
ބ. އޭދަފުށިން ދޫކުރާ 183 ގޯއްޗަށް 533 މީހުން ކުރިމަތިލައިފި އެވެ.
އެތައް އަހަރުތަކަކަށް ފަހު، އޭދަފުށިން ގޯތި ދޫކުރަން އިއުލާނުކުރީ މިދިޔަ މާޗު މަހު އެވެ. އެ މުއްދަތު މިދިޔަ އަންގާރައަށް ވަނީ ހަމަވެފަ އެވެ.
އޭދަފުށި ކައުންސިލުގެ ރައީސް މުހައްމަދު ފާތިހު މިއަދު ވިދާޅުވީ، ފޯމުތައް ހުށަހެޅުމުގެ މުއްދަތު ހަމަވިއިރު 533 މީހުން ކުރިމަތިލި ކަމަށެވެ.
އޭދަފުށިން ދޫކުރަން ނިންމާފައިވަނީ 1،200 އަކަފޫޓުގެ 183 ގޯއްޗެވެ. ގޯތިތައް ދޫކުރަނީ ރަށުގެ ފުޓްބޯޅަ ސްޓޭޑިއަމާ ދިމާ އިރުމަތީ ފަރާތުން ހިއްކާފައިވާ ސަރަހައްދުން 100 ގޯއްޗާއި، އިރު ދެކުނު ކުނި ކޮށި ސަރަހައްދުން 83 ގޯއްޗެވެ.
މިއީ ކުރިން ގޯތި ދޫކުރަން ހުޅުވާލިއިރު، ގޯއްޗަށް އެދުނު މީހުނަށްވުރެ މަދު އަދަދެކެވެ. އެފަހަރު އޭދަފުށިން ގޯއްޗަށްއެދި 800 އެއްހާ މީހުން ކުރިމަތި ލިއެވެ.
ފާތިހު ވިދާޅުވި ގޮތުގައި މިފަހަރު ގޯއްޗަށް އެދުނު މީހުންގެ އަދަދު މަދުވީ ރަށުގެ ގިނަ ބަޔަކު މިހާރު ބޭނުންވަނީ ހައުސިން ޔުނިޓް ކަމަށް ވާތީ އެވެ.
“ވަރަށް ގިނަ ބަޔަކު ސީދާ އަޅުގަނޑަށް ގުޅާފަ ބުނި ގޯއްޗަށް ފޯމު ނުލީ ފުލެޓް ބޭނުމުގައި ކަމަށް، އޭދަފުށީގެ ބޯހިޔަވާހިކަމުގެ ދާއިމީ ހައްލަކަށް ގިނަބަޔަކު މިހާރު ބޭނުންވަނީ ފްލެޓް،”
އޭދަފުށީން ގޯތި ދޫކުރަން މަސައްކަތް ކުރަމުން އަންނައިރު، ބޯހިޔާވަހިކަމުގެ ދަތިކަން ފިލުވަން، މިރަށުގައި 1000 ހައުސިން ޔުނިޓް އެޅުމަށް ސަރުކާރުން ނިންމައި، އެ މަޝްރޫއުގެ މަސައްކަތްތައް ވެސް މިހާރު ވަނީ ފަށައިފި އެވެ. އެގޮތުން އޭދަފުށީގައި ހައުސިން ޔުނިޓް އެޅުމަށް ޓެކްނިކަލް އަދި ފައިނޭޝިއަލް ޕްރޮޕޯސަލް ހެދުމަށް މިދިޔަ މަހު ވަނީ ބަޔަކާ ހަވާލުކޮށްފަ އެވެ.
ކައުންސިލުން ބުނި ގޮތުގައި ގޯއްޗަށް އެދުނު މީހުންގެ ފޯމުތައް އިވެލުއޭޓް ކުރަން ނިންމާފައިވަނީ ގޯތި ދޫކުރުމުގެ ކަންކަން ވިލަރެސް ކުރަން އެކުލަވާލާފައިވާ ކޮމިޓީއަކުންނެވެ. އެ ކޮމިޓީ އެކުލަވާލާފައިވާ ކަމަށާއި މިއަދު ކޮމެޓީގައި ހިމެނޭ މެންބަރުންނާއެކު ސޮއި ކުރާނެ ކަމަށް ވެސް ފާތިހު ވިދާޅުވި އެވެ.