އެމްޓީސީސީގެ ރާއްޖެ ޓްރާންސްޕޯޓު ލިންކް (އާރްޓީއެލް) ސްޕީޑް ފެރީގެ ހިދުމަތް ނ، ރ ބ އަދި ޅ އަތޮޅުގައި ފަށަން އެމްޓީސީސީ އާ އެކު އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.
މީރުމާ އިވެންޓް ހޯލުގައި ބޭއްވި ރަސްމިއްޔާތުގައި އެ އެއްބަސްވުމުގައި ޓްރާންސްޕޯޓު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ޓްރާންސްޕޯޓު މިނިސްޓްރީގެ ޕާމަނަންޓު ސެކެޓްރީ މަރްޔަމް ޝަހާނާއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ، އެ ކުންފުނީގެ ސީއީއޯ އަބްދުﷲ ޒިޔާދެވެ.
އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ މި އަހަރުގެ ތެރޭ އެ ތިން އަތޮޅުގައި އާރުޓީއެލްގެ ހިދުމަތް ފަށާނެ ކަމަށެވެ.
ކުރީ ސަރުކާރުން ފަށާފައިވާ މި ހިދުމަތަކީ ރައްޔިތުންނަށް ގިނަ ފަސޭހަތަކެއް ލިބޭ ހިދުމަތަކަށް ވެފައި، މިފަދަ ހިދުމަތްތައް ހުއްޓާނުލާ ކުރިއަށް ގެންދިޔުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ސިޔާސަތު ކަމަށް އަމީން ވިދާޅުވި އެވެ.
“އަޅުގަނޑުމެން ސަރުކާރާ ހަވާލުވެގެން ވެސް، ރައީސް ހަމަ ވަރަށް ބޮޑަށް ވައުދު ވެވަޑައިގެންފައި އޮތީ، ހިނގަމުންދިޔަ އެއްވެސް ރައްޔިތުންނާ ގުޅުންހުރި ޕްރޮޖެކްޓެއް ހުއްޓުމަކަށް ނާންނާނެ ކަމަށް. އަދި، އެ ޕްރޮޖެކްޓުތައް ރަނގަޅުކޮށްގެން އިތުރަށް ކުރިއަށް ގެންދާނެ ވާހަކަ. އޭގެ މިސާލެއް މިއަދު ފެނިގެން މި ދިޔައީ،” އޭނާ ވިދާޅުވިއެވެ.
އެމްޓީސީސީގެ ސީއީއޯ އަބްދުﷲ ޒިޔާދު ވިދާޅުވީ ނ، ރ އަދި ބ އަތޮޅުގައި އާރުޓީއެލް ފުޅާވުމުން ކައިރި މުސްތަގްބަލުގައި މި އަތޮޅުތަކުގެ ކޮންމެ ރަށަކަށް ޚިދުމަތް ދެވޭނެކަމަށަކަމަށެވެ. އަދި އިޤްތިސާދީ ގޮތުންނާއި އިޖްތިމާޢީގޮތުން ގިނަ ފައިދާތަކެއް ކުރާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.
“މި ޚިދުމަތް ފެށުމަކީ އެ އަތޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމެއް. މިކަމުން ބޭސްފަރުވާއާއި ވަޒީފާއާއި އެކި ބޭނުންތަކަށް އެކި ރަށްރަށަށް ދިއުމުގެ ތަކްލީފު ކުޑަވާނެ. އަދި ފަތުރުވެރިކަމާއި ވިޔަފާރީގެ ފުރުޞަތުތައް ފަހިވެ އިޖްތިމާޢީ ގުޅުންތައްވެސް ބަދަހިވާނެ.” ޢަބްދުﷲ ޒިޔާދު ވިދާޅުވިއެވެ.
އެމްޓީސީސީން ބުނީ އާރުޓީއެލްގެ ޚިދުމަތް ފުޅާކުރުމުގެ ގޮތުން އިތުރު ސަރަހައްދުތަކުގައި ޚިދުމަތް ފެށުމަށް ބޭނުންވާ އުޅަނދުތައް ބަނުމުގެ މަސައްކަތް މިހާރުވެސް ކުރެވެމުންދާ ކަމަށެވެ. އަދި އެކަމަށް ބޭނުންވާ ތައްޔާރީތައް ވެސް ދައުލަތުގެ ވުޒާރާތަކާއި ގުޅިގެން ކުރަމުން އަންނަ ކަމަށް އެމްޓީސީސީން ބުންޏެވެ.
އާރުޓީއެލްގެ ހިދުމަތް ދޭން ނިންމާފައި ވަނީ ހަ ޒޯނަކަށް ބަހާލައިގެންނެވެ. އެގޮތުން މިހާރު ތިން ޒޯނެއްގައި މި ހިދުމަތް ދޭ އެވެ. އެއީ ހއ.، ހދ.، އަދި ށ. އަތޮޅު ހިމެނޭ ޒޯނުގެ އިތުރުން ޅ. އަތޮޅު އަދި އެންމެ ދެކުނު ގއ.، ގދ.، ޏ. އަދި ސ. އަތޮޅުގަ އެވެ.
Avahakah nufesheyne. Kurin soikoffa oiy agreement egga alun soi kollee inthihaabah kada eh jahaalumuge beynumuga. Emme avahah ves B Atoll gai fsheynee 2025 medhuthereyga.