ފޭލި ގުރުއާން މުބާރާތުން އެއްވަނަ ހޯދި ދެ ބައިވެރިންނަށް އުމްރާ ދަތުރެއް

ފޭލި ގުރުއާން މުބާރާތުން މިއަހަރު އެއްވަނަ ހޯދި ދެ ދަރިވަރުން އުމުރާ ދަތުރުގެ ރަމްޒީ ލިޔުމާއެކު– ފޮޓޯ/ޔާނިއު

ފައުންޑޭޝަން އޮފް އޭދަފުށި ޔޫތު ލިންކޭޖް (ފޭލި ޖަމިއްޔާ) އިން އޭދަފުށީގައި މި ރޯދަ މަހު ކުރިއަށް ގެންދިޔަ ފޭލި 19 ވަނަ ގުރުއާން މުބާރާތުން އެއް ވަނަ މިރަށު، އަޒުމް އަހްމަދު ޒައިކް ޒައީމާއި ހިތާދޫ ޖަބުރޯލްގޭ ޒައިނާ އަބޫބަކުރު ހޯދައިފި އެވެ.

ޒައިކް މި މުބާރާތުން އެއް ވަނަ ހޯދީ ހިތުން ކިޔެވުމުގެ ބައިންނެވެ. އަދި ޒައިނާ އެއްވަނަ ހޯދީ ފޮތުން ކިޔެވުމުގެ ބައިންނެވެ.

މި ދެ ބައިވެރިންނަށް ވަނީ އަލްބްރޫޖް ހައްޖު އެންޑް އުމުރާ ގުރޫޕްގެ ފަރާތުން އިނާމަކަށް އުމުރާ ދަތުރެއްދީފަ އެވެ.

މި މުބާރާތުގެ ނަތީޖާ ފާޅުކުރަން ބ. އަތޮޅު ތައުލީމީ މަރުކަޒުގައި މިއަދު ހެނދުނު ބޭއްވި ޖަލްސާގައި ރަން ވަނަތައް ހޯދި ފަރާތްތަކަށް އިނާމާއި ޓްރޮފީ އަދި ހަނދާނީލިޔުން ހަވާލުކޮށް ދެއްވީ މޯލްޑިވްސް އިސްލާމިކް ޔުނިވަސިޓީގެ ކުއްލިއްޔާ އޮފް އިސްލާމިކް ރިވީލްޑް ނޮލެޑްޖް އެންޑް ހިއުމަން ސައިންސް، ޝެއިޚް ނިމާލު މުހައްމަދެވެ.

މި މުބާރާތުގެ ހިތުން ކިޔެވުމުގެ ގޮފިން ދެވަނަ ލިބުނީ ތުޅާދޫ، މަލަސް ފާޠިމަތު ނިޝްޔާ ޝުޖާއު އަށެވެ. އެ ގޮފިން ތިންވަނަ ލިބުނީ އޭދަފުށީ ރަތްގައު ފާތިމަތު ޔަލްވީ އަށެވެ.

ބަލައިގެން ކިޔެވުމުގެ ގޮފިން އޭދަފުށި ހަޒާރުމާގޭ، ޙުސައިން ފަޟާލް މުޙައްމަދު ޙަމީދު ދެވަނަ ހޯދި އިރު، އެ ގޮފިން ތިންވަނަ ލިބުނީ އޭދަފުށި ޖަވާހިރުމާގޭ އަޙްމަދު ނަހްޔާން ނަޝީދަށެވެ.

މީގެ އިތުރުން މި މުބާރާތުގެ އެކި އުމުރުފުރާތަކުން ވެސް ދެ ގޮފިން ވަނީ ވަނަތައް ހޮވައި އިނާމާއި ޓްރޮފީދީފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.