
ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ މުގައްރިރަކަށް އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް އައްޔަން ކޮށްފި އެވެ.
މަޖިލީހުގެ ދާއިމީ ކޮމިޓީތަކަށް މެންބަރުން ކަނޑައަޅައި މަޖިލީހުގެ ތަޅުމުން މިއަދުވަނީ ފާސްކޮށްފަ އެވެ. އޭގެފަހުން އޮތީ ކޮމިޓީތަކުގެ މުގައްރިރުންނާއި ނައިބު މުގައްރިރުން އިންތިޚާބު ކުރުމެވެ.
241 ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި މުގައްރިރު ހޮވުމަށް ނެގި ވޯޓުން ސަލީމްގެ ނަން ފާސްކޮށްފައިވަނީ އެ ކޮމިޓީގެ ހުރިހާ މެންބަރުންގެ އިއްތިފާގުންނެެވެ. މި ކޮމިޓީގެ ނައިބު މުގައްރިރަކަށް ފަލާހު އައްޔަންކޮށްފައިވާއިރު، އޭނާއަކީ ޕީއެންސީގެ ޕީޖީ ލީޑަރުވެސްމެއެވެ.
ކޮމިޓީއާ ހަވާލުވެ ވަޑައިގަތުމަށްފަހު ސަލީމް ވިދާޅުވީ 241 ކޮމިޓީއަކީ މުހިންމު މަސައްކަތްތަކެއް ކުރަންޖެހޭ ކޮމިޓީއެއް ކަމަށެވެ. އެހެން ކަމުން އެ ކޮމިޓީގެ މަސައްކަތްތައް އެންމެ ފުރިހަމައަށް ކުރިޔަށް ގެންދެވުމަށްޓަކައި މަސައްކަތް ކުރައްވާނެ ކަމަށާއި ދިރާސާ ކުރުމަށް ފަހު، ވަރަށް އަވަހަށް އެ ކޮމިޓީގެ ބައްދަލުވުމެއް ބާއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މަޖިލީހުގެ 241 ކޮމިޓީއަކީ ގާނޫނު އަސާސީގެ 241 ވަނަ މާއްދާއިން ބާރުލިބިގެން އުފައްދާފައިވާ ކޮމިޓީއެކެވެ.
241 ކޮމެޓީގެ މުގައްރިރު ކަމުގެ އިތުރުން ސަލީމް ވަނީ މާލިއްޔަތު ކޮމެޓީގެ ނައިބު މުގައްރަރު ކަމަށްވެސް އިންތިޚާބު ކޮށްފަ އެވެ. މިކޮމެޓީގެ މުގައްރިރަކީ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާޙީމް އެވެ.