
މީގެ އަހަރުތަކެއް ކުރިން ދައުލަތުގެ މިޑިއާ، ޕީއެސްއެމުން އަތޮޅުތަކުގައި ހިންގަމުން އައި އަތޮޅު ބިއުރޯތަކުގެ ހިދުމަތް އަލުން ފަށަން ނިންމައިފި އެވެ.
އެ ކުންފުނިން ބޭއްވި މީޑިއާ ބްރީފިންއެއްގައި މެނޭޖިން ޑިރެކްޓަރު ޒީނާ ޒާހިރު ވިދާޅުވީ، ކުންފުނީގެ މެނޭޖުމަންޓާ ހަވާލުވެވަޑައިގެންނެވިއިރު އަތޮޅުތެރޭގެ ހުރިހާ ބިއުރޯއެއްގެ ހިދުމަތް ހުއްޓިފައިވާކަމަށެވެ. ނަމަވެސް އެ ބިއުރޯތަކުގެ މަސައްކަތް އަލުން ފަށައި ސަރަހައްދީ ބިއުރޯތައް އަލުން އޮޕަރޭޝަނަށް ގެނައުމުގެ އަމަލީ މަސައްކަތް ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެގޮތުން މިއަހަރުގެ ތެރޭގައި މަދުވެގެން ދެ ބިއުރޯއެއް ޚިދުމަތަށް ގެނައުމަށް މަސައްކަތްކުރައްވަމުން އަންނަ ކަމަށް ޒީނާ ޒާހިރު ވިދާޅުވި އެވެ.
“އެ ބިއުރޯއިން ޓީވީއާއި ރޭޑިއޯ މެދުވެރިކޮށް މަޢުލޫމާތުތައް ގެނެސްދޭނެ. 2 ބިއުރޯއަށްވެސް ބޭނުންވާ ސާމާނު ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުން،” ޒީނާ ވިދާޅުވި އެވެ.
މީޑިއާ ސެންޓަރުތައް ހިންގުމަށްޓަކައި އެކި ދުވަސްވަރު ރާއްޖޭގެ އެކި ސަރަހައްދުން 7 ބިމެއް ޕީއެސްއެމަށް ޚާއްސަކޮށްފައިވެއެވެ.
ޒީނާ ވިދާޅުވީ އޭގެތެރެއިން 4 ރަށަކަށް ޒިޔާރަތްކުރައްވާ، އަލުން ބިއުރޯގެ މަސައްކަތް ފެށުމަށްޓަކައި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވާކަމަށެވެ.

ޒީނާގެ ވިދާޅުވި ގޮތުގައި ސުނާމީފަދަ ކާރިސާތަކުގެ އެލަރޓާއި، މޫސުން ލަފާކުރާ ގޮތް ފަދަ ކޮންމެހެން ރައްޔިތުންނަށް ބޭޏުންވާ މުހިންމު މައުލޫމާތުތައް، ވަގުތުން ގެނެސްދިނުމަށްޓަކައި ޖަޕާނުގެ ހިލޭއެހީގައި ކުރިއަށްގެންދާ “އިންޓަގްރޭޓެޑް ސަރވިސަސް ޑިޖިޓަލް ބްރޯޑްކާސްޓިންގ – ޓެލެސްޓީރިއަލް” މަޝްރޫއުއަށް އެކި ސަރަހައްދުތަކުން 20 ބިމެއް ވަނީ ހަމަޖެހިފަ އެވެ.
މި މަޝްރޫޢުގެ މަސައްކަތްތައް ކުރަން ކަނޑައަޅައިފައިވާ ރަށްރަށުގެ ތެރެއިން އެންމެ ރަށެއް ފިޔަވައި ހުރިހާ ރަށެއްގައި މަސައްކަތް ކުރިޔަށްދާކަމަށްވެސް ޒީނާ ވިދާޅުވިއެވެ.
އެގޮތުން މިހާތަނަށް 9 ރަށެއްގައި ޓަވަރުގެ މަސައްކަތް ނިންމާފައިވާކަމަށާއި، ކެޕޭސިޓީ ބިލްޑްކުރުމުގެ މަސައްކަތްވެސް ފަށްޓަވާފައިވާކަމަށް ޒީނާ ވިދާޅުވިއެވެ.