
އެއްގަމު އުޅަނދު ލައިސަންސްތަކަށް ދައްކަން ޖެހޭ ފީ އަންނަ މަހުން ފެށިގެން ސީދާ ކައުންސިލުތަކުން ބަލައިގަންނަ ގޮތަށް ބަދަލުކުރަން ސަރުކާރުން ނިންމައިފި އެވެ.
މިކަން ސަރުކާރުން އިއުލާންކޮށްފައިވަނީ އުތުރުގެ ތިން އަތޮޅަކަށް އާރުޓީއެލް ފެރީގެ ހިދުމަތް ފެށުމަށް އެކަމުގެ އެއްބަސްވުމުގައި ސޮއިކުރަން އިއްޔެ ބޭއްވި ރަސްމިއްޔާތުގައ، ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީނެވެ.
މިނިސްޓަރު ވިދާޅުވީ ކައުންސިލުތަކުން ލައިސެންސް ނެގުމުގެ ހިދުމަތް ދިނަސް، މިހާތަނަށް ވެސް ލައިސެންސް ފީ ބަލައިގަންނަމުން އައީ ޓްރާންސްޕޯޓް މިނިސްޓްރީގެ ޕޯޓަލަކުން ކަމަށެވެ. އެހެންވެ، އެ ފައިސާ ކައުންސިލުތަކަށް ދެވޭނެ ގޮތެއް ނޯވެ އެވެ.
އޭގެ ސަބަބުން ސީދާ މުވައްޒަފުން ނަގައިގެން ކައުންސިލުތަކުން އެ ހިދުމަތް ދިން ނަމަވެސް ކައުންސިލުތަކަށް ލައިސެންސް ފީ ނުލިބޭތީ އެކަމުގެ ޝަކުވާ އެބަ އޮތް ކަމަށް އަމީން ވިދާޅުވި އެވެ.
އެކަމަށް ލުޔެއް ދިނުމުގެ ގޮތުން މިހާރު ނިންމާފައި ވަނީ ސީދާ ކައުންސިލުތަކުން ލައިސެންސް ފީ ބަލައިގަންނަ ގޮތަށް ހެދުމަށް ކަމަށްވެސް އަމީން ވިދާޅުވި އެވެ.
“އެ ކައުންސިލަކަށް މިއަންނަ މަހުގެ އެކަކުން ފެށިގެން ޑައިރެކްޓްކޮށް އެ ފީ ބަލައިގަނެވޭ ގޮތަށް. އަޅުގަނޑުގެ އުއްމީދަކީ މިއަދުން ފެށިގެން މިކަން ވެސް ނިމުމަކަށް އައީއޭ. ކައުންސިލުތަކުން މިކުރާ މަސައްކަތްތަކުގެ ފީ ކައުންސިލުތަކަށް ލިބޭ ގޮތަށް ބަދަލު ގެނައީއޭ މިއަދުން ފެށިގެން،” އަމީން ވިދާޅުވި އެވެ.