ބީއެމްއެލްގެ ބޯޑަށް ޝާހިދުގެ ނަން ހުށަހަޅައިފި

މުހައްމަދު ޝާހިދު

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑިރެކްޓަރުންގެ ބޯޑަށް ސަރުކާރުން އިތުރު ދެ ނަމެއް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކުރުމަށް ހުށަހަޅާފައި ވަނީ މުހައްމަދު ޝާހިދު އާއި އަލީ އިރުފާނު އެވެ.

ބ. އޭދަފުށި ބޯޑިން ހައުސް މުހައްމަދު ޝާހިދު ވަނީ މޯލްޑިވްސް ޕެންޝަން އޮފީހުގެ ޗީފް ފައިނޭންޝަލް އޮފިސަރުގެ މަގާމު އަދާކުރައްވައިފަ އެވެ. މީގެ އިތުރުން އޭނާ ވަނީ މީރާގެ އެކި ޑިޕާޓްމެންޓްތަކުގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމާއި މީރާގެ ބޯޑުގެ ސެކްރެޓަރީ މަޤާމު ވެސް އަދާކުރައްވާފައެވެ.

ޝާހިދު ވަނީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީއިން މާސްޓަރ އޮފް ސައިންސް (ފައިނޭންސް) އަދި އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް އީސްޓް ލަންޑަންއިން ބެޗްލަރ އޮފް އެކައުންޓިންގ އެންޑް ފައިނޭންސް (އޮނަރސް) ހާސިލުކުރައްވާފައެވެ.

އަލީ އިރުފާނަކީ މިހާރު ފިނޭންސް މިނިސްޓްރީގެ ޕަބްލިކް ފައިނޭންސް މޮޑަނައިޒޭޝަން އެންޑް ރިފޯމްގެ ޕްރޮޖެކްޓް ޑިރެކްޓަރެވެ. އޭނާ ވަނީ ވޯލްޑް ބޭންކުގެ ގްލޯބަލް ޕާޓްނަރޝިޕް ފޯރ އެޑިއުކޭޝަން، ފައިނޭންސް އެންޑް ގްރާންޓް އޮޕަރޭޝަންގެ “ވޮއިސް ސެކަންޑީ” ގެ މަޤާމު ވެސް އަދާކުރައްވާފައެވެ. އަލީ އިރުފާނަކީ ޗާޓަޑް އެކައުންޓަންޓެކެވެ.

އޭނާ ވަނީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލޭންޑުން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން އަދި ހެރިއޮޓް-ވަޓް ޔުނިވަރސިޓީއިން ބެޗްލަރ އޮފް އާޓްސް އިން އެކައުންޓަންސީ އެންޑް ފައިނޭންސް ހާސިލުކުރައްވާފައެވެ.

ބީއެމްއެލްގެ އެކްސްޓްރާ އޯޑިނަރީ ޖެނެރަލް މީޓިންގ (އީޖީއެމް) މި މަހުގެ 21 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ޖަލްސާގައި ބައިވެރިވެވޭނީ މި މަހުގެ 10 ވަނަ ދުވަހާ ހަމައަށް އެ ބޭންކުގެ ހިއްސާދާރުންގެ ދަފްތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ. މިއީ މި އަހަރު ބީއެމްއެލްއިން ބާއްވާ ތިންވަނަ އީޖީއެމްއެވެ.

ބީއެމްއެލްގެ ބޯޑުގައި ޖުމްލަ 11 މެންބަރުން ތިބެއެވެ. އޭގެ ތެރެއިން 8 މެންބަރުންނަކީ ސަރުކާރުން އައްޔަންކުރާ މެންބަރުންނެވެ. އަނެއް 3 މެންބަރުންނަކީ އާންމު ހިއްސާދާރުންގެ ފަރާތުން ބޯޑު ތަމްސީލުކުރާ މެންބަރުންނެވެ. އެހެންނަމަވެސް، މިވަގުތު ބޯޑުގައި ތިއްބެވީ 8 ބޭފުޅުންނެވެ. އޭގެ ތެރެއިން ސަރުކާރުން އައްޔަންކޮށްފައި ތިއްބެވީ 4 ބޭފުޅުންނެވެ.

ބޯޑުގައި ގިނަ ދުވަސްތަކެއް ވަންދެން އިންނެވި ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން މިދިޔަ މަހު ވަނީ ބޯޑުން އިސްތިއުފާ ދެއްވާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.