އީދު ފާހަގަކުރުމަށް 26 ރަށަކުން ޕްރޮޕޯސަލް ހުށަހަޅައިފި

ބޮޑު ޢީދު ފާހަގަކުރަން ހުޅުވައިލި ފުރުސަތަށް ލިބުނު ތަރުހީބު ރަނގަޅު ކަމަށާއި، ހުށަހެޅުންތައް ބަލައި ރަށްތައް ކަނޑައެޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

މި އަހަރުގެ އަޟްޙާ ޢީދު ފާހަގަ ކުރުމަށް ޝައުގުވެރިވާ ރަށްރަށުން އެކަމަށްއެދި ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ. އިއުލާނާ އެއްގޮތަށް 26 ރަށަކުން ޕްރޮޕޯޒަލް ހުށަހަޅާފައިވާ ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

މިނިސްޓްރީން ބުނީ، ޢީދު ފާހަގަކުރުމަށް ޝައުގުވެރިކަން ފާޅުކޮށް ހުށަހެޅި ރަށްތަކަށް ބަލާއިރު، ރާއްޖޭގެ އުތުރުން 7 ރަށަކާއި، މެދު ރާއްޖެތެރެއިން 10 ރަށަކާއި،  ދެކުނުން 9 ރަށަކާއެކު ޖުމްލަ 26 ރަށެއް ހިމެނޭ ކަމަށެވެ.

އެ ވުޒާރާއިން ކުރި އިއުލާނުގައި ވާ ގޮތުން، މިއަހަރު އަޟްޙާ ޢީދު ފާހަގަ ކުރުމަށް ރާއްޖޭގެ ތިން ރަށެއް ކަނޑައަޅާނެއެވެ. އަދި ރަށްތައް ކަނޑައެޅުމުގައި ބަލާނެ ކަންތައްތަކުގެ ތެރޭގައި، ޢީދުގައި އެރަށަކުން ކުޅޭނެ ކުޅިވަރުތަކަށާއި، ކުރާނެ ޚަރަދުތަކާއި، އަގެއް ނުނަގައި އެރަށަކުން ކޮށްދޭނެ ކަންތައްތައް ހިމެނޭ ކަމަށް އިއުލާނުގައި ބުނެފައިވެއެވެ. އަދި އިއުލާނާއެކު ޕްރޮފޯޒަލްގައި ހިމަނަން ބޭނުންވާ މައިގަނޑު ބައިތައް ހިމެނޭ ލިޔުމާއި އަޟްޙާ ޢީދު ފާހަގަކުރާ ރަށްރަށް ކަނޑައެޅުމުގައި ބަލާނެ މިންގަނޑުތައް ހިމެނޭ ލިޔުން ވެސް ވަނީ ކަނޑައަޅާފައެވެ.

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ވިދާޅުވީ ބައެއް ރަށްރަށުން އިއުލާނުގައިވާ ސުންގަޑީގެ ފަހުން ހުށަހެޅުންތައް ފޮނުވާފައިވާ ކަމަށާއި ނަމަވެސް އެ ހުށަހެޅުންތައް ބަލައި ނުގަތުމަށް ނިންމާފައިވާ ކަމަށެވެ.

1445 ވަނަ އަހަރުގެ އަޟްޙާ ޢީދު ފާހަގަ ކުރުމަށް ޝައުގުވެރިކަން ފާޅުކޮށް ހުށަހަޅާފައިވާ ޕްރޮޕޯޒަލްތައް ބަލައި މާކްސް ދިނުމަށް އެ ވުޒާރާއިން ވަނީ ޚާއްޞަ ކޮމިޓީއެއް އެކުލަވާލައިފައެވެ. ޕްރޮޕޯޒަލްތައް ބަލައި މާކްސް ދިނުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.