
އާބާދީގައި 3،000 އަށް ވުރެ މަދުން މީހުން ދިރިއުޅޭ ރަށަކަށް ތިން ކައުންސިލަރުން ހޮވުމުން ފުދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ހޯމް މިނިސްޓްރީގެ ނާރެސް ޕޯޓަލް އާއި ކުރަނގި އޮޕަރޭޝަންގެ ދެ ވަނަ ފޭސް އިފުތިތާހުކުރުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، ކައުންސިލުތަކުން ދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ގިނަ ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށެވެ. އެ ބަދަލުތައް ގެނައުމަށްޓަކައި ކަމާ ބެހޭ އިދާރާތަކުން މަސައްކަތްކުރަމުން އަންނަ ކަމަށް ކަމަށް ރައީސް ވިދާޅުވި އެވެ.
އެއްކަމަށް އެ މަނިކުފާނު ފާހަގަކުރެއްވީ ކައުންސިލުތަކުގައި ތިބޭ ކައުންސިލަރުންގެ އަދަދު މަދުކުރުމެވެ.
“އަޅުގަނޑު ހިތުން 3،000 މީހުންނަށް ވުރެ ގިނަ ނޫން އާބާދީ އޮންނަ ރަށުގައި ތިން ބޭފުޅަކު އިންތިހާބުކުރީމަ ފުދޭނެ،” ރައީސް ވިދާޅުވި އެވެ.
“ކައުންސިލުގެ ރައީސަކާއި އަދި އިތުރު ދެ ބޭފުޅުން. އޭގެ ތެރެއިން އެއް ބޭފުޅަކީ އަންހެނުންގެ ފަރާތުން އިންތިހާބުކުރާ އަންހެނުންގެ ރައީސާއަކަށް ވުމާއި އަދި އެއް ބޭފުޅަކީ ޒުވާނުންގެ ފަރާތުން އިންތިހާބުކުރެވޭ ޒުވާނުންގެ ރައީސެއްގެ ގޮތުގައި ހުންނަ ބޭފުޅަކަށް ވެ، ތިން ބޭފުޅުން ތިބެ ކައުންސިލްގެ ރައީސްގެ ގޮތުގައި ހޮވާ މީހާގެ އިތުރަށް ދެން ހޮވާ ދެ ބޭފުޅުންގެ ތެރެއިން އެކަކު އެއީ ނައިބު ރައީސަކަށް ކަނޑައެޅިދާނެ.”
މި އުސޫލަށް ބަދަލުކުރެއްވިއްޖެ ނަމަ ކައުންސިލްތަކާއި އަންހެނުންނާއި ޒުވާނުންގެ ބައިވެރިވުން ވެސް އޮންނާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި، އެ މަނިކުފާނަށް ފެނިވަޑައިގަންނަވާ ގޮތުގައި މާލޭގައި ވެސް ކޮންމެ 3،000 މީހަކަށް ކައުންސިލަރެއް ހުރުން ރަނގަޅު ވާނެ އެވެ. އަދި 3،000 އާއި 10،000 ދެމެދުގެ އާބާދީއެއް އޮންނަ ރަށްރަށުގައި ފަސް ކައުންސިލަރުން ތިބުމުން ފުދޭނެ ކަމަށް ވިދާޅުވި އެވެ.
“އޭރަށް [ކައުސިލްތަކަށް] ލިބޭ ބަޖެޓުގެ ބޮޑު ބައެއް ކައުންސިލްގައި މަސައްކަތްކުރާ ސިވިލް ސާވަންޓުންނަށް ރަނގަޅު މުސާރައެއް ދެވޭ ގޮތަށް މިހާރަށް ވުރެ ވެސް ގިންތި ރަނގަޅު ކޮށްފައި ރަނގަޅު މުސާރައެއް ދެވޭ ގޮތަށް ބައްޓަން ކޮށްގެން ހިންގީމާ އަޅުގަނޑު ހިތުން ކައުންސިލްގެ ހުރިހާ މުވައްޒަފުން ވެސް އުފާވެރިކަމާ އެކީގައި ރަނގަޅު ހިދުމަތެއް ދެވޭނީ،” ރައީސް ވިދާޅުވި އެވެ.
ނަމަވެސް މި ކަންކަން ނިންމާނީ މިކަމާ ގުޅޭ ފަންނީ ދިރާސާތަކުގެ އަލީގައި ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.