ބިލްތައް ބޮޑުވީ ހޫނު ގަދަވުމާ އެކު، ކަރަންޓް ބޭނުންކުރި މިންވަރު އިތުރުވުމުން: ފެނަކަ

މިދިޔަ މަހު ގޭބީސީތަކުގެ ކަރަންޓް ބިލް ބޮޑުވެފައި ވަނީ ކަރަންޓް ބޭނުންކުރި މިންވަރު އިތުރުވުމުގެ ސަބަބުންނާއި އެ ދުވަސްވަރު ހޫނު ގަދަވުމުގެ ސަބަބުން ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މުއާޒު ވިދާޅުވީ، ނިމިދިޔަ ރޯދަ މަހުގެ ކަރަންޓު ބިލް ބޮޑުވެގެން ގިނަ ބަޔަކު ޝަކުވާ ހުށަހަޅާފައިވާ ކަމަށާއި އެ ޝަކުވާތަކާއި ގުޅިގެން ރީޑިންގ ނެގުމުގައި މައްސަލައެއް އުޅޭތޯ އާއި ޔޫއާރއޭއިން ކަނޑަޅާފައި ހުރި މިންގަނޑުތަކަށް ބިލު ކުރެވިފައި ހުރިތޯވެސް ބެލި ކަމަށެވެ. ނަމަވެސް އެކަހަލަ އެއްވެސް މައްސަލައެއް ނެތް ކަމަށް މުއާޒު ވަނީ ވިދާޅުވެފައެވެ.

“ފާހަގަކުރެވިފައި އެބަހުރި، ރޯދަމަހާ ގުޅިގެން ކޮންސަމްޕްޝަން (ކަރަންޓު ބޭނުންކުރި މިންވަރު) ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައި މި އޮތީ. އެ ވެދާނެ ރޯދަމަހާ އަދި ހޫނު މޫސުމާ ގުޅިގެން، ވަރަށް ބޮޑަށް ރާއްޖޭގެ ހޫނުމިން މައްޗަށް ދިއުމާ ގުޅިގެން އަޅުގަނޑުމެންނަށް ވެސް ފާހަގަކުރެވޭ ކޮންސިއުމްކުރި އަދަދު ވަރަށް ބޮޑަށް އިތުރުވެފައި މި އޮތީ،” މުއާޒު ވިދާޅުވި އެވެ.

ހުސްވި ރޯދަމަހުގެ (މާޗު މަހުގެ) ކަރަންޓު ބިލު ބޮޑުވުމުގެ ޝަކުވާ އާންމުން އަންނަނީ ސޯޝަލް މީޑިއާގައި ކުރަމުންނެވެ.

އެގޮތުން ބައެއް ގޭބިސީތަކަށް ފޮނުވި ކަރަންޓު ބިލުތައް، އެހެން މަސްތަކާ އަޅާބަލާއިރު ތިން، ހަތަރު ގުނަ ބޮޑު ކަމަށް ބައެއް މީހުން ބުނެ އެވެ.

ނަމަވެސް ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްޓެލްކޯ އާއި ފެނަކައިން ވެސް ވަނީ އެ ކުންފުނިން ބިލުކުރި ގޮތް ދިފާއުކޮށްފަ އެވެ.

ސްޓެލްކޯއިން ބުނީ ނިމިދިޔަ ރޯދަ މަހު ފެނާއި ކަރަންޓު ބިލުން ޑިސްކައުންޓް ދީފައި ވާނީ ރައްޔިތުންނަށް އެންމެ ލުއިފަސޭހަ ވާނެ ގޮތަށް ކަމަށެވެ.

“ރައްޔިތުންނަށް އެންމެ ލުއިފަސޭހަ ވާނެ ގޮތަށް [ޑިސްކައުންޓު] ދެވިފައި ހުރީ. އެއީ ދެވިފައި ހުރީ ރަނގަޅު އެންމެ ޕީކަކަށް އަދި ރަނގަޅު ޕީރިއަޑަކަށް ބަލާފައި،” ފަހުމީ ވިދާޅުވި އެވެ.

ފެނަކައިން ޑިސްކައުންޓުގެ ގޮތުގައި 25 މިލިއަން ރުފިޔާ ދީފައިވާއިރު ފެނާއި ކަރަންޓު ހިމެނޭހެން ސްޓެލްކޯއިން 20 މިލިއަން ރުފިޔާގެ ޑިސްކައުންޓެއް ދީފައިވާ ކަމަށް އެ ދެ ކުންފުނިން ބުންޏެވެ.

ނިމިދިޔަ ރޯދަ މަހު ފެނާއި ކަރަންޓު ބިލުން ޑިސްކައުންޓް ދީފައި ވާނީ ރައްޔިތުންނަށް އެންމެ ލުއިފަސޭހަ ވާނެ ގޮތަށް ކަމަށް ސްޓެލްކޯގެ މެނެޖިން ޑިރެކްޓަރު ހުސައިން ފަހުމީ މިއަދު ވިދާޅުވެއްޖެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.