
އިސްލާމިކް މިނިސްޓްރީން ހާފިޒުން އުމްރާއަށް ފޮނުވުމަށް ފަށާފައިވާ މަޝްރޫޢުގެ ދަށުން އުމްރާއަށް ފޮނުވާނެ ދެވަނަ ހާފިޒަކަށް އަލްހާފިޒް އާސިރު އާރިފް ޔޫސުފް ހަމަޖައްސައިފި އެވެ.
އަލްހާފިޒް އާސިރަށް މި ފުރުސަތު ލިބުނު ކަމުގެ ޚަބަރު ހާމަކުރެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.
މި މަޝްރޫޢުގެ ދަށުން އުމްރާއަށް ފުރަތަމަ ދަތުރުކުރި ހާފިޒަކީ އަލްހާފިޒް އަލީ ރައީފެވެ. ރައީފަށް ވަނީ މިހާރު މި ދަތުރުގެ ރަސްމީ ލިޔެކިޔުންތައް ހަވާލުކޮށްފައެވެ.
ގުރުއާން ހިތުދަސްކުރާ ފަރާތްތަކަށް އުމްރާގެ ފުރުސަތު ހޯދައިދިނުމުގެ މިމަޝްރޫޢު ފެށުނު ކަމުގެ އިޢުލާން ވަޒީރު ޝަހީމް ކުރެއްވީ ކީރިތި ގުރުއާން ކިޔެވުމުގެ 36 ވަނަ ގައުމީ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގައެވެ. މިއީ ގުރުއާން ހިތުދަސްކޮށް ނިންމާ ދަރިވަރުންނަށް ހިތްވަރުދިނުމުގެ ގޮތުން ފަށާފައިވާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމާ އެކު، ގުރުއާން ހިތުދަސްކުރާ ހާފިޒުންނަށް ދައުލަތުން ދެމުންދާ އިނާޔަތް ދެގުނައަށް އިތުރުކުރުމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ.

ނައިފަރު މަދަރަސަތުލް އިފްތިތާޙުގެ ގުރޭޑް 10 ގައި ކިޔަވަމުންދާ 16 އަހަރުގެ އާސިރަކީ މިދިޔަ ޖޫން މަހުގެ 3 ވަނަ ދުވަހު ޤުރުއާނާ ބެހޭ މަރުކަޒުގެ ހިފްޒު ކޮމިޓީއަށް ޤުރުއާން މުޅިން ހިތުދަސްކޮށް ނިންމި ޒުވާން ހާފިޒެކެވެ.
އާސިރުގެ ޤުރުއާނީ ދަތުރު ފެށުނީ 2019 ވަނަ އަހަރު، ނައިފަރަށް އުފަން ޝެއިޚް އަހްމަދު ނާޒިލް މުޙައްމަދު ފެއްޓެވި ހިފްޒުކޮށްދޭ ކުލާހަކުންނެވެ. ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ގޭގައި ހުންނަން ޖެހުނު ދުވަސްވަރު، އާސިރު އިތުރު ވަގުތު ހޭދަކުރީ ހިފްޒު ކުރުމުގައެވެ.

