މިރެއަށްފަހު ދެން ނުފެންނާނެ، ބޭނުމީ ތައްޓާއެކު ނިންމަން: މަޖިއްޓޭ

ކެޕްޓަން މަޖީދު. މިރޭގެ މެޗަކީ އޭދަފުށީ ޓީމުގެ ޖާޒީގައި އޭނާ ފެންނާނެ އެންމެ ފަހު މެޗު
ކެޕްޓަން މަޖީދު. މިރޭގެ މެޗަކީ އޭދަފުށީ ޓީމުގެ ޖާޒީގައި އޭނާ ފެންނާނެ އެންމެ ފަހު މެޗު

މިނިވަން ޗެމްޕިއަންޝިޕް ފައިނަލްގައި މިރޭ ތިމަރަފުއްޓާ ދެކޮޅަށް ނުކުންނަ މެޗަކީ އޭދަފުށީ ޓީމުގެ ޖާޒީގައި އޭނާ ފެންނާނެ އެންމެ ފަހު މެޗުކަމަށާއި ރީތި ނަމަކާއެކު ވަކިވާން ބޭނުންކަމަށް އޭދަފުށީ ޓީމުގެ ކެޕްޓަން ޢަބްދުލް މަޖީދު އިބްރާހިމް (މަޖިއްޓޭ ބުނެފިއެވެ.

ފައިނަލް މެޗުގެ ކުރިން ރޭ “އީޓީ”އާ ވާހަކަދެއްކަމުން އޭނާ ބުނީ ޓީމަށް ކުޅުން ހުއްޓާލަން މިއީ އެންމެ ރަގަޅު ވަގުތުކަމަށް ގަބޫލުކުރާ ކަމަށެވެ.

“ވަރަށް ގިނަ ދުވަހު ޓީމަށް ކުޅެވިއްޖެ. މިހާރު މިއީ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދޭންވީ ވަގުތު، ޓީމު ލީޑް ކުރެވޭވަރުގެ ރަގަޅު ކުޅުންތެރިން އެބަތިބި،” މިދިޔަ އަހަރުވެސް ޓީމުގެ ކެޕްޓަނެއްގެ ގޮތުގައި ހުރި 38 އަހަރުގެ މިޑްފީލްޑަރ ބުންޏެވެ.

ފުޓްބޯޅައަށް ލޯބިކުރާ އޭދަފުށީގެ ސަޕޯޓަރުންނަށް ޔަގީނުންވެސް މިއީ އުފާވެރި ހަބަރަކަށް ނުވާނެއެވެ. މި ލެވަލްގެ ފުޓްބޯޅަ އާއްމުކޮށް ކުޅޭ ކުޅުން ތެރިންނަށްވުރެ މަޖިއްޓޭގެ އުމުރު ތަންކޮޅެއް ދޮށްޓަސް ގިނަބަޔަކަށް އަދިވެސް އެއީ ޓީމުގެ ހީރޯ އެވެ. މެދުތެރެއިން ޓީމު ލައްވައި ކުޅުވުމުގައި އޭނާއަށްވުރެ ތޫނުފިލި ކުޅުންތެރިއަކު އަދިވެސް މަދެވެ. އުނދަގޫ ދަނޑވަޅުތަކުގައި ޓީމުހަމައަކަށް އެޅުވުމުގައި އޭނަގެ ފަރާތުން ފެންނަ ލީޑަޝިޕް ސަތޭކަ އެވެ.

މުބާރާތުގެ ފައިނަލް ބުރުގައި ގްރޫޕް ސްޓޭޖްގައި ކުޅުނު ފުރަތަމަ މެޗުގައި ލިބުނު އަނިޔާ އަދިވެސް ރަގަޅުނުވާއިރު އެކަން ގިނަ ސަޕޯޓަރުންނަކަށް ނޭނގެ އެވެ. ސެމީފައިނަލްގައި ވަރުގަދަ ފޭދޫއާ ދެކޮޅަށް އަނިޔާގައިހުރެ އޭނާ ދެއްކި ހިތްވަރަކީ އާދައިގެ ކަމެއް ނޫނެވެ. ޓީމު އޮތް ހާލަތުން އެހެން ޗޮއިސް އެއް އޭނާއަށް ނެތީއެވެ. އެކަމަކު ކުޅުންތެރިޔާގެ އުމުރާއި މެޗްގެ ފެންވަރު އަޅާކިޔާއިރު މަޖިއްޓޭއަށް މާބޮޑަށްވެސް ތައުރީފު ހައްގެވެ.

މަޖިއްޓޭގެ ކިބައިގައި ހުރި ފުޓްބޯޅައިގެ ހުނަރުގެ ވާހަކަ މިތާ އަލުން ދެއްކުމުގެ ބޭނުމެއް ނެތެވެ. މަޖިއްޓޭ ކުޅުނު ޓީމުތަކަށް އޭނާ ހޯދާދީފައިވާ ކާމިޔާބީތަކުގެ ވާހަކަވެސް ސަޕޯޓަރުންނަށް އަލެއް ނޫނެވެ. ބ. އެޓޯލް ފުޓްބޯލް ޗެލެންޖްގެ ފުރަތަމަ މުބާރާތުގައި ގޮއިދޫ ޓީމަށް ކުޅެ ތަށި ހޯދައިދިނެވެ. ޖެހިގެންއައި އަހަރު އެ މުބާރާތުގެ ތަށި އޭދަފުށިން ކާމިޔާބުކުރިއިރު މަޖިއްޓޭއަކީ ޓީމުގެ ކެޕްޓަނެވެ.

މި ހާހިސާބުން އަދި ނުނިމެއެވެ. އަތޮޅުތަކުގެ މެދުގައި މީގެ ކުރިން ކުޅުނު ފުޓްބޯޅަ މުބާރާތްތަކުގައިވެސް މަޖިއްޓޭގެ ވިދުން އެހާ ގަދަ އެވެ. އެ މުބާރާތުގައި ޅ. ހިންނަވަރު ޓީމަށް ތިން ފަހަރު ކުޅެ އެއް ފަހަރު މުބާރާތުގެ ތަށި މަޖިއްޓޭ ވަނީ އުފުލާލާފަ އެވެ.

މިދިޔަ އަހަރު އޮތް މިނިވަން 50 މުބާރާތުގެ ޒޯން ސްޓޭޖް ގައި އޭދަފުއްޓާއި ނޮޅިވަރަމް ކުޅެނީ | ފޮޓޯ: ކުޅުދުއްފުށި އޮންލައިން
މިދިޔަ އަހަރު އޮތް މިނިވަން 50 މުބާރާތުގެ ޒޯން ސްޓޭޖް ގައި އޭދަފުއްޓާއި ނޮޅިވަރަމް ކުޅެނީ | ފޮޓޯ: ކުޅުދުއްފުށި އޮންލައިން

ތާރީހީ ފައިނަލަކަށް އޭދަފުށި މިރޭ ނުކުންނައިރު މަޖިއްޓޭގެ އެ ތަޖުރިބާއަކީ ޓީމަށް އޮތް އެންމެ ބޮޑު އެއް އެޑްވާންޓޭޖެވެ. ހިންނަވަރު ޓީމާއެކު ހޯދީ ކާމިޔާބީ އަމިއްލަ ރަށު ޓީމާއެކު ތަޖުރިބާކުރަން އޭނާހުރީ ކެތްމަދުވެފަ އެވެ. މިރޭގެ މެޗުގެ ފުރަތަމަ އެގާރައިން މަޖިއްޓޭ ފެނުމުގެ ފުރުސަތު ކުޑަޔަސް މެޗާ ދޭތެރޭ އޭނާ އަށް އޮތް ޔަގީންކަން ކުޑައެއް ނޫނެވެ. ޓީމުގެ ކުޅުންތެރިންނާ ދޭތެރޭ ފުރިހަމަ ޔަގީންކަން އޭނާއަށް އެބައޮތެވެ. ތިމަރަފުށްޓާއެކު ކުރިން ކުޅުނު މެޗާމެދު ފަހަރެއްގައިވެސް ވިސްނާކަށް އޭނާ ބޭނުމެއް ނުވެއެވެ.

“އަހަރެމެންގެ ޓީމުގެ ގިނަ ކުޅުންތެރިންނަކީ ގަލޮޅު ދަނޑުގައި ކުރިންކުޅެ ތަޖްރިބާ ހޯދާފައި ތިބި ކުޅުންތެރިން، މި ޓީމުގެ ރޫހް ވަރަށް ވަރުގަދަ،” މަޖިއްޓޭ ބުންޏެވެ. އެއަށްވުރެވެސް މަޖިއްޓޭއަށް މިރޭގެ މެޗާދޭތެރޭ ބުޑު އުއްމީދެއް ކުރެވޭ އެހެން ސަބަބެއްވެސް އެބައޮތެވެ،”

މުޅި ޓީމު މިއޮތީ ހަމަވެފަ، މިއީ އަދި އަލަށް މި މުބާރާތުގައި ހުރިހާ ކުޅުންތެރިން ހަމަވިފަހަރު، އަހަރެން ނޫނީ އިންޖަރީގައި ހުރި ކުޅުންތެރިއަކުވެސް ނެތް. ކޯޗަށް ފުރަތަމަ އެގާރަ ނަގަންވެސް ފަސޭހައެއް ނުވާނެ” ރާއްޖޭގެ އެކި ހިސާބުތަކުގައި ބާއްވާ މުބާރާތްތަކުގައި ކުޅެފައިވާ ތަޖްރިބާކާރު ކުޅުންތެރިޔާ ބުންޏެވެ.

dsc_0506

މިރޭގެ ފައިނަލާ ދޭތެރޭ ބޮޑު ޔަކީންކަމެއްގައި މަޖިއްޓޭ ހުއްޓަސް އޭނާ ތިމަރަފުށި ޓީމް އަންޑަރ އެސްޓިމޭޓެއް ނުކުރެއެވެ.

“އިންޑިވިޖުއަލް ކުޅުންތެރިންގެ ގޮތުން އަހަރުމެންނަށްވުރެ ކުޑަ ތަންކޮޅެއް ދަށްވިއަސް ޓީމެއްގެ ގޮތުގައި އެމީހުން ވަރުގަދަ، އެޓީމުގެ ދެއަރިމަތިންނާ ކުރިއަށް ކޅެ ކުޅުންތެރިންނާ ދޭތެރޭ އަހަރުމެން ސަމާލު ވާނެ. އެކަމަކު އެމީހުން ހުއްޓުވޭ ވަރުގެ ކުޅުންތެރިން އަހަރެމެންގެ ތެރޭގައި އެބަތިބި” ތިމަރަފުށީ ޓީމާ ގުޅޭ ގޮތުން މަޖިއްޓޭ ބުންޏެވެ.

މިރޭގެ ކުރިމަތިލުމަށް ނުކުންނައިރު ރިލީޒް ނުލިބުމުގެ ސަބަބުން ޓީމާއެކު ތިމަރަފުށްޓަށް ނުދެވުނު އިތުބާރު ފޯވާދް މުހައްމަދު ފާސިރު (ފާއްޓޭ) ޓީމާ ގުޅުމަކީވެސް މަޖިއްޓޭއަށް އޮތް ބޮޑު ހިތްހަމަޖެހުމެކެވެ.
މިދިޔަ އަހަރުގެ މުބާރާތުގެ ސެމީފައިނަލްގައިވެސް ކުޅެފައިވާ އޭދަފުށި ޓީމު މިހާ ހިސާބަށް އައުމުގައި ޓީމުގެ މެނޭޖްމަންޓުން ކުރި މަސައްކަތް މަޖިއްޓޭ ފާހަގަކުރަން ބޭނުންވެއެވެ.

“އަސްލު މިފަހަރުގެ ޓީމުގެ ތަފާތަކަށް އަހަންނަށް ފެންނަނީ ޓީމުގެ އޮފިޝަލުން ކުޅުންތެރިންނަށް ދޭ ސަމާލުކަން، އެންމެ ހަތަރު ފަސް މީހަކު މި ހުރިހާ ކުޅުންތެރިންގެ ހުރިހާ ކަމެއް ބަލަހައްޓައިދެނީ، ކުޅުންތެރިންގެ ފައިގައި އައިސް އަޅައިދޭންޖެހުނަސް ޖާޒީ ދޮންނަންޖެހުނަސް އެމީހުން އެހުރިހާ ކަމެއް އެކޮށްދެމުން އަންނަނީ ވަރަށް ފުރިހަމައެއް،” މެނޭޖްމަންޓުގެ މަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން މަޖީދު ބުންޏެވެ. އެއީ އާއްމުކޮށް މަދުން ނޫނީ ކުޅުންތެރިންގެ ފަރާތުން ނުއިވޭ ވަރުގެ ތައުރީފެކެވެ. މާބޮޑަށްވެސް ހިދުމަތް ރަގަޅީއެވެ.

މިވީގޮތުން މިރޭގެ މެޗު އެތައް ގޮތަކުން މަޖިއްޓޭއަށާއި ސަޕޯޓަރުންނަށް ހާއްސަވީ އެވެ. ތިރީސް އަހަރަށް ފަހު އޭދަފުށި ގަލޮޅު ދަނޑުގައި ތައްޓަކަށް ވާދަކުރަން ނުކުންނަނީ އެވެ. އަނެއްކޮޅުން އެންމެންގެ “ކެޕްޓަން” މަޖިއްޓޭ އޭދަފުށީގެ ޖާޒީގައި ޓީމާއެކު ފެންނާނެ މިއީ ފަހު ފަހަރެވެ. ހައްތާވެސް ތަށި ހޯދުން މަޖުބޫރު ސަބަބުތަކެވެ. މިކަން ކާމިޔާބުކުރުމަށް މިހާރު ހަމައެކަނި މަދުވަނީ ދަނޑަށް ކުޅިބަލަން ވަންނަ އޭދަފުށީގެ ރައްޔިތުންގެ ސަޕޯޓެވެ. ސަޕޯޓަރުންގެ ހަޅޭކުގެ އަޑުން ކުޅުންތެރިންގެ މަސައްކަތް ސަތޭކަ އިންސައްތަ މަތިކުރެވޭނެކަން މަޖިއްޓޭގެ ކެރިއަރުގައި ވަނީ ތަޖުރިބާ ކޮށްފަ އެވެ. ކުޅުންތެރިން ތިބީ ތައްޔާރަށެވެ. ރަށަށް ގިނަ ކާމިޔާބީ ތަކެއް ހޯދައިދީފައިވާ ކުޅުންތެރިޔާގެ ފެއާވެލް އުފާވެރި އީދަކަށް ހަދަން ސަޕޯޓަރުން ތައްޔާރު ހެއްޔެވެ؟

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.