
އޭޝިއާ ޕެސިފިކްގެ ގިނަ ކުންފުނިތަކެއް ބައިވެރިވި ޓުވިމްބިޓް އެވޯޑްސްގެ “ސްމޯލް މާކެޓް ޓެލްކޯ އޮފް ދަ އިޔާ”ގެ ޝަރަފު އުރީދޫން ހޯދައިފިއެވެ.
މިދިޔަ އަންގާރަ ދުވަހު ސެއިންޓް ރެޖިސް ސިންގަޕޫރުގައި ބޭއްވި ޓްވިމްބްޓް އެވޯޑްސްގެ “ސްމޯލް މާކެޓްސް ޓެލްކޯ އޮފް ދަ އިޔާ”ގެ އެވޯޑަށް ނޮމިނޭޓްވި ތިން ކުންފަންޏަކީ އުރީދޫ، ދިރާގު، އަދި ބްރޫނާއީގެ ޑީއެސްޓީއެވެ.
މި އެވޯޑްގައި އޭޝިއާ ޕެސިފިކް ސަރަޙައްދުގެ ބޮޑެތި ޓެލްކޯ އަދި ޓެކް ކުންފުނިތަކުން ބައިވެރިވިއެވެ. އޭގެ ތެރޭގައި، ބާރްތީ އެއާޓެލް، ސިންގްޓެލް، ސްޓާހަބް، ރަކުޓެން މޮބައިލް ޖަޕާން، ރިލަޔަންސް ޖިއޯ، އިންޑޯސެޓް އުރީދޫ ހަޗިސަން، ޗައިނާ މޮބައިލް ފަދަ ކުންފުނިތައް ހިމެނެއެވެ.
އުރީދޫ މޯލްޑިވްސްގެ ސީއީއޯ ޚާލިދު އަލް ހަމާދީ ވިދާޅުވީ، ޓްވިބިޓް ޓެލެކޮމް އެވޯޑްސް ލިބުމަކީ އުރީދޫއަށް ލިބުނު ޝަރަފެއް ކަމަށެވެ.
“މިއީ މި ކާމިޔާބީއަށް މަގުފަހިކޮށްދިން އަޅުގަނޑުމެންގެ ޓީމުގެ ހިތްވަރާއި ބުރަ މަސައްކަތުގެ ހެއްކެއް. މި ކާމިޔާބީގެ ފަހަތުގައި ތިބި ހުރިހާ ފަރާތްތަކަށް ވަރަށް އިޚުލާޞްތެރިކަމާ އެކު ޝުކުރު ދަންނަވަން. މި ކާމިޔާބީ ފާހަގަކުރަމުންދާއިރު، ކުރިއަށް އޮތްތަނުގައި ވެސް އީޖާދީ، ފެންވަރު ރަނގަޅު ޚިދުމަތް ދިނުމުގައި އުރީދޫ މޯލްޑިވްސްއިން ދެމިތިބޭނެކަމުގެ ޔަގީންކަން އަރުވަން،” ޚާލިދު އަލް ހަމާދީ ވިދާޅުވިއެވެ.
ޓެލެކޮމް އިނޮވޭޓަރުންނަށް ދޭ އެންމެ މަތީ ޝަރަފު ކަމަށްވާ ޓްވިމްބިޓް ޓެލެކޮމް އެވޯޑްސްއިން ވަނީ 23 ކެޓަގަރީއަކުން ފާހަގަކޮށްލެވޭ ކާމިޔާބީތަކުގެ އަގު ވަޒަންކޮށް ކުންފުނިތަކަށް ޝަރަފުވެރި އެވޯޑް ހަވާލުކޮށްފައެވެ. މިގޮތުން ޓެލްކޯ އޮފް ދަ އިޔާ އަދި ޓެލްކޯ ޓު ޓެކްކޯ އޮފް ދަ އިޔާ ފަދަ ދާއިރާތަކަށް އެ ރަސްމިއްޔާތުގައި އެވޯޑް ހަވާލުކުރިއެވެ.
މި އެވޯޑުގެ ސްޓްރެޓީޖިކް ޕާޓްނަރަކީ ޑިޖިޓަލް ތަޖުރިބާތައް ފޯރުކޮށްދިނުމުގައި މަޝްހޫރު ޓެކްނޮލޮޖީ ކުންފުންޏެއް ކަމަށްވާ އެފް ފައިވްއަށް ވާއިރު، މި ޕްރޮގްރާމުގެ މީޑިއާ ޕާޓްނަރަކީ ޑީއެންއޭއެވެ.
ޓްވިމްބްޓް އެވޯޑްސް ހަފުލާގައި ފާހަގަކޮށްލެވޭ ކާމިޔާބީ ހޯދި ކުންފުނިތަކުގެ ތެރޭގައި އެސްކޭޓީ، ރިލަޔަންސް ޖިއޯ، ޕީސީސީޑަބްލިއު، ޓެލްސްޓްރާ، އޮޕްޓަސް، ބާރްތީ އެއާޓެލް، އުރީދޫ ހިމެނެއެވެ.