
އޭދަފުށި ކައުންސިލުން އިންތިޒާމުކުރާ “އޭދަފުށި ކަޕް” ފުޓްބޯޅަ މުބާރާތަށް ރަށުން ބޭރު ކުޅުންތެރިން ގެނައުމަށް އިތުރު ދެ ކްލަބް/ޖަމްޢިއްޔާއަކަށް ޖުމްލަ 50,000 ރުފިޔާ ދޫކުރުމަށް ނިންމައިފިއެވެ.
ކައުންސިލުގެ އާންމު ޖަލްސާއިން މި ނިންމުން ނިންމާފައިވަނީ ވެސްޓް ވިންގްސް އަދި ކްލަބް ދަ ބިގިނާސްއިން ހުށަހެޅި ޕްރޮޕޯސަލްތަކަށް ރިޢާޔަތްކޮށެވެ. ކައުންސިލުން މަޢުލޫމާތު ދިން ގޮތުގައި މި ނިންމުން ނިންމާފައިވަނީ “ކައުންސިލުން އެހީ ދިނުމާބެހޭ އުސޫލާއި މާލިއްޔަތު ޤާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން” ނެވެ.
މި މުބާރާތުގައި ވާދަކުރާ ވެލާ ސްޕޯޓްސް ކްލަބަށް ވެސް ރަށުން ބޭރު ދެ ކުޅުންތެރިން ގެނައުމަށް 25,000 ރުފިޔާ ދިނުމަށް މިދިޔަ މަހު ވަނީ ނިންމައިފަ އެވެ.
“އޭދަފުށި ކަޕް” އަކީ މިދިޔަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މުބާރާތެކެވެ. މި މުބާރާތުގެ މައިގަނޑު މަޤްޞަދަކީ އޭދަފުށީގެ ފުޓްބޯޅަ ކުޅުމުގެ ރޫހު އާލާކޮށް، ޒުވާނުންނަށް ކުޅިވަރުގެ ފުރުސަތު ފަހިކޮށްދިނުމެވެ.
ފަސް ޓީމު ވާދަކުރާ މި އަހަރުގެ މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 25 ވަނަ ދުވަހުއެވެ
މިދިޔަ އަހަރުވެސް ބައެއް ޓީމުތަކަށް ރަށުން ބޭރު ކުޅުންތެރިން ގެނައުމަށް ކައުންސިލުން މާލީ އެހީތެރިކަން ފޯރުކޮށްދީފައިވާކަން ފާހަގަކުރެވެއެވެ.

