ރާއްޖޭގެ ފުޓްސަލްގެ ޗެމްޕިއަންކަން ހޯދި ބ. އޭދަފުށީގައި ރޭ ފޯރިގަދަ ފުޓްސަލް މުބާރާތެއް ފަށައިފި އެވެ.
ފުޓްބޯޅަ އާއި ފުޓްސަލްގެ މަޝްހޫރު ކުޅުންތެރިން ހިމެނޭ މިރަށުގައި ރޭ ފެށި މި މުބާރާތަކީ އޭދަފުށީ ކައުންސިލުން އިންތިޒާމުކުރާ އުރީދޫ އޭދަފުށި ފުޓްސަލް ކަޕެވެ.
މުބާރާތުގައި ރޭ ތިން މެޗު ކުޅުނުއިރު، ފުރަތަމަ މެޗުގައި ނަލަ ބްރަދާސް އިން ކީވަން އެފްސީ ބަލިކުރީ 6-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މި މެޗުގައި ނަލަ ބްރަދާސްގެ ހުޒައިފަތު ރަޝީދު (ހުޒޭ) ތިން ގޯލު ޖަހާ ހެޓްރިކް ހެދިއިރު, ކެޕްޓަން އިބްރާހީމް ނާއިޝް، އަހުމަދު އަފްނާން އަދި އަލީ ނަސީރު, މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ ގޯލެއް ޖަހާފަ އެވެ.
ރޭ ކުޅުނު ދެވަނަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން އަފްރޯ އިން ވަނީ 4-0 އިން އެފްސީ ސަޑަންލީގެ ބަލިކޮށްފަ އެވެ. މި މެޗުގައި އަފްރޯގެ އަލީ މާއިސް (މައްޓު) ދެ ގޯލު ޖެހިއިރު, ހައިޝަމް ހަސަން އަދި މުހައްމަދު ފާސިރު، މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ ގޯލެއް ޖަހައިފަ އެވެ.
ރޭ ކުޅުނު ފަހު މެޗުގައި ވީ ވެލާގެ މައްޗަށް މުރިނގު އެފްސީ އިން ކުރިހޯދީ 3-0 އިންނެވެ. މި މެޗުގައި މުރިނގު އެފްސީގެ ފުރަތަމަ ގޯލު އިބްރާހީމް ސިމާހް ޖެހިއިރު، އެ ޓީމުގެ ދެވަނަ ލަނޑު އަދި ތިންވަނަ ލަނޑު ޖަހާދިނީ ޝާރިފް އަބްދުލް މަޖީދެވެ.
މުބާރާތަށް އޭދަފުށިން ވަނީ ވަރަށް ބޮޑަށް ތައްޔާރުވެފަ އެވެ. މުބާރާތުގެ ހުރިހާ މެޗެއް ޔޫޓިއުބްނާއި ކައުންސިލް ފޭސްބުކް ޕޭޖުން ވަގުތުން ދައްކާނެ އެވެ.
16 ޓީމު ވާދަކުރާ މި މުބާރާތުގެ ފައިނަލް ކުޅޭނީ މި މަހު 17 ގަ އެވެ.
މިއަހަރުގެ މުބާރާތް އޭދަފުށީގައި އިތުރަށް ފޯރިގަދަވީ ޗެމްޕިއަންކަމާ އެކު އެރަށް ފުޓްސަލްގެ އެންމެ އުހަށް އެރުމުންނެވެ. މުބާރާތުގައި ރާއްޖޭގެ މަޝްހޫރު ފުޓްސަލް ކުޅުންތެރިން ވާދަކުރެ އެވެ. އަދި ޗެމްޕިއަންކަން ހޯދި ޓީމުގެ ކުޅުންތެރިން އެކި ޓިމުތަކަށް ކުޅެއެވެ.