ބ. ކެންދޫގެ އާ އިންޖީނުގޭގެ މަސައްކަތް ހުއްޓިފައި އޮތީ އެކަމަށް ބޭނުންވާ ފައިސާ ހަމަނުއްޖައްސާ މި މަސައްކަތް ފެށުމުންކަމާއި އެ މައްސަލަ ހައްލުކޮށް އަލުން ފެށުމަށް މަސައްކަތް ކުރަމުންދާކަމަށް އެންވަޔަރުމެންޓް މިނިސްޓަރު އިބްރާހިމް ތޯރިގު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ތޯރިގު ވިދާޅުވީ ކެންދޫ އާ އިންޖީނުގޭގެ މަސައްކަތް ކުރިއަށްގެންދަނީ، ސަރުކާރުން ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްގެން އަދި އެ ކުންފުނިން ސަބް ކޮންޓްރެކްޓް ކޮށްގެންކަމަށެވެ.
އެ މަސައްކަތް 8 މިލިއަން ރުފިޔާއަށް، ސީ ސައިޑް ޕްރައިވެޓް ލިމިޓެޑްއާއި ހަވާލުކުރީ 11 ޖުލައި 2021ގައެވެ. ކޮންޓްރެކްޓަރާ އެ މަސައްކަތް ހަވާލުކުރީ 1 މެއި 2022ގައި މަސައްކަތް ނިންމާގޮތަށެވެ.
މިނިސްޓަރު ވިދާޅުވީ 2022ވަނަ އަހަރު މަޝްރޫޢު ނިންމަން ހަވާލުކުރިނަމަވެސް، އެކަމަށް ބޭނުންވާ ބިން ހަމަޖެއްސުމާއި އީއައިއޭގެ މަސައްކަތްތަކަށްވެސް ދިގު މުއްދަތެއް ހޭދަވިކަމަށެވެ. އެހެންވެ އެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށިފައިވަނީ 2022ވަނަ އަހަރު ނިމުމަކާ ގާތްވެފައިވަނިކޮށްކަމަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ކޮންޓްރެކްޓަރުގެ އެދުމުގެމަތިން ޕްރޮޖެކްޓް ނިންމަން ކަނޑައެޅި މުއްދަތު 31 މޭ 2023އަށް އިތުރުކޮށްދީފައިވާކަމަށާއި، އޭގެފަހުންވެސް އިތުރު 6 މަސް ދުވަސް އިތުރުކޮށްދީފައިވަނިކޮށް، އިތުރު ދެ ފަހަރެއްގެ މަތިން މުއްދަތު އިތުކުރުމަށް ކޮންޓްރެކްޓަރު އަލުން އެދިފައިވާކަމަށްވެސް މިނިސްޓަރު ތޯރިގު ވިދާޅުވި އެވެ.
ތޯރިގު ވިދާޅުވި ގޮތުގައި މި ޕްރޮޖެކްޓް ފަށައި 3 އަހަރު ވެގެންދިޔައިރު ނިމިފައިވަނީ ޖުމްލަ %55 މަސައްކަތެވެ.
“މިހާތަނަށްބެލި ބެލުމުން އެ މަސައްކަތް ނުނިމިވާ އެންމެ ބޮޑު ސަބަބަކީ އެކަމަށް ބޭނުންވާ ފައިސާ އެކަށީގެންވާގޮތުގައި ހަމަޖައްސާފައި ނެތުމުން،” ތޯރިގު ވިދާޅުވި އެވެ.
ތޯރިގު ވިދާޅުވީ ޕްރޮޖެކްޓަށް ގެނައި ވޭރިއޭޝަންތަކަށް މިލިއަނަކަށްވުރެ ގިނަ ރުފިޔާ އަރާފައިވާ ކަމަށާއި މިހާރު މަޝްރޫޢުގެ އަގު 10 މިލިއަން ރުފިޔާއަށް އަރާ ކަމަށެވެ. އަދި މިހާތަނަށް ތިން މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ވެސް ތޯރިގު ވިދާޅުވި އެވެ.
ވަޒީރު ވިދާޅުވީ މަޝްރޫޢުގެ މަސައްކަތްތައް އަލުން ފެށުމަށް ފެނަކައިން މިހާރު ގޮތްތަކެއް ހޯދަމުންދާކަމަށެވެ.
އެގޮތުން ފައިސާ ހަމަޖައްސާތާ 6 މަސް ދުވަހުގެތެރޭގައި މަސައްކަތް ނިންމާނެކަމަށް ފެނަކައިން މަޢުލޫމާތު ދީފައިވާކަމަށް ކަމަށް ތޯރިގު ވިދާޅުވި އެވެ.