ޕޮއިސްޑް ޕްރޮޖެކްޓް ބ. އަތޮޅުގައި ފެށުމަށް ތައްޔާރުވަމުން އަންނަކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.
ޕޮއިސްޑް ނުވަތަ ޕްރިޕެއަރިންގ އައުޓަރ އައިލެންޑްސް ފޮރ ސަސްޓެއިނަބަލް އެނަރޖީ ޑިވެލޮޕްމަންޓް ޕްރޮގްރާމަކީ ދިވެހިރާއްޖެ ތެލަށް ބަރޯސާވާ މިންވަރާއި މިކަމަށް ކުރާ ޚަރަދު ކުޑަކޮށް ދިވެހިރާއްޖޭގެ ހަކަތައިގެ ދާއިރާ ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީކުރުމުގެ މަގުސަދުގައި ހިންގާ ޕްރޮގްރާމެކެވެ.
މި ޕްރޮޖެކްޓް ބ. އަތޮޅުގައި ފެށުމަށް ތައްޔާރުވުމުގެ ގޮތުން ތަމްރީނު ދިނުމަށް ކޮންމެ ބްރާންޗެއްގެ ޓެކްނިކަލް މުވައްޒަފުން ހިމެނޭ ގޮޮތަށް އޭދަފުށީގައި ވަނީ ވޯކްޝޮޕެއް ބާއްވާފައެވެ.
ފެނަކައިން ބުނިގޮތުގައި މި މްޝަރުއުގެ ދަށުން ބ. އަތޮޅުގެ ރަށްތަކުގައި ޖުމުލަ 2.74 މވ ސޯލާ ޕީވީ އަދި 3.23 މވގެ ބެޓެރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް އިންސްޓޯލް ކުރެވޭނެއެވެ.
ޕޮއިސްޑް ޕްރޮޖެކްޓްގެ މަސްއްކަތްތައް ހދ، ހއ. ށ. އަދި ނ އަތޮޅުގައިވެސް ފެނަކައިން އެބަ ކުރިއަށް ގެންދެއެވެ.
މި ޕްރޮޖެކްޓް ނިމުމުން ކަރަންޓު ދިނުމަށް ފެނަކައިން ތެލަށް ކުރާ ހަރަދުން ކޮންމެ އަހަރަކު 11 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެކަމަށް އެ ކުންފުނިން ބުނެއެެވެ. އަދި ހަކަތަ އުފެއްދުމުގެ ތެރެއިން ޖައްވަށް ބޭރުވާ ވިހަ ކާބަންޑައިއޮކްސައިޑުގެ މިންވަރު ހަތަރު ޓަނު މަދުކުރެވޭނެކަމަށް ވެސް ފެނަކައިން ބުނެއެވެ.