ބ. އޭދަފުށިން ގޯތި ދޫނުކުރާތާ 34 އަހަރަށް ފަހު، މި ރަށުން ގޯތި ދޫކުރަން ނިންމައި، ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މިއަދު ކައުންސިލުން ކުރި އިއުލާނުގައި ބުނީ މި ރަށުން 1200 އަކަފޫޓުގެ 183 ގޯތި ދޫކުރަން ނިންމާފައިވާ ކަމަށެވެ.
ގޯއްޗަށް އެދޭ މީހުންގެ ޝަރުތުތަކުގެ ތެރޭގައި އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލުން ލިބިގެން އެ ފަދަ ގޯއްޗަކުން 600 އަކަފޫޓަށް ވުރެ ބޮޑު ބައެއް ލިބިފައި ނެތުމާއި ލިބިފައިވާ އެފަދަ ބައެއް ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ގަވާއިދާއި އެއްގޮތްވާ ގޮތުގެ މަތިން ދޫކޮށްލުމާއި ސަރުކާރުން ހަދާފައިވާ އިމާރާތެއްގެ ފުލެޓެއް އެ މީހެއްގެ ނަމުގައި ރަޖިސްޓަރީ ކޮށްފައި ނެތުން އަދި އެފަދަ ތަނެއް އަމިއްލަ ނަމުގައި އޮވެ، އެތަން ދޫކޮށްލައި ނުވަތަ ވިއްކާފައިވާތާ ދެ އަހަރު ދުވަހަށް ވުރެ ގިނަ ދުވަސްވެފައިވުން ހިމެނެ އެވެ.
އަދި، އެއްމެދު އިމާރާތެއްގެ ފުލެޓެއް އެ މީހެއްގެ ނަމުގައި ރަޖިސްޓަރީ ކޮށްފައި ނެތުން ނުވަތަ މިފަދަ ތަނެއް އަމިއްލަ ނަމުގައި އޮވެ، އެތަން ދޫކޮށްލައި ނުވަތަ ވިއްކާފައިވާތާ ދެ އަހަރު ދުވަހަށް ވުރެ ގިނަ ދުވަސް ވެފައި ވުމަކީ ވެސް ޝަރުތެކެވެ.
އޭދަފުށީ ކައުންސިލުން ބުނީ ގޯއްޗަށް އެދޭ ފޯމު އިއުލާނުގައިވާ ގޫގަލް ޑްރައިވް ލިންކުންނާއި އެ ކައުންސިލްގެ އިދާރާގެ ކައުންޓަރުން ވެސް ލިބެން ހުންނާނެ ކަމަށެވެ. އަންނަ އޭޕްރިލް މަހުގެ 28 އިން ފެށިގެން ފޯމު ބަލައި ގަންނާނީ ކައުންސިލް އިދާރާގެ ކައުންޓަރުންނެވެ. ފޯމު އީމެއިލް ކުރާނަމަ [email protected] އަށް މެއިލުކުރުމަށް ކައުންސިލުން އެދެއެވެ.
ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ އަންނަ މޭ މަހުގެ 28 ކަމަށް ވެސް ކައުންސިލްގެ އިދާރާގެ އިއުލާނުގައި ބުންޏެވެ.
އޭދަފުއްޓަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަން ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ވަނީ މި ރަށުގެ ބިން ހިއްކައިފަ އެވެ. އަދި ކައުންސިލުގެ 2000 ވަނަ އަހަރު އޭދަފުށިން ގޯއްޗަށް ހުޅުވާލުމުން 800 އެއްހާ މީހުން ގޯތި ހޯދަން އެދި ފޯމް ލި އެވެ.
އޭގެތެރެއިން 158 ގޯތި ދޫކުރަން ނިންމައި، ގޯތި ލިބުނު މީހުންގެ ވަގުތީ ލިސްޓި އާއްމުކުރިފަހުން، އާއްމު ފަރާތަކުން ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ކޯޓް އަމުރަކުން އެކަން ވަނީ ހުއްޓުވައިފަ އެވެ.
އޭދަފުށިން ގޯތި ދޫކުރަން ނިންމި އިރު، މިރަށުގެ ބޯހިޔާވަހިކަމުގެ މައްސލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެގޮތުން އަތޮޅު ތެރޭގައި އެންމެ ގިނަ ހައުސިން ޔުނިޓް އަޅާ އެއް ރަށަކަށް އޭދަފުށި ވެގެންދާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.