
މި އަހަރުގެ ދެ ވަނަ ކުއާޓަރުގައި ބީއެމްއެލްއަށް ސާފު ފައިދާގެ ގޮތުގައި 448 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.
މި ކުއާޓަރގައި ބޭންކުގެ ހިންގުމުގެ ފައިދާގެ ގޮތުގައި 698 މިލިއަން ރުފިޔާ ލިބިފައިވާއިރު މިއީ މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރއާ އަޅާބަލާއިރު %3 އިތުރު އަދަދެކެވެ.
މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހު ބޭންކުން ވަނީ 2.8 ބިލިއަން ރުފިޔާގެ އައު ލޯނު އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ދޫކޮށްފައެވެ.
ބީއެމްއެލްގެ ކުއާޓާލީ ރިޕޯޓު ބުނާ ގޮތުން މި ކުއާޓަރގައި ވިޔަފާރީގެ މައިގަނޑު ހުރިހާ ދާއިރާ އަކުންވެސް ކުރިއެރުން ލިބިފައިވާއިރު ބޭންކުގެ ރައުސްމާލް ވަނީ ޤާނޫނުން ލާޒިމްކުރާ މިންވަރަށްވުރެ މަތީގައި ހިފެހެއްޓިފައެވެ.
އެ ރިޕޯޓުގައިވާ ގޮތުން، މި ކުއާޓަރު ނިމުނުއިރު ޖުމްލަ އެސެޓް ވަނީ 44.9 ބިލިއަން ރުފިޔާ އަށް އަރައިފަ އެވެ. އަދި ކަސްޓަމަރުން ޑިޕޮސިޓްކޮށްފައިވާ އަދަދަށް ބަލާއިރު 29.5 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.
އިންފްލޭޝަނާ ގުޅިގެން އަންނަ ޕްރެޝަރުތަކާ އެކު ވެސް ހިންގުމުގެ ހަރަދުތައް ހިފެހެއްޓިފައި ވާއިރު، ޕްރޮވިޝަން ކަވާ ހުރީ ހަރުދަނާކަމާ އެކު 100 އިންސައްތައިގައި ކަމަށް ބޭންކުން ބުންޏެވެ.
މި ނިމުނު ކުއާޓަރުގައި ބޭންކުން ވަނީ ގިނަ ހިދުމަތްތަކެއް ވެސް ތައާރަފްކޮށްފަ އެވެ. އެގޮތުން ބޭންކުން ވަނީ ރާއްޖޭގެ ޝަރުއީ ހަމަތަކަށްފެތޭ ފުރަތަމަ ކްރެޑިޓް ކާޑު ތައާރަފްކޮށްފައެވެ. މީގެ އިތުރުން ގެދޮރު އިމާރާތްކުރުމާއި މަރާމާތު ކުރުމަށް ކަސްޓަމަރުންގެ އޮތް ޑިމާންޑަށް ބަލައި ހޯމް ބިލްޑް އަދި ހޯމް އިކުއިޓީ ލޯނު ވަނީ ތައާރަފްކޮށްފައެވެ. އަދި ހަމައެހެންމެ ދެމެހެއްޓެނިވި ޕްރޮޖެކްޓްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި ޖަމިއްޔާތައް ބާރުވެރިކޮށް، މުޖުތަމައަށް އެހީވުމަށް ބޭންކުގެ ސީއެސްއާރް ހަރަކާތްތަކުގެ ތެރެއިން ނިމިދިޔަ ކުއާޓަރުގައި ވަނީ ‘ބޭންކް ފަންޑް” އަށް އެދި ހުށަހަޅުމުގެ ފުރުސަތު ހުޅުވާލާފައެވެ.