
އޭދަފުށީގެ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރުމަށް އޭދަފުށީ ކައުންސިލުން ދެ ފަހަރެއްގެ މަތިން ގޯތި ދޫކުރުމަށް ހުޅުވާލާފައިވީ ނަމަވެސް، މިހާތަނަށް އެއްވެސް ކުރިއެރުމެއް ލިބިފައިނުވާކަމަށްބުނެ، ރައްޔިތުންދަނީ ޝަކުވާ ކުރަމުންދެއެވެ.
ފުރަތަމަ ފަހަރު ގޯއްޗަށް އެދި ހުޅުވާލުމުން 800 އަށްވުރެ ގިނަ މީހުން ކުރިމަތިލި ނަމަވެސް، ގޯތި ކެނޑުމުގެ މަރުހަލާގައި ދިމާވި މައްސަލަތަކާ ގުޅިގެން ކޯޓުން އެ ޕްރޮސެސް ބާޠިލުކޮށް އަލުން ފެށުމަށް އަމުރުކުރިއެވެ. އޭގެފަހުން، 2023 ގެ ރިޔާސީ އިންތިޚާބާ ދިމާކޮށް އަނެއްކާވެސް ގޯތި ދޫކުރުމުގެ ވާހަކަ ދެކެވުނު ނަމަވެސް، އެއްވެސް ކުރިއެރުމެއް ނުލިބުމުން ރައްޔިތުން ކައުންސިލް ކުރިމަތީގައި މުޒާހަރާ ވެސް ކުރިއެވެ.
މިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ދިމާކޮށް، ކައުންސިލުން ދެވަނަ ފަހަރަށް ގޯއްޗަށް އެދި ހުޅުވާލި އެވެ. އެ ފަހަރު 500 އަށްވުރެ ގިނަ މީހުން އެޕްލިކޭޝަން ހުށަހެޅި ނަމަވެސް، ތިންމަސް ފާއިތުވެގެން ދިޔައިރުވެސް އެއްވެސް ކަމެއް ކުރިއަށް ނުދާކަމަށް ރައްޔިތުން ބުނެއެވެ.
“މިއީ ރައީސުލްޖުމްހޫރިއްޔާގެ މައްސަލައެއް ނޫން، މިއީ އަޅުގަނޑުމެންގެ އެމްޕީ ސަލީމްގެ މައްސަލައެއްވެސް ނޫން. މިއީ ހަމަ ސީދާ ކައުންސިލްގެ މައްސަލައެއް،” ނަން ހާމަ ނުކުރުމަށްއެދި އޭދަފުށީގެ ޒުވާނަކު ބުންޏެވެ.
އޭދަފުށިން ގޯތި ލިބޭނެ ކަމުގެ އިންތިޒާރުގައި ހުރި އެހެން ޒުވާނަކު ބުނީ ގޯތި ދިނުމުގެ މަސައްކަތް ލަސްވަމުންދާތީ، ބޮޑު މުޒާހަރާއަކަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.
“މި އޮގަސްޓް މަހުގެ 25 ގެ ނިޔަލަށް ފޯމްތައް ޕްރޮސަސް ކުރަން ނުފަށައިފިނަމަ 100 މީހުން ކައުންސިލް ދޮށަށް އެއްވާނަން، މުޒާހަރާ ކުރާނަން، ކީއްވެތަ އެހެން ރަށްރަށުގައި ގޯތި ދޭއިރު މިރަށުން ވަކި ގޯތި ނުދެވެންވީ، މި މީހުން މިގޮތަށް ތިއްބާ މި އަތޮޅުގެ ބައެއް ރަށްރަށުން ދެބުރުމަތިން ގޯތި ދީފި،”
ގޯތި ދޫނުކުރާތާ 30 އަހަރަށްވުރެ ގިނަދުވަސް ވެފައިވާ މިރަށުގައި އެތައް ސަތޭކަ އާއިލާއެއް ދިރިއުޅެމުންދަނީ ވަރަށް ދަތި ހާލުގައެވެ. އެއް ގެއެއްގައި ގިނަ އާއިލާތަކެއް ދިރިއުޅެން ޖެހުމުގެ ސަބަބުން އިޖްތިމާޢީ އެތައް މައްސަލަތަކެއް ދަނީ ކުރިމަތިވަމުންނެވެ.
މިހާރު އޭދަފުށީގައި ބިން ހިއްކާފައި އޮންނަތާ 10 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، އެހެން ރަށްރަށުގައި ގޯތި ދޫކުރަމުންދާއިރު އޭދަފުށިން ގޯތި ނުދެވެނީ ކީއްވެގެންތޯ ރައްޔިތުން އަބަދުވެސް ސުވާލު އުފައްދައެވެ.
ގޯތި ދޫކުރުމުގެ މައްސަލައާ ގުޅޭގޮތުން އޭދަފުށީ ކައުންސިލުން މިއަދު ބުނީ، ގޯއްޗަށް އެދި ހުށަހަޅާފައިވާ ފޯމުތައް ޕްރޮސެސްކުރުން ލަސްވަމުންދަނީ ހައުސިން މިނިސްޓްރީން އެދިފައިވާ މަޢުލޫމާތު ނުލިބޭތީ ކަމަށެވެ. ނަމަވެސް، އެ މަޢުލޫމާތު ނުލިބުނު ކަމުގައިވިޔަސް، އަންނަ ހަފްތާގެ ތެރޭގައި ފޯމުތައް ޕްރޮސެސްކުރަން ފަށާނެ ކަމަށް ކައުންސިލުން ބުންޏެވެ.


Muizzuge dhuveli