ގޯލްޑަން ފުޓްސަލް ޗެލެންޖުގައި އޭދަފުށި ބައިވެރިވެއްޖެ

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޗެމްޕިއަންކަން ހޯދި އޭދަފުށި ޓީމު ތަށި އުފުލާލަނީ. — ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު

ރާއްޖޭގައި ބާއްވާ ފުޓްސަލްގެ އެންމެ ބޮޑު މުބާރާތް “ގޯލްޑަން ފުޓްސަލް ޗެލެންޖް 2025″ގައި މިހާރުގެ ޗެމްޕިއަން ބ. އޭދަފުށިން ބައިވެރިވެއްޖެ އެވެ.

2025 ވަނަ އަހަރުގެ މި މުބާރާތުގައި ވެސް އޭދަފުށި ތަމްސީލުކުރާނީ ޔުނައިޓެޑް ވީ ޓީމުންނެވެ.

ޔުނައިޓެޑް ވީ އިން ވަނީ 2018، އަދި 2019، 2022 އަދި 2023 ވަނަ އަހަރުގެ މުބާރާތުގައި ވެސް އޭދަފުށީގެ ނަމުގައި ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ވާދަކޮށްފަ އެވެ.މީގެ އިތުރުން، 2014 ވަނަ އަހަރު ބޭއްވުނު ރާއްޖެއަށް ހުޅުވާލެވުނު ހާފް އައިލެންޑް ކަޕް ފުޓްސަލް މުބާރާތުގައިވެސް މި ޓީމުން ވަނީ އޭދަފުށި ތަމްސީލުކޮށްފައެވެ.

މި އަހަރުގެ މުބާރާތުގައި 129 ޓީމުން ބައިވެރިވިއިރު، އޭދަފުށިން ޗެމްޕިއަންކަން ހޯދީ 2023 ވަނަ އަހަރުގެ ޗެމްޕިއަން ލ. ގަން ފައިނަލުގައި ބަލިކޮށްގެންނެވެ.

ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން މި މުބާރާތް ފުރަތަމަ ބޭއްވީ 2015 ވަނަ އަހަރުއެވެ. ކޮވިޑް-19ގެ ސަބަބުން މެދުކެނޑުމަކަށްފަހު، މިހާރު މުބާރާތް އަނެއްކާވެސް ކުރިއަށްދަނީ ކާމިޔާބުކަމާއެކުއެވެ. މުބާރާތުގެ ތާރީޚުގައި ތ. ތިމަރަފުށިން ތިން ފަހަރު ޗެމްޕިއަންކަން ހޯދާފައިވާއިރު، ލ. ގަން، ބ. އޭދަފުށި، ބ. ހިތާދޫ، މާފަންނު އަދި ހެންވޭރުން ވަނީ އެއް ފަހަރު ޗެމްޕިއަންކަން ހޯދާފައެވެ.

2025 ވަނަ އަހަރުގެ މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ 4 ގައި، ލ. ގަމާއި އޭދަފުށި ބައްދަލުކުރާ ގޯލްޑަން ޗެރިޓީ ޝީލްޑް މެޗުންނެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖަކީ ރާއްޖޭގެ ރަށްރަށުގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، ޒުވާނުންގެ ހުނަރު ކުރިއެރުވުމަށް މުހިންމު ދައުރެއް އަދާކުރާ މުބާރާތެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. މުބާރާތުގެ އިންތިޒާމުތަކާ ގުޅޭ އިތުރު މަޢުލޫމާތު ކުރިއަށް އޮތް ދުވަސްތަކުގައި ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން ހާމަކުރަމުންގެންދާނެ ކަަމަށް އެ އެ ސޯސިއޭޝަނުން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.