ފަރާހަތު: އޭ ލެވެލްގައި، އެކައުންޓުން ދުނިޔޭގެ އަށްވަނަ އަށް

ފަރާހަތު

އޯ ލެވެލް އާއި އޭ ލެވެލްގައި ރަނގަޅު ނަތީޖާއެއް ހޯދޭނީ ބުރަ މަސައްކަތުންނެވެ. އެއީ ސުވާލެއް ވެސް އޮތް ކަމެއް ނޫނެވެ. އެ ނަޒަރުން ބަލާއިރު މާއްދާއަކުން ދުނިޔޭގެ ގަދަ 10 ގައި ހިމެނުމަކީ އަދި މާ ބޮޑު މަސައްކަތެކެވެ. މި ފަހަރު އޭ ލެވެލްގައި ބ. އަތޮޅު ތައުލީމީ މަރުކަޒުން އެންމެ ވިދުން ގަދަވި މި ދަރިވަރުގެ މަސައްކަތަށް ބަލައިލަމާ ހެއްޔެވެ؟

ބ. އަތޮޅު ތައުލީމީ މަރުކަޒުން ހައްވާ ފަރާހަތު ނާޝިދު، އޭލެވެލް ނިންމީ ރަން ވަނައާ އެކު އެވެ. އޭނާއަށް އޭލެވެލް ގަދަ ދިހައަކުން 3 ވަނަ އަދި އެކައުންޓިން މާއްދާއިން ދުނިޔޭގެ އަށް ވަނަ ލިބުނެވެ.

މި ދަރިވަރު ދޭ ނަސޭހަތަކީ މިއީ އެވެ. ތައުލީމީ ދައުރުގައި ކާމިޔާބުވާން ބޭނުންނަމަ ބަރާބަރަށް ނަމާދަށް ފަރުވާތެރިވެ، ދުއާކޮށް ކާމިޔާބީއާ ހަމައަށް ވާސިލުވުމަށްޓަކައި އަޒުމެއް ކަނޑައެޅުމެވެ. އަދި އެކަން ހާސިލުކުރުމަށްޓަކައި ވަކި ޕްލޭނެއްގެ ދަށުން މަސައްކަތް ކުރުމެވެ.

ފަރާހަތު އޭނަގެ މަންމަ އާއި ބައްޕަ އަދި ސްކޫލުގެ އިސްވެރިންނާއެކު ފޮޓޯއަކަށް ހުއްޓިގެން

ފަރާހަތު ބުނިގޮތުގައި އެކައުންޓިން މާއްދާއަކީ ދަސްކުރުމަށްވުރެ ގިނަގިނަ އިން ފަރިތަކުރުމުގެ މައްޗަށް ބިނާވެފައިވާ މާއްދާއަކަށްވުމުން، އޯލެވެލް އިން ފެށިގެން ވެސް އޭނާ ވަރަށް ޝައުގުވެރިވާ މާއްދާއެކެވެ.  

އެހެންކަމުން ޕްލޭނާއެއްގޮތަށް މަސައްކަތް ކުރުމުން މި ނަތީޖާ ހޯދަން ފަރާހަތަކަށް މާ އުނދަގޫކަމަކަށް ނުވި އެވެ.

ކްލާހުގައިދޭ މަސައްކަތްތަކުގެ އިތުރަށް ތަފާތު ވައްތަރުގެ ސުވާލުތައް ދިރާސާކޮށް، އޭގެން އޮޅުންއަރާ އެއްޗެހި ޓީޗަރުންނާ ސުވާލުކޮށް އޮޅުން ފިލުވިއެވެ.

ފަރާހަތު ބުނިގޮތުގައި ކުރީގެ ޕޭޕަރުތައް ހެދުމަށްފަހު އަމިއްލައަށް ފެންވަރު ވަޒަންކޮށް، އިތުރަށް ސަމާލުކަން ދޭންޖެހޭ ބައިތައް ފާހަގަކުރުން ވަރަށް މުހިއްމެވެ.

“މީގެ އިތުރުން ފިލާވަޅުތައް ދުވަހުން ދުވަހަށް މުޠާލިއާ ކުރުމަކީ ވަރަށް މުހިއްމުކަމެއް، އެއީ ފިލާވަޅުތައް ތާޒާކަމާއެކީ ސިކުނޑީގައި ރައްކާކުރުމަށް ލިބޭ ވަރަށްބޮޑު އެހީއެއް،”

ފަރާހަތު ފާހަގަކުރި ގޮތުގައި، ކިތައްމެ ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނު ކަމަށް ވިއަސް، ބުރަކޮށް މަސައްކަތް ކޮށްފިނަމަ ރަނގަޅު ނަތީޖާއެއް ލިބޭނެއެވެ. އެކަން އޭނާގެ ނަތީޖާއިން ރަނގަޅަށް ދައްކައިދީފި އެވެ.

“ގްރޭޑް 12ގެ ކުރީކޮޅު އެކައުންޓް ޓީޗަރެއް ނެތުމާއެކު އޮންލައިންކޮށް ކިޔަވަން ޖެހުމުގެ ސަބަބުން ވަރަށްގިނަ އުނދަގޫތަކާ ކުރިމަތިލާން ޖެހުނު، އެގޮތުން 12 ގެ ފުރަތަމަ ޓާމް ޓެސްޓުން ބީ އެއް ލިބި، ވަރަށް ބޮޑަށް މާޔޫސްވި،” އޭނާ ބުންޏެވެ.

ނަމަވެސް ސްކޫލަށް އާ އެކައުންޓް ޓީޗަރަކު ލިބުމާއެކު ދެވަނަ ޓާމުގައި އަދި ފައިނަލް އިމްތިހާނުގައި ރަނގަޅު ނަތީޖާއެއް ހޯދުމަށް އަލުން އަޒުމް އާ ކުރިއެވެ. ހަމައެއާއެކު ދުނިޔޭގެ ފެންވަރުގެ ވަނައެއް ހޯދުމަށް ހިތްވަރު ދެއްވި ފަރާތްތަކުގެ ބަސްތައް ހަނދާންވެ އިތުރަށް އަޒުމް ވެސް ވަރުގަދަ ކުރިއެވެ.

“އަޅުގަނޑަށް މި ކާމިޔާބީގެ އެންމެބޮޑު ހިއްސާދާރުން ކަމަށްވާ މަންމަ އާއި ބައްޕައަށް ހިތުގެ ލޯތްބާއެކު ޝުކުރު ދަންނަވަން، ޚާއްސަކޮށް އެންމެބޮޑަށް ހިތްވަރުދެއްވި ޑުޑޫ މިސް އަށާއި އަޅުގަނޑަށް އެކައުންޓް މާއްދާ ކިޔަވައިދެއްވި ޓީޗަރުންނަށް ވަރަށް ހާއްސަގޮތެއްގައި ޝުކުރު ދަންނަވަން،”

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.