ކަމަދޫ ކަރަންޓު ބިލުތަކުން އިތުރަށް ފައިސާ ނެގި މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި

ބ. ކަމަދޫ: ކަމަދޫ ފެނަކަ ބްރާންޗުން އެ ރަށުގެ ގެތަކަށާއި ވިޔަފާރިތަކަށް ފޮނުވި ކަރަންޓު ބިލުތައް އޮޅުވާލައިގެން ފައިސާ ނެގި މައްސަލައިގައި ދައުވާ ކޮށްދިނުމަށް އޭސީސީއިން ވަނީ އެދިފައި — ފޮޓޯ: މުހައްމަދު ޝަހުޒާން / އަދަދު

ގާތްގަނޑަކަށް ދެ އަހަރު ވަންދެން، ބ. ކަމަދޫ ފެނަކަ ބްރާންޗުން، އެ ރަށު ގޭބިސީތަކަށް ފޮނުވި ކަރަންޓު ބިލުގައި އިތުރަށް ފައިސާގެ އަދަދު ޖަހައި އިތުރު ކުރި އަދަދުން ވައްކަން ކުރި މައްސަލާގައި އެ މުވައްޒަށް ދައުވާކުރަން، ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފޮނުވައިފި އެވެ.

އޭސީސީން ބުނީ ބިލުތަކުގެ ޖުމްލަ އަދަދަށް ބަދަލު ގެނެސް ފައިސާ ނަގާފައިވާ މައްސަލަ ކޮމިޝަނުން ތަހުގީގުކޮށް ކޮރަޕްޝަނުގެ ދައުވާ ކޮށްދޭން ޕީޖީ އޮފީހުގައި އެދިފައިވާ ކަމަށެވެ. އެ މައްސަލާގައި ދައުވާކުރަން އެދުނީ ފެނަކަ ކަމަދޫ ބްރާންޗުގެ ކުރީގެ އެޑްމިނިސްޓްރޭޓިވް އޮފިސަރު އައިޝަތު ސަމިއްޔާގެ މައްޗަށް ކަމަށް ވެސް އެކޮމިޝަނުން ބުންޏެވެ.

އޭސީސީން އެދިފައިވަނީ، އޭނާގެ މައްޗަށް ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން އަމިއްލައަށް ނާޖާއިޒު ފައިދާ ހޯދުމުގެ ކުށުގެ ދައުވާއާއި، ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލު ކުރުމުގެ ކުށު ދައުވާ އުފުލައިދިނުމަށެވެ.

އައިޝަތު ސަމިއްޔާ، 2017 އިން ފެށިގެން 2019 ގެ ނިޔަލަށް ފެނަކަ ކަމަދޫ ބްރާންޗުގެ ކަރަންޓް ބިލުތަކުން ޖުމްލަ 375،405.52ރ. ނަގައި އެފައިސާ ބޭނުން ކޮށްފައި ކަމަށް ފެނަކައިން ތުހުމަތު ކުރެ އެވެ.

އެ ފައިސާ އަނބުރާ ހޯދުމަށް ފެނަކައަށް އެންގުމަށް އޭސީސީން ނިންމާފައިވެ އެވެ. އަދި މި އަމަލުގެ ސަބަބުން ގެއްލުން ލިބުނު ގޭބިސީތަކުގެ ފަރާތްތަކަށް އެ ފައިސާ އަނބުރާ ހޯދައިދިނުމަށް ވެސް ފެނަކައަށް އޭސީސީން އަންގާފައިވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.