
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހަރުދަނާ މާލީ ނަތީޖާ ހޯދުމުގެ ފަހަތުގައި ވަނީ ކަސްޓަމަރުން ބޭންކަށް ކުރައްވާ އިތުބާރުކަމަށް ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ކާރލް ސްޓުމްކަ ވިދާޅުވެއްޖެ އެވެ.
ރޭ ބޭއްވި ބޭންކް އޮފް މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ކާރލް ސްޓުމްކަ ވަނީ ބީއެމްއެލްގެ ކާމިޔާބީއާމެދު ފަހުރުވެރިވާކަން ފާޅުކުރައްވާފަ އެވެ. އަދި މި ކާމިޔާބީ އަށް ވާސިލްވުމަށް ކަސްޓަމަރުންނަށް ދޭ ހިދުމަތާއި، އިންފްރާސްޓްރަކްޗަރ، ޑިޖިޓަލް ސޮލިއުޝަންސް އަދި ދެމެހެއްޓެނެވި ގޮތެއްގައި މަސައްކަތް ކުރުމާއި މުޖުތަމައަށް ފޯރުކޮށްދޭ އެހީ މުހިންމު ދައުރެއް އަދާކޮށްފައިވާކަން ވެސް ކާރލް ސްޓުމްކަ ހާމަކުރެއްވިއެވެ.
“2023 ވަނަ އަހަރު، ސާފު ފައިދާގެ ގޮތުގައި 2.07 ބިލިއަން ރުފިޔާ ބޭންކަށް ލިބިފައިވޭ. މިއީ މިހާތަނަށް ބޭންކަށް ހޯދުނު އެންމެ މަތީ އަދަދު. މި ފުރިހަމަ ކާމިޔާބީ ލިބިފައިވަނީ ލިކުއިޑިޓީ މެނޭޖްމަންޓް، ޓްރެޝަރީ ބިލްއަށް އިންވެސްޓްކުރުން، އަދި ލޯނު ޕޯޓްފޯލިއޯ އިތުރުކުރަން ކުރި މަސައްކަތުގެ ސަބަބުން. އަޅުގަނޑުމެންގެ ކަސްޓަމަރުން ޑިޕޮސިޓްކުރި އަދަދު ވަނީ 1.6 ބިލިއަން ރުފިޔާއަށް އިތުރުވެފަ. ކަސްޓަމަރުން އަޅުގަނޑުމެންނަށް ކުރާ އިތުބާރާއެކު، ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ ގޮތުގައި މިވަނީ މާކެޓްގެ %55 އިންސައްތައާއެކު އަޅުގަނޑުމެންގެ މަގާމު އިތުރަށް ވަރުގަދަވެފަ.” އޭނާ ވިދާޅުވި އެވެ.
ކަސްޓަމަރުން ކުރައްވާ އިތުބާރަށް ޝުކުރު އަދާކުރައްވަމުން ކާރލް އިތުރަށް ވިދާޅުވީ އެ ބޭންކްގެ ކާމިޔާބީގެ ބިންގަލަކީ ކަސްޓަމަރުން ދެއްވާ އެއްބާރުލުން ކަމަށެވެ.
“ތިޔަބޭފުޅުން ފަސްނުޖެހި އަޅުގަނޑުމެންނަށް ތިޔަ ކުރައްވާ އިތުބާރަށް ޝުކުރުއަދާކުރަން. އަޅުގަނޑުމެންގެ ކާމިޔާބީގެ ބިންގަލަކީ ތިޔަދެއްވާ އެއްބާރުލުން. އަދި ބޭންކުގެ މި ކާމިޔާބު ދަތުރުގައި ތިޔަބޭފުޅުން ތިއްބެވިކަމީ އަޅުގަނޑުމެންނަށް ލިބޭ ޝަރަފެއް. ވީހާވެސް ފަސޭހަކަމާއެކު ބޭންކިންގ ހިދުމަތް ލިބޭނެ ގޮތްތަކާއި ތިޔަބޭފުޅުން ހިދުމަތް ހޯއްދެވުމުގައި ކުރައްވާ ތަޖުރިބާ އިތުރަށް ރަނގަޅުކުރުމަށް އަޅުގަނޑުމެން އިތުރަށް މަސައްކަތްކުރާނަން.” އޭނާ ވިދާޅުވި އެވެ.
ކަސްޓަމަރުންގެ ބޭނުންތައް ފުއްދައިދިނުމުގައި ދެމިތިބިކަން ފާހަގަ ކުރައްވަމުން ކާރލް ވިދާޅުވީ ކަސްޓަމަރުންގެ ބޭނުންތައް ހައްލު ކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި ޔޫއޭއީގެ ދިރުހަމް (އޭއީޑީ) އަދި ޗައިނީސް ޔުއާން އިން ކަސްޓަމަރުންނާ މުއާމަލާތް ކުރެވޭނެ ގޮތަށް ސިސްޓަމްތައް ކޮންފިގަރޭޓް ކޮށްފައިވާ ކަމަށެވެ.
“އަޅުގަނޑުމެންނަށް މިހާރު ޔުއާން އިން ސެޓްލްމަންޓްތައް ލިބެން ބޭނުންވާ ކަސްޓަމަރުންނަށް ޔުއާން އެކައުންޓްތައް ފޯރުކޮށްދީ، ކުރިއަށް އޮތް ތަނުގައި ފައިސާ ދެއްކުމަށް މި ހިދުމަތް ބޭނުން ކުރެވޭނެ،” އޭނާ ވިދާޅުވި އެވެ.
ކާލް ސްޓުމްކަ ވިދާޅުވީ، ކުރިމަގުގައި ބޭންކުގެ ހިންގުން ހަރުދަނާ ކުރުމާއި ކަސްޓަރުންނަށް ދޭ ހިދުމަތް އެންމެ މަތީ މިންގަނޑެއްގައި ހިފެހެއްޓުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
އޭނާ ވިދާޅުވީ، ޑިޖިޓަލައިޒޭޝަނަށް ހާއްސަ ސަމާލުކަމެއް ދީގެން، ދެމެހެއްޓެނެވި ބޭންކިން ހިދުމަތްތަކެއް ފޯރުކޮށްދޭން އާ ބަދަލުތައް ގެންނަން މަސައްކަތް ކުރާ ކަމަށެެވެ.
މިދިޔަ އަހަރު ބީއެމްއެލް އަށް ދެ ބިލިއަން ރުފިޔާގެ ފައިދާއެއް ލިބިފައި ވެ އެވެ.