އާސިރު އެއްވަނަ ދަރަޖައިގައި ހާފިޒުކަމުގެ ސަނަދު ހާސިލުކުރުމުން ރަށުގެ އެންމެ ހޫނު މަރުހަބާ!

ކީރިތި ގުރުއާން ހިފްޒް ކުރި އާސިރަށް މަރުހަބާ ކިޔުން– ފޮޓޯ: މަދަރަސަތުލް އިފްތިތާޙު

ބ. އޭދަފުއްޓަށް އުފަން އާސިރު އާރިފް ޔޫސުފް، ގުރުއާން ހިތުދަސްކޮށްގެން އެއްވެސް ކުށެއް ނުޖެހި، ހާފިޒުކަމުގެ ތާޖާއެކު އޭނާ ދިރިއުޅެމުންދާ ޅ. ނައިފަރަށް ދިއުމުން އޭނާގެ ކާމިޔާބީ ކުލަގަދަކޮށް ފާހަގަކޮށްފި އެވެ.

ގުރުއާން ހިތުދަސްކޮށްގެން އާސިރު އިއްޔެ އެނބުރި ނައިފަރަށް ދިއުމުން އޭނާއަށް ކިޔާފައި ވަނީ ރަތްދޫލައިގެ ހޫނު މަރުހަަބާއެކެވެ. އާސިރަށް މަރުހަބާ ކިޔަން އެރަށު ބަނދަރު ސަރަހައްދުގައި އިއްޔެ ހަވީރު ހާއްސަ ރަސްމިއްޔާތެއްވެސް ބޭއްވިއެވެ.

ނައިފަރު މަދަރަސަތުލް އިފްތިތާޙުގެ ގުރޭޑް 10 ގައި ކިޔަވަމުން އަންނަ އާސިރު ޤުރުއާނާ ބެހޭ މަރުކަޒައި އޮންނަ ހިފްޒް ކޮމިޓީއަށް ހަތިމް އެކީ ކިޔައިދީ ނިންމީ މިދިޔަ ޖޫން މަހުގެ 3 ވަނަ ދުވަހުއެވެ.

ކީރިތި ގުރުއާން ހިފްޒް ކުރި އާސިރަށް މަރުހަބާ ކިޔުން– ފޮޓޯ: މަދަރަސަތުލް އިފްތިތާޙު

އާސިރުގެ މަންމަ ޒާހިރާ ދަރިވަރު ނޫހަށް ބުނީ، މިއީ އެ އާއިލާއަށާއި، އާސިރުގެ އުފަން ރަށްކަމަށްވާ ބ. އޭދަފުއްޓަށް ވެސް ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށާއި، އެންމެ އުފާވަނީ އެންމެ ކުށެއްވެސް ނުޖެހި ކޮމިޓީއަށް ކިޔައިދީ ކޮމިޓީގެ މެމްބަރުން ކުރި ސުވާލުތަކަށް ޔަގީން ކަމާއި އިތުބާރު އޮވެގެން ރަނގަޅު ޖަވާބު ދިނުމުން ކަމަށެވެ.

” މިއީ އަޅުގަނޑުމެންނަށާއި ނައިފަރަށް، އާސިރުގެ އުފަން ރަށް ބ. އޭދަފުއްޓަށް ވެސް ލިބުނު ވަރަށް ބޮޑު ޝަރަފެއް”

އެންމެ ކުޑައިރުއްސުރެ ވެސް އާސިރު ޤުރުއާނަށް ޝަޢުޤު ހުރިކަމަށާއި ޕްރީ ސްކޫލްގައި ކިޔަވަމުން ދިޔައިރު ޢައްމާ ފޮތް ހިތުން ދަސްކުރިކަން ފާހަގަކުރަމުން ޒާހިރާ ބުނީ، ދަރިފުޅަށް ހިފްޒްކޮށް ދިނުމުގައި އެހީތެރިކަން ފޯރުކޮށްދޭނެ މީހަކު އެ ރަށުން ލިބޭނެ ދުވަހަކަށް އުއްމީދު ކުރެވުނުކަމަށެވެ.

ނައިފަރަށް އުފަން ޝެއިޚް އަހްމަދު ނާޒިލް މުޙައްމަދު 2019 ވަނަ އަހަރު ހިފްޒްކޮށްދޭ ކުލާހެއް، ފެއްޓެވި ހިސާބުން ހިފްޒް ކުރުމުގެ މަސައްކަތް އާސިރު ފެށިއެވެ. އާސިރަކީ އެ ކުލާހުގައި އެންމެ ފުރަތަމަ ބައިވެރިވި ދަރިވަރުންގެ ތެރޭގައި ހިމެނޭ ކުއްޖެކެވެ.

ކީރިތި ގުރުއާން ހިފްޒް ކުރި އާސިރަށް މަރުހަބާ ކިޔުން– ފޮޓޯ: މަދަރަސަތުލް އިފްތިތާޙު

ނާޒިލްގެ އެހީތެރިކަމާއެކު ފުރަތަމަ ގުރުއާނުން ސޫރަތެއް ދަސްކުރުމަށްފަހު އިތުރުކުރަމުން މުރާޖައާ ކުރަމުން ގެންދިޔަ ކަމަށް ޒާހިރާ ބުންޏެވެ. ހަމަ އެދުވަސްވަރު ކޮވިޑްގެ ބަލިމަޑުކަން ފެތުރި، ގޭގައި ހުންނަން ޖެހުމުން، ގިނަ ވަގުތު އާސިރު ހޭދަކުރީ ހިފްޒް ކުރުމުގައެވެ.

އާސިރު ވަނީ ޤުރުއާން ކިޔެވުމުގެ މުބާރާތްތަކުން ވެސް ފާހަގަކޮށްލެވޭ ކާމިޔާބީ ތަކެއް ހޯދާފައެވެ.

އާސިރު، ކުރިމަގުގައި ވެސް އޭނާ ފެންނާނީ ޤުރުއާނުގެ ތެރެއިން ކަމަށާއި، ޤުރުއާން އުނގަންނައި ދިނުމުގެ ދާއިރާ އިން އޭނާ ފެނުމަކީ ޒާހިރާގެ އުންމީދެއްކަމަށް ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.