ފުޅަދޫން 40 ގޯތި ދޫކުރަން އިއުލާންކޮށްފި

ބ. ފުޅަދޫން، އެރަށުން ގޯތި ދޫކުރަން މިއަުދ ވަނީ އިއުލާންކޮށްފައި

ސަރުކާރުގެ ގެދޮރުވެރިކަމުގެ ސިޔާސަތުގެ ދަށުން ބ. ފުލަދޫން 40 ގޯތި ދޫކުރަން މިއަދު އިއުލާންކޮށްފި އެވެ.

އެރަށު ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ، ފުޅަދޫން 2000 އަކަފޫޓުގެ 40 ގޯތި ދޫކުރަން ނިންމާފައިވާ ކަމަށެވެ.

ފުޅަދޫން ގޯއްޗަށް އެދި ހުށަހަޅާ މީހުންގެ ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި ބަންޑާރަ ގޯއްޗެއް ނުވަތަ ބައެއް ނުވަތަ އަމިއްލަ ގޯއްޗެއް ނުވަތަ ބައެއް، ގޯއްޗަށް އެދޭ މީހާގެ ނަމުގައި ރަޖިސްޓަރީވެފައި ނެތުން ނުވަތަ ލިބިފައި ނެތުން ހިމެނެ އެވެ.

ރާއްޖޭގެ އެއްވެސް ތަނަކުން 600 އަކަފޫޓަށް ވުރެ ބޮޑު ބަންޑާރަ ނުވަތަ އަމިއްލަ ގޯއްޗެއް އެ މީހެއްގެ ނަމުގައި ރަޖިސްޓަރީވެފައި ނެތުން، ނުވަތަ ލިބިފައި ނެތުން، އަދި 600 އަކަފޫޓަށް ވުރެ ކުޑަ ބައެއް ރަޖިސްޓަރީ ވެފައިވާ ނަމަ، ނުވަތަ ލިބިފައިވާ ނަމަ ގޯތި ދޫކުރުމުގެ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން ދޫކޮށްލަން އެއްބަސްވާން ޖެހެ އެވެ. ގޯއްޗަށް އެދޭ މީހާ އަށް ބަންޑާރަ ނުވަތަ އަމިއްލަ ގޯއްޗަކުން ތަރިކައިން ލިބެން އޮންނަ ބައި ގޯތި ދޫކުރުމުގެ އުސޫލާ އެއްގޮތަށް ދޫކޮށްލަން ވެސް އެއްބަސްވާން ޖެހެ އެވެ.

ފުޅަދޫން ގޯތި ދޫކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުގެ ޗާޓް

އަދި ރާއްޖޭގެ އެއްވެސް ރަށަކުން ގޯއްޗެއް ނުވަތަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއެއްގެ ދަށުން 600 އަކަފޫޓަށް ވުރެ ބޮޑު ފުލެޓެއް، ރޯހައުސްއެއް، އެއްމެދު އިމާރާތެއްގެ ފުލެޓެއް، ގޯއްޗަށް އެދޭ މީހާގެ ނަމުގައި އޮވެ އެތަން ދޫކޮށްލައިފައި ނުވަތަ ވިއްކާލާފައިވާތާ ދެ އަހަރަށްވުރެ ގިނަ ދުވަސްވާން ޖެހެ އެވެ.

ފުޅަދޫ ކައުންސިލުން ބުނި ގޮތުގައި ގޯތި ލިބޭ މީހުން ހޮވާނީ ޕޮއިންޓު ލިބިފައިވާ ތަރުތީބުން އެންމެ ގިނަ ޕޮއިންޓު ލިބޭ މީހުންނަށް އިސްކަން ދީގެންނެވެ. އެގޮތުން، މި ފަހަރަކު ދޫކުރުމަށް ހަމަޖެހިފައިވާ 40 ގޯތީގެ ތެރެއިން އެންމެ ފަހު ގޯއްޗަށް ވާދަކުރަން އެއްވަރަކަށް ޕޮއިންޓު ލިބިފައިވާ ގިނަ ބަޔަކު ތިބި ނަމަ އެ ގޯތި ލިބޭ މީހާ ކަނޑައަޅާނީ ގުރުއަތުލައިގެންނެވެ.

ކައުންސިލުން ވަނީ ގޯތި ދޫރުމާ ބެހޭ ތަފުސީލީ އުސޫލާއި ގޯތި ދޫކުރުމުގެ ކަންކަން އިވެލުއޭޓް ކުރުމަށް އެކުލަވާލެވިފައިވާ ވިލަރެސް ކޮމިޓީގެ މެންބަރުންގެ މައުލޫމާތުވެސް ގެޒެތްގައި މިއަދު އާންމުކޮށްފަ އެވެ.

ފުޅަދޫން ގޯއްޗަށް ކުރިމަތިލުމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ މަހު 2 ގެ ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ.


ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.