ޔޫތު ޗެމްޕިއަންޝިޕްގައި އޭދަފުށީ 4 ކުޅުންތެރިން، އޮޑި އަށް ފުރަތަމަ ޕޮއިންޓް ހޯދައިދިނީ ޖައު

އާލީ، ޝުއާ، ނާމީ އަދި ޖައު (ކވ) ފޮޓޯ—އިމޭޖަސް ޑޮޓް އެމްވީ އަދި އޮޑި

އެފްއޭއެމުން މިހާރު ކުރިއަށް ގެންދާ 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގައި އިއްޔެ ހަވީރު އޮޑި ސްޕޯޓްސް ކްލަބާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ބައްދަލުކުރި މެޗުގެ ފަހު ވަގުތު, އަހުމަދު ޖައުޝަން އަބްދުالله ކާމިޔާބު ކޮށްދިން ލަނޑުން 1-1 އިން އެއްވަރުކޮށް ޕޮއިންޓެއް ހޯދައިފި އެވެ.

މިއީ ގުރޫޕް ސްޓޭޖުގައި އޮޑި ސްޕޯޓްސް ކުޅުނު ދެވަނަ މެޗެވެ. ގުރޫޕް އޭގެ ފުރަތަމަ މެޗުން އެޓީމު ބަލިވީ ޓީސީ ސްޕޯޓްސް ކްލަބާ ވާދަކޮށް 1-0 އިންނެވެ. އިއްޔެގެ މެޗުގެ ފުރަތަމަ ހާފުގައި ސަސް އިން ގޯލެއް ޖަހާފައި ވަނިކޮށް ޖައުޝަން, އޮޑި އަށް އެއްވަރު ކޮށްދިން ލަނޑު ޖަހައިދިނީ 83 ވަނަ މިނިޓުގަ އެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވުނީ ޖައުޝަން އެވެ.

އޮޑި ސްޕޯޓްސް ކްލަބުގައި އޭދަފުށީގެ ދެ ކުޅުންތެރިން ހިމެނެ އެވެ. ޖައުޝަންގެ އިތުރުން ދެން ހިމެނެނީ މުހައްމަދު ޝުއާއު ޝަމްއޫން އެވެ. ދެ ކުޅުންތެރިންނަކީ ވެސް ޓީމުގެ ފުރަތަމަ 11 ގައި ހިމެނޭ ކުޅުންތެރިންނެވެ.

ޔޫތު މުބާރާތުގައި މިއަހަރު އޭދަފުއްޓަށް ނިސްބަތްވާ ޖުމްލަ ހަތަރު ކުޅުންތެރިން ކުޅެ އެވެ. ޖައުޝަން އާއި ޝުއާއުގެ އިތުރުން މުހައްމަދު ނާމީ ނަޒީފް އާއި މުހައްމަދު އާލީ އަލީ ޒުބެއިރު ވެސް އަންނަނީ މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ.

ނާމީ އަކީ ސަސްގެ މުހިއްމު ކުޅުންތެރިއެކެވެ. އެޓީމުން ކުޅުނު ފުރަތަމަ މެޗުގައި ވަނީ 6-2 އިން ބުރު ސްޕޯޓްސް ކްލަބް ބަލިކޮށްފަ އެވެ. އެ މެޗުގެ ފުރަތަމަ ލަނޑަކީ ނާމީ ކޯނަރުން ނެގި ބޯޅަ އިދިކޮޅު ކީޕަރު ހިފަން އުޅެނިކޮށް އަތުގައި ޖެހިފައި ވަން ގޯލެކެވެ.

އާލީ ކުޅެނީ ކްލަބް ގްރީން ސްޓްރީޓްސް އަށެވެ. އެޓީމުގެ ފުރަތަމަ މެޗުގައި ވަނީ މާޒިޔާއާ ދެކޮޅަށް ކުޅެ 2-2 އިން އެއްވަެރު ކޮށްފަ އެވެ. އެ މެޗުގައި ފުލް ކޮށް ކުޅުނު އާލީ ވަނީ ޓީމުގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ.

އޮޑި އާއި ސަސް އަދި ޓީސީ އާއި ބުރު ހިމެނެނީ ގުރޫޕް އޭގަ އެވެ. މި ގުރޫޕުން ސަސް އާއި ޓީސީ އަށް ހަތަރު ޕޮއިންޓް ލިބިފައި ވާއިރު އޮޑި އާއި ބުރަށް ވަނީ ޕޮއިންޓެއް ލިބިފަ އެވެ. މި ގުރޫޕްގެ ފަހު މެޗުތައް ދެން އޮންނާނީ ކުރިއަށް އޮތް ބޮޑު އީދަށް ފަހު އެވެ.

ގުރޫޕް ބީގައި ހިމެނެނީ ގްރީން އާއި މާޒިޔާގެ އިތުރުން ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އާއި ކްލަބް އީގަލްސް އެވެ. އީދުގެ ކުރިން މި ގުރޫޕުގައި ކުޅޭ މެޗުތައް މިއަދު ކުޅޭނެ އެވެ. ޔޫވީއާ ދެކޮޅަށް ގްރީން މިއަދު ހަވީރު ނުކުންނާނެ އެވެ.

ޔޫތު މުބާރާތުން, މިއަހަރު އޮންނަ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕާއި 20 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިން އަށް ޓީމު އެކުލަވާލާނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.