ރަށްރަށުގެ މަގުބައްތިތައް ރަނގަޅުކޮށް، ރައްކާތެރި ކަމުގެ މިންގަނޑަށް ފައްތަން ކައުންސިލުތަކަށް ހަ މަސް ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފު މިއަދު ވިދާޅުވެއްޖެ އެވެ.
މާލޭ ސިޓީ ކައުންސިލްގެ އާ މެމްބަރުން ހުވާކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި އާދަމް ޝަރީފް ވިދާޅުވީ މިދިޔަ މަހު ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ، ރަށްރަށުގެ މަގު ބައްތިތަކުން މަހެއްހާ ދުވަހުގެ ތެރޭގައި ކަރަންޓު ކަނޑާލާނެ ކަމުގެ އިންޒާރު ލިބުން ކަމަށެވެ.
ގިނަ ރަށްރަށުގެ މަގުބައްތިތައް ހުރީ ރައްކާތެރި ގޮތަކަށް ނޫންކަން ފެނަކަ އިން ހިންގި އިންސްޕެކްޝަނަކުން ވަނީ އެނގިފަ އެވެ. އެ ތަހުގީގުން ހާމަވީ ގިނަ ރަށްތަކުގައި ހަރުކޮށްފައި ހުރި މަގުބައްތިތަކަށް ކަރަންޓް ދީފައި ހުރީ އީއެލްސީބީ މެދުވެރިނުކޮށް ކަމެވެ.
އީއެލްސީބީ ނުވަތަ އާތު-ލީކޭޖް ސާކިޓް ބްރޭކަރަކީ ކަރަންޓު ޝޮކުން ރައްކާތެރިވުމަށްޓަކައި ބިމުގެ އިމްޕީޑަންސް މަތި ކަރަންޓު ވިއުގާތަކުގައި ބޭނުންކުރާ ސަލާމަތީ ވަސީލަތެކެވެ.
އާދަމް ޝަރީފް ވިދާޅުވީ، އެކި އިދާރާތަކާ ގުޅިގެން، ސަރުކާރުން ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން އެ މުއްދަތު ހަ މަސް ދުވަހަށް އިތުރުކޮށްފައިވާ ކަމަށެވެ.
“އިރާދަކުރެއްވިއްޔާ ފެނަކަ އާއި ރެގިއުލޭޓަރީ އޮތޯރިޓީ އަދި ފިނޭންސް މިނިސްޓްރީއާ އެކު އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ ތިން މަސް ނުވަތަ ހަ މަސް ދުވަހުގެ ތެރޭގައި ޕްލޭނެއް އެކުލަވާލެވި، ރަށްރަށުގެ މަގު ބައްތިތަކުން ކަރަންޓު ކަނޑާލުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް،” އާދަމް ޝަރީފް ވިދާޅުވި އެވެ.
ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މަގު ބައްތިތަކުގައި އީއެލްސީބީ ހަރުކުރަން ޖެހެ އެވެ. މަގު ބައްތިތަކުގައި ރައްކާތެރިކަން ކަށަވަރުކޮށް ރަނގަޅުކުރުމަށް ކައުންސިލްތަކަށް ވަގުތު ބޭނުންވާތީ މީގެ ކުރިން ވެސް ދެ ފަހަރެއްގެ މަތިން ވަނީ އެ މުއްދަތު އިތުރުކޮށްދީފަ އެވެ.