ޒުވާން ހަތީބުން ތަމްރީނު ކުރުމަށް ސަރުކާރުން ހިންގި ޕްރޮގްރާމްގެ ދަށުން، ޅ. ނައިފަރުގައި މިއަދުގެ ހުކުރު ނަމާދު އަލަށް އިމާމުވެ ޒުވާން ހަތީބު ބ. އޭދަފުށީ އަޅިވިލާގޭ އާސިރު އާރިފް ޔޫސުފް ކޮށްފި އެވެ.
އާސިރު، މިއަދު އިމާމުވެ ހުކުރު ނަމާދު ކުރީ އެރަށު މަސްޖިދުލް ހާދީގަ އެވެ.
އޭނާ އަކީ ނައިފަރުގެ މިސްކިތެއްގައި މިހާތަނަށް އިމާމްވެ ހުކުރު ނަމާދު ކުރި އެންމެ ޒުވާން ޚަތީބު ކަމަށް ނައިފަރު ކައުންސިލުން ބުންޏެވެ. އާސިރު އަކީ ޅ. ނައިފަރު މަދްރަސަތުލް އިފްތިތާހުގެ ގްރޭޑް 9 ގައި ކިޔަވަމުން އަންނަ ދަރިވަރެކެވެ.
އާސިރު މިއަދު އިމާމުވެ ހުކުރު ނަމާދު ކުރާނެ ކަމަށް ނައިފަރު ކައުންސިލުގެ ފޭސްބްކް ޕޭޖުގައި ރޭ ޕޯސްޓް ކުރުމާއެކު ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަނީ އޭނާ އަށް މަރުހަބާ އާއި ތައުރީފްގެ ބަސްތަކެވެ. އުފާވެރި ޝުއޫރުތަކާއި އިތުރު ކާމިޔާބީއަށް އެދި ހެޔޮ ދުއާ އެވެ.
ނައިފަރުގައި އެތައް ސަތޭކަ ބަޔަކު ބައިވެރިވި ހުކުރު ނަމާދުގެ އިމާމަކަށް، މިހާތަނަށް އެ މަގާމަށް އިސްކުރި އެންމެ ޅަ ޒުވާނާ އަށް އާސިރު ވުމުން މިއީ ހަގީގަތުގައި ވެސް ނައިފަރުގެ ރައްޔިތުންގެ އިތުރުން އޭދަފުށީގެ ރައްޔިތުންނަށް ވެސް ލިބުނު އުފާވެރިކަމެކެވެ.
ޒުވާން ހަތީބުން ތަމްރީނު ކުރުމަށް ސަރުކާރުން ހިންގި ޕްރޮގްރާމްގެ ދަށުން، މާލެ އާއި އަތޮޅު ތެރޭގެ ރަށްރަށުގައި މި ރޯދަ މަހު، ތަރާވީހް ނަމާދު ކުރުމަށާއި އިމާމުވެ ހުކުރު ކުރުމަށް ޒުވާން ހަތީބުން ތަމްރީނު ކޮށްފަ އެވެ