
ސައުދީ ސަރުކާރުން ރާއްޖެ އަށް ހަދިޔާ ކޮށްފައިވާ ކަދުރުގެ ތެރެއިން އޭދަފުށީ ރައްޔިތުންނަށް ބަހަން ހަމަޖައްސާފައިވާ ކަދުރު ބެހުމުގެ މަސައްކަތް އޭދަފުށީ ކައުންސިލުން ފަށައިފި އެވެ.
ރޯދަމަހާ ދިމާކޮށް ކޮންމެ އަހަރަކު ވެސް ސައުދީ އިން ރާއްޖެ އަށް ކަދުރު ހަދިޔާ ކުރެ އެވެ. އާންމުކޮށް ކޮންމެ އަހަރެއްގެ ވެސް ރޯދަމަސް ފެށުމުގެ ކުރިން ނުވަތަ ފުރަތަމަ ހަފުތާގެ ތެރޭގައި ކަދުރު ބަހަ އެވެ.
އެކަމަކު މި ފަހަރު ރޯދަމަސް ނިމި، މަހެއްހާ ދުވަސްވީ ފަހުން ކަދުރު ބަހަން ފަށާފައިވާއިރު، އޭދަފުށީ ރައްޔިތުންނަށް ބެހުމަށް މިއަހަރު ލިބިފައިވަނީ އެއް ކިލޯގެ 528 ޕެކެޓް ކަދުރެވެ.
ކައުންސިލުން ބުނީ ސައުދީ ސަރުކާރުން ރާއްޖެއަށް ހަދިޔާ ކޮށްފައިވާ ކަދުރުގެ ތެރެއިން އޭދަފުށީ ރައްޔިތުންނަށް ބަހަން ލިބުނު ކަދުރު މިދިޔަ ހަފްތާއިން ފެށިގެން ކޮންމެ ގޭ ބިސީ އަކަށް ކަދުރު ޕެކެޓެއްގެ މަގުން ބަހަށް ފަށާފައިވާ ކަމަށެވެ.
އޭދަފުށީ ކައުންސިލު އިދާރާއިން ކަދުރު ދޫކުރަމުން ގެންދަނީ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 12:00 އަށެވެ.
މިދިޔަ އަހަރު ސައުދީ އިން ވަނީ ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާކޮށްފަ އެވެ. މިދިޔަ އަހަރު ކަދުރު ބެހީ ފަގީރުންގެ ދަފްތަރުގައި ހިމެނޭ ކޮންމެ ގޭބިސީއަކަށް އެއް ޕެކެޓް ދިނުމަށް ފަހު، މީހުން ދިރިއުޅޭ ގޭބިސީތަކުގެ ތެރެއިން ކަދުރު ބަލައި ދާ މީހުންގެ ތަރުތީބުންނެވެ.

