
ގައިންގަޔަށް އަރާ ނުރައްކާތެރި ބައްޔެއް ކަމަށްވާ އިންވޭސިވް މެނިންގޯކޮކަލް ގެ ކޭހެއް ރާއްޖެއިން ފެނިއްޖެ އެވެ.
އެޗްޕީއޭގެ ޑިރެކްޓަރު ޖެނެރަލް މައިމޫނާ އަބޫބަކުރު ވިދާޅުވި ގޮތުގައި މި ބަލީގެ އެއް ކޭސް މިހާރު ރާއްޖޭގައި އެބަ އުޅެއެވެ. ނަމަވެސް މި ބަލި ފެތުރެމުންނެއް ނުދެއެވެ.
އިންވޭސިވް މެނިންގޯކޮކަލް ބަލީގެ ކޭސްއެއް ފެނުމުން ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ސިކުނޑިއަށާއި ހުޅުހުޅަށް ޖެހޭ މި ބައްޔަށް ފަރުވާ ނުދެވިއްޖެ ނަމަ ފުއްޕާމެއަށް އަސަރުކޮށް ފުރާނައަށް ނުރައްކާބޮޑެވެ.
މެނަންޖައިޓިސް ނަމަކަށް ކިޔާ ބެކްޓީރިއާގެ ސަބަބުން ޖެހޭ މި ބަލީގެ ނުރައްކާ، ބަލި ޖެހިފައިވާ މީހާއާ އެންމެ ގާތްކޮށް އުޅޭ މީހުންނަށް ބޮޑެވެ. އެ ބަލީގެ އަލާމަތްތައް ފެންނާނީ ބަލި ޖެހޭތާ 1-10 ދުވަހާ ދޭތެރޭގަ އެވެ. އަދި އެ ބަލި ޖެހުމުން ކުއްލިއަކަށް މީހާގެ ހާލަތު ގޯސްވެ އެވެ.
މެނިންގޮކޯކޮލް ޖެހުމުން ފެންނަ އަލާމާތްތައް
- ވަރަށް ބޮޑަށް ހުން އައުން
- ބޮލުގަ ރިއްސުން
- ގައިގަ ރިއްސުން
- މޭނުބައިކޮށް ހޮޑުލެވުން
- ފޮޓޯފޯބިއާ ނުވަތަ އަލީގައި އުޅެން އުނދަގޫވުން
- ވަރުދެރަވުން
މި ބަލި ޖެހިފައިވާކަން އެނގުމާއެކު އެންޓިބައިޓިކް ދީ އަވަހަށް ފަރުވާ ދިނުމަކީ މުހިންމު ކަމެކެވެ. އެހެންނޫންނަމަ ބަލީގެ ސަބަބުން ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު ވަރަށް ބޮޑުވެއެވެ.
ބަލިން ރައްކާތެރިވުމަށް ކުރެވެން އޮތް ހަމައެކަނި ކަމަކީ ވެކްސިން ޖެހުމެވެ.

