
ބ. އޭދަފުށީގައި ގެސްޓް ހައުސް ތަރައްގީކޮށް، ހިންގާނެ ބަޔަކު ހޯދަން އިއުލާން ކޮށްފި އެވެ.
އޭދަފުށީ ކައުންސިލް އިދާރާ އިން ކުރި އިއުލާނެއްގައި ބުނީ، ލޭންޑް ޔޫސް ޕްލޭނާ އެއްގޮތަށް އޭދަފުށީގެ ހުޅަނގު އުތުރު ދިރާގާ ދިމާލު އަތިރިމަތީ ސަރަހައްދުންނާއި ޓާފު ދަނޑުގެ އިރު އުތުރުން 10،000 އަކަފޫޓޫގެ ދެ ބިމެއް ބިމެއް 50 އަހަރަށް ކުއްޔަށް ދޫކުރަން ނިންމާފައިވާ ކަމަށެވެ.
އިއުލާނުގައިވާ ގޮތުން ބިޑް ކުރުމުގެ ފުރުސަތު ހުޅުވާލީ އަމިއްލަ ހަރަދުގައި ގެސްޓްހައުސް އިމާރާތްކޮށް، އެ ތަން ބަލަހައްޓައި ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށެވެ.
މި ޕްރޮޖެކްޓުގެ ދަށުން ގެސްޓް ހައުސް ތަރައްގީ ކުރަން ޝައުގުވެރިވާ ފަރާތްތަކުން 1 އޮގަސްޓް 2024 ވާ ބުރާސްފަތި ދުވަހުން ފެށިގެން 20 އޮގަސްޓް 2024 ވާ އަންގާރަ ދުވަހުގެ 13:00 އާ ހަމައަށް މައުލޫމާތު ސާފުކުރުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.

މި ޕްރޮޖެކްޓުގެ ބިޑް ޑޮކިއުމެންޓުގެ އަގަކީ 15000ރ. އެވެ. ބިޑް ހުށަހަޅަން ޖެހެނީ އަންނަ އޯގަސްޓް މަހުގެ 29 ވަނަ ދުވަހުގެ މެންދުރު 1:00 އަށް އޭދަފުށީ ކައުންސިލް އިދާރާ އަށެވެ. ބިޑު ހުށަހަޅަން ޖެހޭނީ ކޮންމެ ބިމަކަށް ވެސް ވަކިން ކަމަށް ކައުންސިލް އިދާރާ އިން ބުނެ އެވެ.
އޭދަފުށީގައި ގެސްޓް ހައުސް އެޅުމަށް ދެ ބިމެއް ދޫކުރަން ނިންމި އިރު އޭދަފުށީގައި ގެސްޓް ހައުސްގެ ވިޔަފާރިކުރުމަށް އެއްވެސް ފަރާތަކަށް ހުއްދަ ނުދިނުމަށް 2013 ވަނަ އޭދަފުށީ ކައުންސިލުން ނިންމާފައިވެ އެވެ. ނަމަވެސް އަހަރުތަކެއް ފަހުން އެ ނިންމުން ވަނީ ބާތިލުކޮށްފައެވެ.

