
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް 2023 ވަނަ އަހަރަކީ ގިނަ ކުރިއެރުންތަކަކާއި ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ލިބުނު އަހަރެކެވެ. މާލީ ގޮތުން އެންމެ ކާމިޔާބު އަހަރެވެ. މިދިޔަ އަހަރު ނިމިގެން ދިޔައީ ޓެކްސްއަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 2.07 ބިލިއަން ރުފިޔާ ފައިދާގެ ގޮތުގައި ލިބިގެންނެވެ.
މިދިޔަ އަހަރު ބޭންކަށް ލިބުނު އިތުރު ކާމިޔާބީ އަކީ ކަސްޓަމަރުންގެ އިތުބާރާއި ބޭންކިންގ ހިދުމަތް ހޯދުމަށް އިހުތިޔާރުކުރާ ބޭންކަކީ ބީއެމްއެލް ކަމުގައި ގިނަ ކަސްޓަމަރުން ނިންމާ ނިންމުމެވެ. މި ގޮތުން 2023 ވަނަ އަހަރު 23،000 އައު ކަސްޓަމަރުން ބޭންކާ ގުޅި 66،000 އަށް ވުރެ ގިނަ އައު އެކައުންޓް ވަނީ ބޭންކުގައި ހުޅުވާފައެވެ.
ކަސްޓަމަރުންނަށް ދެމުންދާ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްވެސް ބީއެމްއެލް އިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ކަސްޓަމަރުންނަށް ދެމެންދާ ހިދުމަތާ ގުޅޭ ގޮތުން ބޭންކް އޮފް މޯލްޑިވްސްގެ ޑައިރެކްޓަރ އޮފް ކަސްޓަމަރ ސަރވިސް ގުލްނާޒް މާހިރު ވިދާޅުވީ، ބީއެމްއެލް އިން އަބަދުވެސް މަސައްކަތް ކުރަނީ ކަސްޓަމަރުންގެ ހިތްހަމަޖެހޭ އަދި އުފަލާއެކު ބަލައިގަންނަ ހިދުމަތެއް ފޯރުކޮށްދިނުމަށް ކަމަށެވެ.
“ފުރިހަމަ އަދި ރައްކާތެރި ބޭންކިންގ ހިދުމަތެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަކީ އަޅުގަނޑުމެން އެކަމަކަށް އެންމެ ހާއްސަ ސަމާލުކަމެއްދޭ އެއްކަން. އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރަނީ ކަސްޓަމަރުންގެ ހިތްހަމަޖެހޭ އަދި އުފަލާއެކު ބަލައިގަންނަ ހިދުމަތެއް ފޯރުކޮށްދިނުމަށް. މިގޮތަށް ކުރެވެމުންދާ މަސައްކަތުން މިދިޔަ އަހަރު ވަނީ ކަސްޓަމަރުންގެ ޝަކުވާ %20 އަށް ދަށްކުރެވިފައި.” ގުލްނާޒް މާހިރު ވިދާޅުވި އެވެ.

ބީއެމްއެލް އިން 2023 ވަނަ އަހަރުގެ މެއި މަހުގައި ވަނީ ޑިޖިޓަލް ބޭންކިންގ އެސިސްޓަންޓް އާޔާ ތައާރަފްކޮށްފައެވެ. އާޔާ އަކީ ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތް އިތުރަށް ފުރިހަމަ ކުރުމަށް ބޭންކުގެ ވެބްސައިޓް، ފޭސްބުކް މެސެންޖަރ، ވައިބާ އަދި ވަޓްސްއެޕް މެދުވެރިކޮށް 24 ގަޑިއިރު ހިދުމަތް ލިބޭ އިންޓަރލިޖެންޓް ޗެޓްބޮޓެކެވެ.
ގުލްނާޒު ވިދާޅުވި ގޮތުގައި އާޔާ ފަރުމާކޮށްފައިވަނީ ކަސްޓަމަރުންނަށް ފަސޭހަވާނެހެން ދިވެހި ބަހުންނާއި އިނގިރޭސި ބަހުން މުއާމަލާތް ކުރެވޭ ގޮތަށެވެ. އަދި ކަސްޓަމަރުންގެ ސުވާލުތަކަށް ޖަވާބުދީ އަދި ބޭނުންވެއްޖެ ހާލަތެއްގައި ކަސްޓަމަރ ސަރވިސް އޭޖަންޓަކާ އާޔާ ގުޅުވާލަދޭނެ އެވެ.
“މިދިޔަ އަހަރު، ކަސްޓަމަރުން ފެށި 47،000 ޗެޓްގެ ތެރެއިން %53 އިންސައްތަ ޗެޓަށް ޖަވާބުދީފައިވަނީ އަޔާ މެދުވެރިކޮށް. މިއިން ދައްކުވައިދެނީ ކަސްޓަމަރުން ބޭންކަށް ގުޅަން ނުޖެހި، ބޭނުންވާ ގިނަ މައުލޫމާތުތަކެއް އާޔާ މެދުވެރިކޮށް ހޯދޭނެކަން. އަދި އާޔާއެކު ބޭންކުގެ ޑިޖިޓަލް މުޢާމަލާތްތަކުގެ އަދަދު އިތުރުވުމަށް މަގުފަހިވެގެންދިޔަ.”
ބޭންކުން ކަސްޓަމަރ ސަރވިސް ރަނގަޅު ކުރަން ކުރާ މަސައްކަތައް އަލިއަޅުވާލަމުން ގުލްނާޒް އިތުރަށް ވިދާޅުވީ ކަސްޓަމަރުން ހުށަހަޅާ މައްސަލަތައް ހައްލުކޮށްދިނުމުގައި މިދިޔަ އަހަރު %24 ގެ ކުރިއެރުމެއް ލިބުނު ކަމަށެވެ. އަދި މިއީ ކަސްޓަމަރުން ބޭނުންވާ ފަދަ ހިދުމަތެއް ދިނުމަށް އެ ބޭންކުން ދޭ އަހައްމިއްޔަތުކަން ހާމަވެގެންދާކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
“މި ކާމިޔާބީއަކީ ބޭންކުން އިސްނަގައިގެން ކުރި އެތައް މަސައްކަތެއްގެ ސީދާ ނަތީޖާ. މީގެ ތެރޭގައި،ކޭސް މެނޭޖްމަންޓް ސިސްޓަމް ތަންފީޒުކުރުމާއި މުވައްޒަފުންނަށް ދެވުނު ތަމްރީނާއި މިދިޔަ އަހަރު ތެރޭ ބޭންކުގެ ގިނަ ޕްރޮސެސްތަކެއް ބަދަލުކޮށް އިތުރަށް ރަނގަޅުކުރުމަށް ކުރެވުނު ބުރަ މަސައްކަތް. މި ފުރުސަތުގައި މިކާމީޔާބީ ހޯދުމުގައި ޝާމިލުވާ އެންމެހާ މުވައްޒަފުންނަށް ޝުކުރު ދަންނަވަން.”
ދިވެހިރާއްޖޭގެ އެންމެ ބޮޑު ބޭންކިންގ ވިއުގަ އާއި ޒަމާނީ ބޭންކިން ހިދުމަތާއެކު ބީއެމްއެލްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.