކައިވެރިނކޮށްގެން ހުރިނަމަ – 20 ޕޮއިންޓް

– ގޯއްޗަށް އެދޭ ފަރާތް ކުރިން ކައިވެންޏެއްކޮށް މިހާރު ވަރިވެފައިވާނަމަ – 10 ޕޮއިންޓް

– ގޯއްޗަށް އެދޭ ފަރާތަކީ އެކަނިވެރި މައެއް/ބަފައެއް ނަމަ – 15 ޕޮއިންޓް

– ކައިވެންޏަށް 1 އަހަރު ވެފައިވާނަމަ، 1 ޕޮއިންޓް އަދި އިތުރުވާ ކޮންމެ އަހަރަކަށް 1 ޕޮއިންޓް (ގިނަވެގެން 35 ޕޮއިންޓް)

ބ. އޭދަފުށީގައި މަގެއްގައި މީހަކު ސައިކަލުގައި ދިއްވާފައި އަންނަނީ. އޭދަފުށިން އެންމެ ފަހުން ގޯތި ދޫކުރީ 1989ވަނަ އަހަރު

މީގެ އިތުރުން ޕޮއިންޓް ދިނުމުގައި އާއިލާގެ ކުޑަބޮޑުމިނަށް ވެސް ބަލަ އެވެ. އެގޮތުން 18 އަހަރުން ދަށުގެ އުފަން ދަރިއަކު ހުރި ނަމަ ފަސް ޕޮއިންޓް ލިބޭއިރު، ދަރިންގެ އަދަދު ތިނެއް ނުވަތަ އެއަށް ވުރެ އިތުރު ވާނަމަ 15 ޕޮއިންޓް ލިބެ އެވެ. އަދި އާއިލާގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިން ތިބޭނަމަ އިތުރު ޕޮއިންޓް ދެ އެވެ.

މީގެ އިތުރުން އުމުރު ފުރާގެ ބައިން ޕޮއިންޓު ދިނުމުގައި، 40 އަހަރު ފުރިފައިވާ މީހެއް ނަމަ 20 ޕޮއިންޓް، 50 އަހަރު ފުރިފައިވާނަމަ 25 ޕޮއިންޓް އަދި 60 އަހަރުން މަތި ނަމަ 30 ޕޮއިންޓް ލިބެއެވެ.

އޭދަފުށިން ގޯތި ދިނުމާ ބެހޭ އުސޫލަށް އިސްލާހު ގެނެސް މިއަދު އަލުން އާއްމުކުރި އުސޫލުގައިވާތުން، 1200 އަކަފޫޓްގެ 183 ގޯތި ދޫކުރާނެ އެވެ. އެ އުސޫލު އެންމެ ފުރަތަމަ އާއްމުކުރިއިރުގައި، އޭރު އޭދަފުށިން ދޫކުރަން ނިންމާފައިވަނީ 1400 އަކަފޫޓުގެ 158 ގޯއްޗެވެ.

އޭދަފުށީ ކައުންސިލުން ބުނީ، ގޯތި ދޫކުރުމުގެ އުސޫލު މިއަދު ގެޒެޓް ކުރުމާއެކު، ގޯއްޗަށް ކުރިމަތިލުމަށް ފޯމް ހުށަހެޅުމުގެ ފުރުސަތު އަންނަ އޭޕްރިލް މަހުތެރޭ ހުޅުވާލެވޭވަރުވާނެ ކަމަށެވެ.

ފޯމް ހުށައެޅުމަށް ހުޅުވާލެވޭނެ ކަމަށް ރަށު ކައުންސިލުން އަނެއްކާވެސް ބުނެފައި މިވަނީ އޭދަފުށީ ރައްޔިތުންނަށް ގޯތި ދިނުމަށް ބިން ހިއްކިތާ 10 އަހަރު ފަހުންނެވެ. އަދި ގޯތި ބޭނުންވާ އެތައް އާއިލާއެއް އެ ހިތްދަތި ކަމުގައި އުޅެމުން އަންނަތާ 34 އަހަރު ފަހުންނެވެ. އޭދަފުށިން އެންމެ ފަހުން ގޯތި ދޫކުރީ 1989ވަނަ އަހަރު އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.