ކޯސްޓްލައިން ފައުންޑޭޝަނުން ބ. ކިހާދޫގައި ހިންގާ، ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ސެންޓަރުން (ޓިވެކް) އަންނަ ޖުލައި މަހު ފަށާ ކޯސްތަކުގައި ބައިވެރިވާން ހުޅުވާލައިފި އެވެ.
ޖުލައި އިންޓޭކުގައި ފަށާ ކޯސްތަކުގެ ތެރޭގައި ހިމެނެނީ ޑީސަލް އަދި ޕެޓްރޯލް އިންޖީން މަރާމާތުކޮށް ބެލެހެއްޓުމާއި އިލެކްޓްރީޝަން އަދި އެއާކޮންޑިޝަން އާއި ރެފްރިޖަރޭޓަރު މަރާމާތު ކުރަން ދަސްކޮށްދޭ ކޯހެކެވެ.
17 ހަފްތާގެ ނިޔަލަށް ކުރިއަށްގެންދާ މި ކޯސްތަކަކީ ކޮލިފިކޭޝަން އޮތޯރިޓީ ގަބޫލުކުރާ ލެވެލް ތިނެއްގެ ކޯސްތަކެކެވެ.
ޓިވެކްގައި ކުރިއަށްގެންދާ މި ކޯސްތަކަށް އަންނަ ޖުލައި މަހުގެ 11 ވަނަ ދުވަހާ ހަމައަށް ކުރިމަތިލެވޭނެ ކަމަށެވެ. މި ކޯސްތަކުންވެސް ޖުމްލަ 50 ދަރިވަރުންނަށް ޖާގަ ދޭނެ ކަމަށް ޓިވެކުން ބުންޏެވެ.
ޓިވެކުން ހިންގާ ތަމްރީން ޕްރޮގްރާމުތަކުން އެއްވެސް ކުއްޖެއްގެ އަތުން ފީއެއް ނުނަގަ އެވެ. އަދި އެ ކެމްޕަހުގައި ހުރިހާ ކަމެއް ވެސް އޮންނާނީ ހިލޭ އެވެ. އެގޮތުން ކެއުމާއި ހުރުމުގެ އިތުރުން ކުދިން މުނިފޫހިފިލުވުމަށް ވެސް ގިނަ ކަންތައްތަކެއް އޮވެއެވެ.
ދިވެހި ޒުވާނުން މަސައްކަތްތެރިކަމުގެ ރޮނގުން ތަމްރީނު ކުރުމަށް ކޯސްޓްލައިން ފައުންޑޭޝަނުން 2016 ވަނަ އަހަރު ކިހާދޫގައި ގާއިމުކުރި މި ސެންޓަރަކީ ރާއްޖޭގެ އެންމެ ބޮޑު ވޮކޭޝަނަލް ޓްރެއިނިން ސެންޓަރެވެ.
ރާއްޖޭގައި ޒުވާނުން ތަމްރީނު ކުރަން ބޭނުންވާ ދާއިރާތައް ބަލައިގެން ޓިވެކްގައި ކުރިއަށްގެންދާ މި ކޯސްތަކުން މިހާތަނަށް ގިނަ އަދަދެއްގެ ކުދިން ވަނީ ގުރެޖްއޭޓްވެފަ އެވެ.