
ބ. އޭދަފުށިން ގޯތި ދޫކުރުން އަވަސްކުރަން ގޮވާލައި ރަށުގެ މަގުތަކުގައި ސުލްހަވެރި މުޒާހަރާއެއް ކޮށްފި އެވެ.
ރޭ ރަށުގެ ބޮޑެތި މަގުތަކުގައި ބޭއްވި މި މުޒާހަރާގައި ގޮވަމުންދިޔައީ ގޯތިދިނުން އަވަސްކުރުމާއި ވީހާވެސް އަވަހަށް ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށެވެ.
މި މުޒާހަރާގައި އޭދަފުށިން ގޯތި ދޫކުރުން ލަސްވެ، ގިނަ ދުވަސްވަމުންދާތީ، ރައްޔިތުން ކުރާ ޑިމާންޑްތައް އިއްވަން ބޭނުންކޮށްފައިވަނީ ލިޔެފައިވާ ބޯޑުތަކެކެވެ. ބޯޑުތައް ހިފައިގެން އަޑުއުފުލަން އެ މީހުން ރަށުގެ ބޮޑެތި މަގުތަކުގައި ވަނީ ކައުންސިލަރުން އިސްތިއުފާއަށް ގޮވައި ސުލްހަވެރިކަމާއެކު އަޑުއުފުލައިފަ އެވެ.

މުޒާހަރާގެ ބައިވެރިން ގެންގުޅުނު ބޯޑުތަކުގައި ލިޔެފައިވާ ގޮތުގައި “މިއުޅޭނީ ހާދަ ހާލަކު އޭ” ކަމަށާއި ކައުންސިލް މެންބަރުންގެ މެދުގައި ހިޔާލު ތަފާތުވުމަކީ ގޯތި ދޭން ނުޖެހޭ ސަބަބެއް ނޫން ކަމަށާއި ރައްޔިތުންގެ ހައްގު ނިގުޅައިގަނެ، ކައުންސިލުން އިހުމާލެވެއްޖެ ކަމަށްބުނެ، ގޯތި ދިނުން އަވަސް ކުރުމަށް ވަނީ އެދިފަ އެވެ. އަދި ހުރިހާ ކައުންސިލަރުންގެ އިސްތިއުފާއަށް ވަނީ ގޮވާލާފަ އެވެ.
ގެވަޅުދީ! ގޯތި ހަދަން ލޯނަށް ލާން ވެއްޖެ! “ދެފަހަރުމަތިން ލީ ފޯމް ކޮބާ؟
ރައްޔިތުންގެ އެންމެބޮޑު ޝަކުވާއަކީ މީގެ 13 އަހަރު ކުރިން މިރަށުގެ ބިން ހިއްކާފައި އޮތަސް އަދިވެސް އޭދަފުށީ ކައުންސިލަށް މިރަށުން ގޯތި ދޫކުރެވޭ ގޮތް ނުވުމެވެ. އެކަމާ ގުޅިގެން ގިނަ ބަޔަކު ރުޅިގަދަވެ، ކައުންސިލަށް މިފަހަކަށް އައިސް އަންނަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

މިރަށު މީހަކު ބުނިގޮތުގައި އޭދަފުށިން ގޯތި ދިނުމުގެ ކަންކަމަށް ކައުންސިލުން ވަނީ ވަރަށްބޮޑަށް އިހުމާލުވެފައެވެ. އޭނާ ބުނިގޮތުގައި ގިނަ އަހަރުތަކެއް ވަންދެން ރައްޔިތުން ހިތްތިރިކަން އިސްކޮށް މަޑުމައިތިރިކާއެކު ތިބެފި އެވެ.
“އެހެންވެ މިހާރު މި ނުކުތީ ސީދާ ހަރަކާތަށް، ސިލްސިލާކޮށް މި ސުލްހަވެރި މުޒާހަރާތައް ދެން ކުރިއަށްދާނެ،”
އޭދަފުށީގެ ހިއްކި ސަރަހައްދުން ދޫކުރަން ނިންމާފައިވާ 83 ގޯއްޗަށް 533 މީހުން ވަނީ ކުރިމަތިލައިފަ އެވެ.
ކައުންސިލުން ބުނެފައިވާ ގޮތުގައި އެ ގޯތިތަކަށްއެދި ކުރިމަތިލާފައިވާ މީހުންގެ ފޯމްތައް އިވެލުއޭޓް ކުރުމުގެ މަސައްކަތްތައް ބާރު ސްޕީޑެއްގައި ކުރިއަށްދެ އެވެ.
