
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދާ އެއްގޮތަށް ކުޑަ އިންޓްރެސްޓް ރޭޓެއްގައި ހައުސިން ލޯނު ދޫކުރަން ހައުސިން މިނިސްޓްރީ އާއި ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ހައުސިން މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ “ހިޔާވަހި ފައިނޭންސް ސްކީމް” ގެ ނަމުގައި އެޗްޑީއެފްސީ މެދުވެރިކޮށް، އެ ސްކީމް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އިސްލާމިކް ފައިނޭންސް މިންގަޑުތަކާ އެއްގޮތަށް ކަމަށެވެ.
އެގޮތުން ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ހާއްސަ ކޮށްގެން، ބޯހިޔާވަހިކަން ގާއިމުކުރުމަށް ލޯނު ދޫކުރަނީ ފަސް ޕަސަންޓު އިންޓްރެސްޓް ރޭޓުގައި ކަމަށް މިނިސްޓްރީން ބުންޏެވެ.
މި ހާއްސަ ލުއި ލޯނު އަތޮޅުތެރޭގެ ރަށްތަކަށް ދޫކުރާ އެންމެ މަތީ އަދަދަކީ އެއް މިލިއަން ރުފިޔާ އެވެ. ނަމަވެސް މާލެ ސަރަހައްދަށާއި ސަރުކާރުން އާބަން ސެންޓަރުތަކުގެ ގޮތުގައި ކަނޑައަޅާ ރަށްތަކަށް މި ސްމީމުގެ ދަށުން ލޯނު ލިބޭނީ ތިން މިލިއަން ރުފިޔާއާ ހަމައަށެވެ.
މި ޕްރޮގްރާމަކީ ރައީސް ޑރ، މުޙައްމަދު މުޢިއްޒުގެ ރިޔާސީ ކެމްޕޭންގައި ވެވަޑައިގެން ވައުދާއި އެއްގޮތަށް އެކަން ފުރިހަމަ ކުރުމަށް ދޫކުރަން ސަރުކާރުން ނިންމާފައިވާ ލޯން ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ އިތުރު ތަފުސީލުތައް ކުރިއަށްއޮތް ދުވަސްތަކުގައި އާންމުކުރަމުން ގެންދާނެކަމަށް ހައުސިންގ މިނިސްޓްރީންވަނީ ބުނެފައެވެ.