
އަތޮޅު ތެރޭގެ ރަށްރަށުގައި މަސައްކަތް ކުރުމަށް ގެންދާ ބިދޭސީން އެ މީހަކު ދާ ރަށެއްގެ ރަށު ކައުންސިލަކުން އިތުރު ހުއްދައެއް ނަގަންޖެހޭ ގޮތަށް އިންތިޒާމުތައް ހަމަޖައްސަމުންދާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެ އެވެ.
އޭނާ އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ ހުއްދަ ނަގަން އިތުރު ފީއެއް ދައްކަން ނުޖެހޭނެ ކަމަށެވެ.
އެއީ މިހާރު ވެސް އޮތް ނިޒާމުގެ ތެރެއިން ރަޖިސްޓްރީވުމަށް ފަހު ރަށުން ނުވަތަ ސިޓީ ކައުންސިލުން އޮންލައިންކޮށް ނަގަންޖެހޭ ހުއްދައެއް ކަމަށް އިހުސާން ވިދާޅުވި އެވެ.
ރަށްރަށުގައި މަސައްކަތް ކުރާ ބިދޭސީން ބަލަހައްޓަން ކައުންސިލްތަކުން މިހާރު ވެސް ދަފްތަރެއް ގެންގުޅެން ޖެހެ އެވެ.
އެހެން ނަމަވެސް ކައުންސިލުތަކުން އެކަން އެކަށީގެންވާ ގޮތެއްގައި ކައުންސިލުތަކަށް ތަންފީޒު ނުކުރެވެ އެވެ.

