އަތޮޅު ކައުންސިލްތަކުން ޕާސްޕޯޓާ އައިޑީކާޑް ހެއްދޭނެ ގޮތް ހަދަނީ

ހުރިހާ ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުން ޕާސްޕޯޓާއި އައިޑީކާޑު ހެއްދޭނެ ނިޒާމެއް ގާއިމް ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

މޯލްޑިވްސް އިމިގްރޭޝަނާއި ސިޓީ، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ، ރާއްޖޭގެ އާބާދީގެ ބޮޑުބައެއް ރަށްރަށުގައި އަދިވެސް ދިރިއުޅެމުން އަންނާތީ ރަށްރަށުން ހިދުމަތް ފަހިވެފައި އޮންނަން ޖެހޭ ކަމަށެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝަމްއާން ވަހީދު ވިދާޅުވީ މި ހިދުމަތްތައް ދިނުމަށް އަތޮޅު ކައުންސިލްތަކުގައި އޮފީސްތައް ގާއިމްކުރާނީ އިމިގްރޭޝަނުން ދޭ އެހެނިހެން ހިދުމަތްތައް ވެސް ލިބޭނެ ގޮތަށް ކަމަށެވެ. އޭގެ ތެރޭގައި ވިސާގެ ހިދުމަތް ވެސް ހިމެނޭނެ ކަމަށެވެ.

ކޮންޓްރޯލަރު ވިދާޅުވީ އަތޮޅު ތެރެއިން ކޮންމެ މަހަކު، ޕާސްޕޯޓުގެ ހިދުމަތް ހޯދުމަށް 1،200 އެއްހާ މީހުން މާލެ އަންނަ ކަމަށެވެ. ޕާސްޕޯޓު ހެއްދުމަށް ހޭދަވާ އަދަދަށް ވުރެ ޕާސްޕޯޓު ނަގަން މާލެ އައުމަށް ކުރާ ހޭދަ ބޮޑު ކަމަށް ކަމަށް ވެސް ޝަމްއާން ވިދާޅުވި އެވެ.

“5،000-6،000 އާ ދެމެދުގެ ހަރަދެއް [ޕާސްޕޯޓް ހައްދަން މާލެ އަންނަން ކޮންމެ މީހަކު] އެބަ ކުރޭ. މިއީ ވަރަށް ބޮޑު ހަރަދެއް ހުރިހާ ރައްޔިތުންނަށް ބަލަންޏާ. އަހަރެއްގެ މައްޗަށް އެބަ ހަރަދުވޭ 77.7 މިލިއަނެއްހާ ރުފިޔާ. އެހެންވީމާ މި ނިންމުމާ އެކު މި ހަރަދު ކުޑަވާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،” ޝަމްއާން ވިދާޅުވި އެވެ.

ޑީއެންއާރްގެ ފަރާތުން އަހުމަދު އަލީ ވިދާޅުވީ އަތޮޅުތަކުގައި މި ހިދުމަތް ގާއިމް ކުރާއިރު އައިޑީކާޑް ޕްރިންޓް ކުރެވިގެންދާނީ ވެސް ކައުންސިލްގައި ކަމަށެވެ.

ސަރުކާރުން އަމާޒު ހިފާފައި ހުރީ އެއް ފަހަރާ ހުރިހާ ރަށެއްގައި މި ހިދުމަތް ނުފެށުނަސް، އެކަމަށް ފުރަތަމަ އެދިފައިވާ ރަށްރަށަށް އިސްކަންދީގެން ކުރިއަށް ގެންދާށެވެ.

މިހާރު ވެސް ހުރިހާ ސިޓީއަކާއި ހއ. ދިއްދޫގައި ޕާސްޕޯޓްގެ ހިދުމަތް ލިބެ އެވެ. އަދި ރަށު ކައުންސިލްތައް މެދުވެރިކޮށް އައިޑީކާޑް ހެއްދެ އެވެ. ނަމަވެސް ކާޑު ހައްދަން ފޮނުވަން ޖެހެނީ މާލެ އަށެވެ. އޭގެ ސަބަބުން ކާޑު ލިބެން ދުވަސް ނަގަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.