ގޯތި ދޫކުރުމުގެ ވިލަރެސް ކޮމެޓީއަށް މެންބަރުން ހޯދަނީ

ބ. އޭދަފުށީ ހިއްކި ބިމުން ގޯތި ދޫކުރުމަށްޓަކައި، ގޯތި ދޫކުރުމުގެ ކަންކަން ވިލަރެސް ކުރާ ކޮމެޓީއަށް މެންބަރު ހޯދަން އިއުލާންކޮށްފި އެވެ.

އޭދަފުށީ ކައުންސިލުން އިއްޔެ އާއްމުކުރި އިއުލާނެއްގައި ބުނީ އޭދަފުށިން ދިރިއުޅުމަށްޓަކައި ގޯތި ދޫކުރުމާބެހޭ އުސޫލުގައި ބަޔާން ކުރެވިފައިވާ ގޮތުގެ މަތިން، ގޯތި ދޫކުރުމުގެ ކަންކަން ވިލަރެސްކުރާ ކޮމެޓީ އެކުލަވާލުމަށްޓަކައި އެ ކޮމެޓީގައި އާއްމުންގެ ތެރެއިން ހިމަނަންޖެހޭ ފަސް މެންބަރުން އައްޔަން ކުރުމަށް ބޭނުންވާތީ، އާއްމުންގެ ތެރެއިން ކޮމެޓީގައި ހަރަކާތްތެރިވާން ބޭނުންވާ މެންބަރުންނަށް އެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ.

އޭދަފުށީ ކައުންސިލުން ބުނީ ކޮމެޓީއަށް ކުރިމަތިލާ ފަރާތްތަކުގެ އަދަދު 5 އަށްވުރެ އިތުރުވެއްޖެނަމަ، ކޮމެޓީގައި މެންބަރުން ހިމެނުމުގައި ބަލާނީ ތައުލީމީ ފެންވަރާއި މިފަދަ މަސައްކަތެއްގައި އުޅެވޭނެ ގާބިލުކަންހުރި ފަރާތްތަކުގެ ތެރެއިން ކައުންސިލުން އައްޔަންކުރާ ފަސް ފަރާތަކަށް ކަމަށެވެ.

އަދި މިކަމަށް ކުރިމަތިލާ ފަރާތްތަކަކީ ވީހާވެސް ގިނަ ވަގުތު ގޯތި ދޫކުރުމާ ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތަކުގައި ހަރަކާތްތެރިވެ އުޅުމަށް ވަގުތުދެވޭ ފަރާތްތަކެއް ކަމުގައި ވާނެ ޖެހޭނެ ކަމަށްވެސް ކައުންސިލުން ބުންޏެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 31 ވަނަ ދުވަހުގެ 11:00ގެ ކުރިން ލިޔުމަކުން އެކަން އޭދަފުށީ ކައުންސިލަށް ހުށަހަޅަންޖެހެ އެވެ.

އޭދަފުށިން ގޯތި ދިނުމާ ބެހޭ އުސޫލަށް އިސްލާހު ގެނެސް އިއްޔެ އަލުން އާއްމުކުރި އުސޫލުގައިވާތުން، 1200 އަކަފޫޓްގެ 183 ގޯތި ދޫކުރާނެ އެވެ. އެ އުސޫލު އެންމެ ފުރަތަމަ އާއްމުކުރިއިރުގައި، އޭރު އޭދަފުށިން ދޫކުރަން ނިންމާފައިވަނީ 1400 އަކަފޫޓުގެ 158 ގޯއްޗެވެ.

ކައުންސިލުން ބުނީ، ގޯއްޗަށް ކުރިމަތިލުމަށް ފޯމް ހުށަހެޅުމުގެ ފުރުސަތު އަންނަ އޭޕްރިލް މަހުތެރޭ ހުޅުވާލެވޭވަރުވާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.