އޭދަފުށީ ކައުންސިލުން އިންތިޒާމުކޮށްގެން ބޭއްވި ފުޓްސަލް ކަޕްގެ ޗެމްޕިއަންކަން އަފްރޯ ސްޕޯޓްސް ކްލަބުން ދިފާއުކޮށްފި އެވެ.
އަފްރޯ ޗެމްޕިއަންކަން ހޯދީ މިރޭ ކުޅުނު ފައިނަލުގައި ވާދަވެރި ކުޅުމަކަށް ފަހު ކްލަބް ކޮމްބިނޭޝަން (ސީސީ) 4-5 އިން ބަލިކޮށްގެންނެވެ.
ދެޓީމުގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ކުރިމަތީ ކުޅުނު މެޗުގައި ފެނުނީ ފޯރިގަދަ ކުޅުމެވެ. މެޗުގައި އަފްރޯގެ ފަސް ގޯލުގެ ތެރެއިން ތިން ގޯލު ޖަހައި އިޝާން އިބްރާހީމް (ސައްޓު) ވަނީ ހެޓްރިކް ހަދައިފަ އެވެ. އެޓީމުގެ އަނެއް ދެ ގޯލު ޖެހީ މުހައްމަދު ފާސިރު (ފާއްޓެ) އާއި ހުސައިން ޝަރީފް (މުޑާ) އެވެ.
ސީސީގެ ހަތަރު ގޯލުގެ ތެރެއިން ދެ ގޯލު ޖެހީ އުނެއިޝް ޒުބައިރު އެވެ. ދެން ގޯލު ޖެހީ އަލީ ފާސިރު (ސެންޓޭ) އާއި އަހުމަދު އައިހަމް އެވެ.
މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ އަފްރޯގެ ސައްޓު އާއި ގޯލްކީޕަރު މުހައްމަދު ޝާނުގެ އިތުރުން އެޓީމުގެ ހައިޝަމް ހަސަން އަދި ސީސީގެ ސެންޓޭ އާއި އައިހަމް އެވެ.
މިއަހަރުގެ މުބާރާތުގެ ފުޓްސަލް ކިންގުގެ މަގާމް ހޯދީ އަފްރޯގެ ހައިޝަމް އެވެ. ހައިޝަމް ވަނީ އަފްރޯ އިން ތައްޓައް ކުރި ދަތުރުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ.
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ސީސީ ޓީމަށް ކުޅުނު އިމްތިސާލް އެވެ. އެންމެ މޮޅު ކޯޗަކީ އަފްރޯ އަށް ޗެމްޕިއަންކަން ހޯދައިދިން އައްޒާމް އަލިފުޅު އެވެ.
އޭދަފުށި ފުޓްސަލް ޓާފްގައި މުބާރާތް ބޭއްވި ދެ އަހަރު ވެސް ޗެމްޕިއަންކަން ހޯދީ އަފްރޯ އެވެ. އެޓީމު މިދިޔަ އަހަރު ޗެމްޕިއަންކަން ހޯދީ އޯލް ވުލްވްސް ބަލިކޮށްގެންނެވެ. މިއަހަރުގެ މުބާރާތުގައި އޭދަފުށީގެ 16 ޓީމު ވާދަކުރި އެވެ.