ބީއެމްއެލް އަށް މިދިޔަ އަހަރު ރެކޯޑް އަދަދެއްގެ ފައިދާއެއް، ދެ ބިލިއަން ރުފިޔާ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ދެ ބިލިއަން ރުފިޔާގެ ފައިދާއެއް ލިބި، މިދިޔަ އަހަރަކީ އެ ބޭންކުގެ ތާރީހުގައި ވެސް އެންމެ ބޮޑު ފައިދާއެއް ލިބުނު އަހަރަށް ވެއްޖެ އެވެ.

ރާއްޖޭގެ އެންމެ ބޮޑު ބޭންކުން މިއަދު އާއްމުކުރި މިދިޔަ އަހަރުގެ ތަފާސްހިސާބުތަކުގައިވާ ގޮތުން، އެ ބޭންކަށް ވަނީ ޓެކުހަށް ކެނޑުމަށްފަހު، 2.07 ބިލިއަން ރުފިޔާގެ ފައިދާއެއް ލިބިފަ އެވެ. އެއާ އެކު، ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވަނީ މިހާތަނަށް ހިއްސާގެ ފައިދާގެ ގޮތުގައި ދެވޭ އެންމެ މަތީ އަދަދު، ހިއްސާއަކަށް 50 ރުފިޔާގެ މަގުން ބެހުމަށް ދެން ބާއްވާ އަހަރީ އާންމު ޖަލްސާއެއްގައި ހުށަހަޅައި ފާސްކުރުމަށެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ކާރލް ސްޓުމްކަ ވިދާޅުވީ ބޭންކަށް ރެކޯޑް ނަތީޖާއެއް ހޯދުނުކަމީ އުފަލާއެކު ފާހަގަކުރާ ކަމެއް ކަމަށެވެ.

“މިއީ ބޭންކަށް ސާފު ފައިދާގެ ގޮތުގައި 2 ބިލިއަން ރުފިޔާ އަށް ވުރެ މަތީ އަދަދެއް ލިބުނު ފުރަތަމަ ފަހަރު. ބޭންކުގެ މި ނަތީޖާއާ ގުޅިގެން ބޯޑުން ވަނީ ހިއްސާގެ ފައިދާގެ ގޮތުގައި ޖުމްލަ 269 މިލިއަން ރުފިޔާ ބެހުމަށް ހުށަހަޅާފަ. މިއީ ބޭންކުގެ ތާރީހުގައިވެސް ހިއްސާދާރުންނަށް ދިނުމަށް ހުށަހެޅުނު އެންމެ މަތީ އަދަދު.” ކާރލް ސްޓުމްކަ ވިދާޅުވި އެވެ.

ކާރލް އިތުރަށް ވިދާޅުވީ ބޭންކުގެ އެންމެ ބޮޑު ހިއްސާދާރުކަމަށްވާ ދިވެހި ސަރުކާރަށް މި ނަތީޖާއާއެކު ހިއްސާގެ ފައިދާގެ ގޮތުގައި 136.6 މިލިއަން ރުފިޔާ އަދި 2023 ވަނަ އަހަރުގެ ޓެކުހުގެ ގޮތުގައި އިތުރު 628 މިލިއަން ރުފިޔާ ލިބޭނެ ކަމަށެވެ.

 “ކަސްޓަމަރުންނަށް އަބަދުވެސް އެންމެ ބޮޑު އިސްކަމެއްދިނުމަށާއި ރާއްޖޭގެ މާލީދާއިރާގެ ހަމަޖެހުން ކަށަވަރުކުރުމުގެ އިތުރު ޒިންމާއާއެކު ބޭންކު ހިންގުމަށް ފާއިތުވި އަހަރު ޑިރެކްޓަރުންގެ ބޯޑުން ދެއްވި ލަފައާއި އިރުޝާދަށް އަޅުގަނޑު އެ ބޭފުޅުންނަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވަން. އަދި މި ފުރުސަތުގައި ރާއްޖޭގެ އެކިކަންކޮޅުތަކުގައި މަސައްކަތްކުރާ އަޅުގަނޑުމެންގެ ހީވާގި މުވައްޒަފުންކޮށްދެއްވި ބުރަ މަސައްކަތަށާ އަދި ހަމައެހެންމެ ބޭންކުން ކުރަމުންދާ މިދަތުރުގައި އަޅުގަނޑުމެންނަށް އިތުބާރުކުރައްވާ ހިއްސާދާރުންނަށްވެސް ޝުކުރުއަދާކުރަން.” ކާރލް ސްޓުމްކަ ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.