
ބ. އަތޮޅުގެ ތިން ރަށް ހިމެނޭގޮތަށް ރާއްޖޭގެ 30 ރަށެއްގެ ކައުންސިލްގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމަށް މީހުން ހޯދަން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އިއުލާންކޮށްފި އެވެ.
އެގޮތުން ބ. އަތޮޅުން ސެކްރެޓަރީ ޖެނެރަލުން ހޯދަން އިއުލާން ކޮށްފައިވަނީ ފެހެންދޫ، ފުޅަދޫ އަދި ހިތާދޫ ކައުންސިލަށެވެ.
ސިވިލް ސާވިސް ކޮމިޝަނުން މިއަދު ކުރި އިއުލާންގައި ސެކްރެޓަރީ ޖެނަރަލްގެ މަގާމަށް މީހުން ހޯދަނީ ދެ ކެޓަގަރީ އަކަށެވެ. މީގެ ތެރެއިން އެއް ކެޓަގަރީގެ އަސާސީ މުސާރައަކީ 9،300 ރުފިޔާ އެވެ. އަނެއް ކެޓަގަރީގެ އަސާސީ މުސާރައަކީ 8،835 ރުފިޔާ އެވެ. 9،300 ރުފިޔާ ލިބޭ ކެޓަގަރީގައި އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި 6،800 ރުފިޔާ ލިބޭއިރު އަނެއް ކެޓަގަރީގެ އެގްޒެކެޓިވް އެލަވަންސަކީ 6،450 ރުފިޔާ އެވެ. ދެ ކެޓަގަރީއަށްވެސް ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި މުސާރައިގެ 35 އިންސައްތަ ލިބޭނެ އެވެ.
ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ހޮވޭނީ އެންމެ ދަށްވެގެން ޑިޕްލޮމާ ފެންވަރުގެ މީހުންނެވެ. ސިވިލް ސާވިސް ކޮމިޝަންގެ އިއުލާނުގައިވާ ގޮތުން ސެކްރެޓަރީ ޖެނެރަލްގެ މަގާމަކީ ކައުންސިލް އިދާރާގެ، އިދާރީ ހިންގުމުގެ އެންމެ އިސް މަގާމަށް ވާތީ ސެކްރެޓަރީ ޖެނެރަލްގެ މަގާމު އަދާކުރާ ފަރާތްތަކަށް ވަޒީފާއާ ބެހޭ ގާނޫނުގެ 34 ވަނަ މާއްދާގެ (ހ)ގެ 5 ވަނަ ނަންބަރުގެ ދަށުން އިތުރުގަޑީގެ ފައިސާއެއް ނުލިބޭނެ އެވެ.
ސެކްރެޓަރީ ޖެނެރަލްގެ މަގާމަކީ، ކައުންސިލު އިދާރާގެ އިދާރީ އެންމެ އިސް މަގާމެވެ. ކައުންސިލްގެ ލަފާގެ މަތިން، ކައުންސިލްގެ އިދާރާގެ އިދާރީ އެންމެހައި ކަމެއް ހިންގައި ބެލެހެއްޓުމާއެކު، މާލީ ޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތު ވެސް އަދާކުރަން ޖެހެނީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލެވެ.
ކައުންސިލް އިދާރާގެ މަސައްކަތްތަކާ ގުޅޭގޮތުން ކައުންސިލްގެ ރައީސް ނުވަތަ މޭޔަރަށް ރިޕޯޓްކުރުމާއި ޖަވާބުދާރީވުމާއި، ކައުންސިލުން ނިންމާ ނިންމުންތަކާއި ކަނޑައަޅާ އުސޫލުތައް ތަންފީޒުކުރުމަކީވެސް ސެކްރެޓަރީ ޖެނެރަލުންގެ މަސްއޫލިއްޔަތެވެ.
އެ މަގާމަށް އެދުމުގެ އެންމެ ފަހު މުއްދަތަކީ މިމަހުގެ 14 ވަނަ ދުވަހުގެ ގެ ކުރި އެވެ.